އެމްއޭސީއެލްއިން ހިތާނީ ބާއްވާފައި، އާރުޑީސީން ކިއްލިތެޅީމާ ވާނީ ކިހިނެއް؟

އިއްޔެ ވަރަށް ނުތަންވަޅު ރައްޓެއްސަކު ގުޅައިފިއެވެ. ފޯނެއް ނުނެގުނެވެ. ދެން ވަގުތުން އައީ މެސެޖެކެވެ. "ވަރަށް މުހިންމު ކަމެއް އޮޅުން ފިލުވާލަން ގުޅާލަން ބޭނުން," ކަމަށެވެ. ގުޅުމާ އެކު ނަގާފައި ކުރީ ވަރަށް ހެއްވާ ސުވާލެކެވެ. "ދެއަންބަށް މީހަކާ އިންނަން ވެގެން. އެ ކަމުގައި ފޯމުލާން ދާން ޖެހެނީ, އެމްޓީސީސީއަށްތަ؟ އެމްޕީއެލްއަށްތަ؟ ނޫނީ ވެމްކޯއަށްތަ؟" ވަރަށް ތައުލީމީ އެ ޒުވާނާ އެ އެހި ސުވާލުން ވަރަށް ހިނިއައެވެ. ހަމައެއާއެކު ވެގެން މިއުޅޭގޮތް ހަމަ އެއްކޮށް އޮޅުންފިލިއެވެ. އަދި، އެ ސުވާލަށް ފަހު ދެން އޭނާ ވާހަކަދައްކަން ފައްޓަމުން ބޭނުންކުރި ބަސްތަކުން, ސިޔާސީ މީހުންގެ އަމަލުތަކާއި ގައުމާ ދޭތެރޭ މާޔޫސްވެފައިވާ މިންވަރު ރަނގަޅަށް ސިފަކޮށްލެވުނެވެ. އިއްޔެ އޭނާ މާ ރުޅިގަދަ ވެގެން މި އުޅުނީ, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމުގެ ޒިންމާ އަދާކުރާ އެމްއޭސީއެލްއިން 63 ރަށެއްގައި ކަސްރަތު ކުރާނެ ތަންތަން ހަދަން ހަވާލުވުމާ ގުޅިގެންނެވެ. މިއީ އެތައް ބަޔަކަށް ޖޯކަކަށްވި, އަދި ނުހަނު ކަންބޮޑުވި ކަމެކެވެ. https://www.sun.mv/210133 ކިރިޔާ ވެސް ތަންދޮރުފިލާ, އާއްމު މައުލޫމާތު ހުންނަ މީހުންނަށް މީގެ ކުރިން ދައުލަތުގެ ވަކިވަކި އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކަކީ ކޮންކަމެއް ކުރަން ޚާއްސަ ތަންތަންކަން އެނގޭނެއެވެ. ނަމަވެސް، އެއީ މިހާރު މާޒީއެވެ. މިހާރު މި ކަންކަން ވާގޮތުން ހަމަ ވަރަށް ރަނގަޅަށް ބަލާފައި ނޫނީ މިވެނި އިދާރާއަކުން ނުވަތަ މިވެނި ކުންފުންޏަކުން ކުރާނީ މިވެނި ކަމެކޭ ބުނާކަށް ނޭނގޭނެއެވެ. މަގު ހެދުމުގެ މަސައްކަތަށް ޚާއްސަކޮށްގެން އުފައްދާވައިވާ, މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އާރުޑީސީ)އާ މި ސަރުކާރުން އެތައް ހޮސްޕިޓަލެއް އަޅަން ހަވާލުކޮށްފިއެވެ. މަގު ހަދާ ކުންފުނިން ހަވާލުވި ކަންކަމުގެ ތެރޭގައި ހއ. އިހަވަންދުއާއި ޅ. ނައިފަރާއި ހުޅުމާލޭގައި ހޮސްޕިޓަލް އިމާރާތް އެޅުން ހިމެނެއެވެ. އެ މައްސަލައަކާ ހެދި ދިވެހީންނަށް ހަމަޖެހުމެއް ނުލިބޭ, ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އުފައްދާފައިވާ, ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަށް އަދި ބޯހިޔާވަހިކަން ހައްލު ކުރެވޭވަރާ ގާތަށް ވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. ނަމަވެސް، ސަރުކާރުން އެދިގެން އެ ކުންފުނިން މިހާރު މިވަނީ ރަށްރަށުގައި ސްކޫލު ކްލާސް ރޫމާއި މަލްޑިޕާސްޕޯސް ހޯލް އަޅަން ހަވާލުވެފައެވެ. އެ ވެސް ފިއްކަނޑައިގެންދާ ވަރުގެ ބޮޑެތި އަގުތަކެއްގައެވެ. މީގެ ކުރިން