ތިނަދޫ ސިޓީ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ އެ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑް ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހުށަހެޅި މައްސަލާގައި އެ ދެ ބޭފުޅުންގެ ފަރާތުން އެދިފައި ވަނީ އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި އެލްޖީއޭއިން އަޅާފައިވާ ފިޔަވަޅުތައް ބާތިލުކޮށްދިނުމަށެވެ.
ޖޫން 25، ގައި މޭޔަރު ސައުދު ސަސްޕެންޑު ކުރީ ތިން މަސް ދުވަހަށް ކަމަށް އެލްޖީއޭއިން ބުންޏެވެ. އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ ސަސްޕެންޑު ކުރީ އެއް މަސް ދުވަހަށެވެ.
ތިނަދޫ ކައުންސިލްގެ އެންމެ އިސް ދެ މެންބަރުންނާ ދެކޮޅަށް މި ފިޔަވަޅު އަޅަން ނިންމީ ދައުލަތުގެ އިދާރާތަކުންނާއި އާންމުންގެ ފަރާތުން ލިބިފައިވާ 19 މައްސަލައެއް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީއަކަށްފަހު ކަމަށް އެލްޖީއޭއިން ބުނެ އެވެ.
މި އިންކުއަރީގެ ދަށުން ކައުންސިލްގެ މެންބަރުންނާއި އިދާރީ މުވައްޒަފުންގެ ބަޔާންތައް ނަގާފަވާނެ ކަމަށާއި މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ވެސް ހޯދާފައިވާނެ ކަމަށް އެލްޖީއޭއިން ބުނެފައި ވެ އެވެ.
މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކުރަމުންދާ ސިޔާސީ ކަމެއް ކަމަށް މީގެކުރިން ސައުދު ވިދާޅުވެފައި ވެ އެވެ.
"އަސްލު ހަގީގަތުގަ މިއީ ކައުންސިލް ބަދުނާމުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީން ކުރަމުންދާ ސިޔާސީ މަސައްކަތެއް. ލޯކަލް ގަވަމަންޓް އޮތޯރިޓީއަކީ މިހާރު އިދާރީ މަސައްކަތް ކުރާ ތަނެއް ނޫން. އެއީ ސިޔާސީ މަސައްކަތް ކުރާ ތަނެއް،" ސައުދު މީގެކުރިން އަދަދު އަށް ވިދާޅުވި އެވެ.
ތިނަދޫގެ މޭޔަަރު ސައުދު އާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑު ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި ތިނަދޫގެ މޭޔަަރު ސައުދު އާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑު ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