ޕްރޮފެޝަނަލް މެނޭޖުމަންޓްތަކުން ވަރަށް ރަނގަޅަށް, ރައްޔިތުންގެ އިތުބާރު ހޯދައިގެން ހިންގަމުންދިޔަ, އެއާޕޯޓް ކުންފުނި, އެމްއޭސީއެލްއިން އެ ހަވާލުވީ 63 ރަށެއްގައި ކަސްރަތު ކުރާނެތަންތަން ހަދާށެވެ. މައި އެއާޕޯޓްގައި ކުރަން ޖެހި, ނުކުރެވި އެތައް ހާސް ކަމެއް ހުއްޓައި ކަމާ ނުވެސް ބެހޭ ކަމަކާ ހަވާލުވީއެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެންޑޭޓުން ބޭރުން, އެ ކުންފުނިތަކުގެ އެއްވެސް އިލްމެއް, ހުނަރެއް ނެތް ދާއިރާތަކުގެ މަސައްކަތްތަކާ ހަވާލުވުން މި ވަނީ މި ސަރުކާރާއެކު ވަރަށް އާއްމުވެފައެވެ. އެކަމަކު، މިއީ ރާއްޖޭގައި އާ ކަމެއް ވެސް ނޫނެވެ. އިގުތިސާދީ އިސްލާހީ ވާހަކަ އެންމެ ބޮޑަށް ދައްކަވާ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އާއްމު ދަތުރުފަތުރަށް ބަސް ދުއްވުމުގެ ޚިދުމަތް ދިނުމަށް, ވިޔަފާރި ބަނދަރު ހިންގަން އުފައްދާފައި އޮތް, މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލު ކުރުމުގެ އިތުރުން އެހީ ދިނުމުގެ ނަމުގައި ހިންގި ފައުންޑޭޝަނެއްގެ ބޭނުމަށް ދައުލަތުގެ އެތައް ކުންފުންޏެއްގެ ވަސީލަތްތައް ބޭނުންކުރިއެވެ. ވޯޓާ ކައިރިކޮށް, ހުޅުމާލޭގެ އަގުބޮޑު ބިންތަކާއި މާލެ ކައިރި ފަޅުފަޅުގައި ނުވެސް ހިއްކި ހުރި ބިންތައް ބަހާލި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ވެސް މިފަދަ އެތައް ކަމެއް ކުރެއްވިއެވެ. ފެނަކައަށް ހަދާލި ގޮތް އެކަނި ބަލާލިޔަސް ތަފުސީލެއް ވެސް ބޭނުމެއް ނުވާނެއެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން އެޗްޑީސީ އޮއްވައި އެފްޑީސީ ހަދައިގެން ކުރެއްވި ކަންކަން ވެސް މެއެވެ. މިހެން މި ހަދަނީ ކީއްވެ؟ ދުނިޔޭގެ ތަހުޒީބީ މުޖުތަމައުތަކުގައި ސިޔާސީ ބޭނުމަށް ވެސް ނުކުރާނެ ނުވަތަ ނުކުރެވޭނެ ކަންކަން ހުންނާނެއެވެ. ނަމަވެސް، އެ ގައުމުތަކުގެ ތެރޭގައި މި ގައުމެއް ނުހިމެނެއެވެ. ސިޔާސީ ބޭނުންވާ ކުޑަކުޑަ ކަމެއް ކުރަން ވެސް ކިތަންމެ ބޮޑު ކަމެއް ވެސް ކޮށްފާނެއެވެ. އޭގެ އެއް މިސާލަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި ހުރިހާ ވެރިކަންތަކެއްގައި ވެސް މި ހަދާލާގޮތެވެ. ރައީސް އެފްޑީސީގައި: އެ ކުންފުންޏާ ނުވެސް ބެހޭ މަސައްކަތްތައް އެބަ ހަވާލު ކުރައްވާ -- ފޮޓޯ/ ރައީސް އޮފީސް މި ރިޕޯޓަށް ސަރުކާރުގެ އެތެރެއިން އެކި ލެވަލްތަކުން ހޯދި މައުލޫމާތުން އެހެން ސަރުކާރުތަކަށް ވުރެ މާ ބޮޑަށް ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް, އެ ކުންފުނިތަކުގެ މެންޑޭޓުން ބޭރުން މަސައްކަތްކުރުވާ ސަބަބު ތިލަކޮށްލެވުނެވެ. އެ މަސްދަރުތަކުން މައުލޫމާތު ދިން ގޮތުގައި މީގެ މައިގަނޑު އެއް ސަބަބަކީ, ކުރިއަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވެސް އޮތްއިރު, ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ތަރައްގީގެ މާ ބޮޑު މަޝްރޫއެއް ނުހިނގައިގެން ސަރުކާރަށް އަމާޒުވަމުން އައި ފާޑުކިޔުންތަކުން އަރައިގަތުމެވެ. އެ މަސްދަރުތަކުން މައުލޫމާތު ދިން ގޮތުގައި ސަރުކާރުން ހަވާލުކުރި މަސައްކަތްތައް ކުރުމުން އެކިއެކި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ސަރުކާރުން ނުދީހުރި ފައިސާގެ އަދަދު ފަސް ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ. ކޮންޓެކްޓަރުން އެ ތިބީ އެ ފައިސާ ނުލިބި ބަންގުރޫޓްވެފައެވެ. އެހެންކަމުން އަމިއްލަ ކުންފުނިތަކާ އައު މަސައްކަތްތައް ހަވާލުކުރެވެން ނެތުމުން އެ ކަމަށް ސަރުކާރު ކުންފުނިތައް ގުރުބާންކުރަނީއެވެ. "ސަރުކާރު ކުންފުނިތަކާ ހަވާލު ކުރީމާ ވަރަށް ބޮލަށް ފަސޭހަ ސަރުކާރަށް. އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިނަމަ އެޑްވާންސް ޕޭމަންޓްވެސް ދޭން ޖެހޭނެތާ. އަނެއްކޮޅުން މަސައްކަތް ނިމޭވަރަކުން ފައިސާ ދޭން ޖެހޭނެ ނޫންތޯ؟ ނުދީފިއްޔާ ގުޅައި, ސޯޝަލް މީޑިއާގައި ވެސް ޖަހާނު. އެކަމަކު، ސަރުކާރު ކުންފުނިތައް ވީމާ އެ ފައިސާ ނުދިނަސް އެ ޕްރެޝަރެއް ނުދޭނެ ނޫންތޯ؟ ހަމަ އެއްކަމެއް ވެސް ނުކުރާނު. އެއީ މައިގަނޑު ސަބަބު," ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި, ސަރުކާރު ފަޅީގެ ބޭފުޅަކު ވިދާޅުވިއެވެ. އޭނާގެ ވާހަކައިން އެނގުނު ގޮތުގައި ކުންފުނިތަކުގެ މެންޑޭޓުން ބޭރުން މަސައްކަތްތައް ހަވާލުކުރާތީ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކަންބޮޑުވުން ވެސް ބޮޑެވެ. އެ ވާހަކަ އެކި ލެވަލްގައި ވަރަށް ބޮޑަށް ދައްކާކަމަށް ވެއެވެ. ގިނަ ކުންފުނިތަކަކުން ވަނީ ސަރުކާރުން މެންޑޭޓުން ބޭރުން މާ ގިނަ ކަންކަން ހަވާލުކުރާތީ އެކަންކަން ކުރެވޭނެ ގާބިލުކަން ނެތްކަން ވެސް އަންގާފައި ކަމަށް ސަރުކާރު ތެރެއިން ލިބުނު މައުލޫމާތުން އެނގެއެވެ. މި ކަމަށް ފިނޭންސްގެ ބަހެއް ލިބޭތޯ ވަރަށް މަސައްކަތްކުރި ނަމަވެސް މިހާތަަނަށް ލިބިފައެއް ނުވެއެވެ. އެކަމަކު، އެކި މަސްދަރުތަކުން އެނގުނު ގޮތުގައި އެހެން އެކަން ދިމާވަނީ މިދިޔަ ސަރުކާރުތަކުގައި ނަގާފައި ހުރި ލޯނުތައް ދައްކަން ފައިސާ ހަމަޖައްސަން ޖެހުމުގެ ސަބަބުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި ނަންގަވާފައިވާ ކުރު މުއްދަތުގެ ލޯންތަކެއް ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. "އެކަމަކު ފިނޭންސްއިން ވެސް މި ބުނަނީ މި ނޫންގޮތެއް މިހާރު ނެތޭ. އެޓްލީސްޓް އިހަށް ހަވާލުވެލާށޭ ދެން ނުވިއްޔާ ފަހުން ހަވާލު ކުރާނީއޭ އެހެން ބަޔަކާ،" ކުރިން ވާހަކަދެއްކި ބޭފުޅާ ވިދާޅުވިއެވެ. ޒަމާނުންސުރެއް ރާއްޖޭގައި ކަންވާ ގޮތަކީ އެކި ދުވަސްތަކާ ދިމާކޮށް ހަވާލު ކުރާ ގިނަ ޕްރޮޖެކްޓްތަކެއް ވަކި ހިސާބަކުން ހުއްޓޭނެއެވެ. އޭގެ ތެރެއިން ނިންމާނީ ބައެއް ޕްރޮޖެކްޓްތަކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ދިވެހީން އެ ކަމަށް އަހުލުވެރިއެވެ. އެ ކަމަށް ދިވެހީން ކިޔަނީ އިންތިޚާބަށް ވީމާ ކަޑަ ޖެހުމެވެ. ރައީސް މުއިއްޒު އޭޓީއެމްއެއް ހުޅުވަނީ: މި ސަރުކާރުން އަންނަނީ އޭޓީއެމް ހުޅުވުން ފާހަގަކުރަމުން -- ފޮޓޯ/ ރައީސް އޮފީސްސަރުކާރުގެ މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުގައި ސަރުކާރު ކުންފުނިތަކަށް ޕްރޮޖެކްޓްތައް ހަވާލުކުރާ އަނެއް މައިގަނޑު ސަބަބަކީ ރަށްރަށުން ވަޒީފާއަށް ގިނަ އަދަދެއްގެ ބަޔަކު ނެގުމަށް ސަބަބެއް ހޯދުމެވެ. މިހާރު ވެސް ސަރުކާރު ކުންފުނިތައް ފުރިގެން, ބަންޑުން ވާވަރަށް މީހުން ނަގާފައި އެބަތިއްބެވެ. ބައެއް ކުންފުނިތަކުގެ ބަޖެޓްގައި މުސާރަ ދެވޭނެ ގޮތެއް ވެސް ނެތެވެ. އެކަމަކު ވެސް މީހުން ނަގަނީއެވެ. ވަކިވަކި ޕްރޮޖެކްޓަށް މީހުން ނަގާއިރު އެއީ ގައުމަށް ގެއްލުން ވިޔަސް, ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސިޔާސީ ގޮތުން ސަރުކާރަށް ބޮޑު ފައިދާއެއް ނެގޭނެ ކަމެކެވެ. މިކަމުގެ ނަތީޖާ ގިނަ ފަހަރަށް ވަރަށް ހިތި! ރަނގަޅު ކަންކަން ވެސް, އަދި ގޯސްކަންކަން ވެސް މި އަންނަނީ އެއްބައެއްގެ ފުށުން އަނެއް ބަޔަކަށެވެ. އެހެންކަމުން މިފަދަ ކަންކަން ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކޮށް އުޅޭ ކަމެކެވެ. އެ ފަދަ އެއް މިސާލަކީ އެފްރިކާގެ ގައުމެއް ކަމަށްވާ, ގާނާގައި ހައްދާ ޗޮކްލެޓް ހެދުމަށް ވެސް ބޭނުންކުރާ ކޮކޯގެ ކަންކަން ބަލަހައްޓާ "ކޮކޯ ބޯޑުން" އެ ގައުމުގެ މަގުތަކެއް ހަދަން 2017 ގައި ހަވާލުކުރުމުން ލިބުނު ބޮޑު ގެއްލުމެވެ. ކަމާ ނުވެސް ގުޅުންހުރި މަސައްކަތެއް އެ ކުންފުނި ލައްވައި ކުރުވަން އުޅުމުގެ ނަތީޖާއަކީ އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ކުރިމަތިވުމެވެ. އަނެއް މިސާލަކީ ރާއްޖެ ފަދަ, މުސްލިމު ގައުމެއް ކަމަށްވާ ޕާކިސްތާނެވެ. އެ ގައުމުގައި ހިންގި, ބޭނަޒީރު އިންކަމް ސަޕޯޓް ޕްރޮގްރާމް (ބީއައިއެސްޕީ)އިން ފަގީރު އާއިލާތަކަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ބޭނުންކުރީ, އެ ގައުމުގެ ރަސްމީ ޕޯސްޓް ކުންފުންޏެވެ. ސިޓީބިޓީއާއި ޕާރުސަލް ފަދަ ތަކެތި އެއްތަނުން އަނެއްތަނަށް ގެންގޮސްދޭ ޕޯސްޓް ކުންފުނި މެދުވެރިކޮށް ފައިސާ ބަހަން އުޅުމުގެ ނަތީޖާ ވަރަށް ހިތްޗެވެ. އެ ގައުމުގައި 2016 އާއި2017ގައި ހެދި އޮޑިޓްތަކުން އެނގުނު ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ވަނީ ދާން ނުޖެހޭ ދިމަދިމާލަށް ގޮސްފައެވެ. އެންމެ ފަހުން ސަރުކާރަށް މަޖުބޫރުވީ އެހެން ޕޭމަންޓް ސިސްޓަމަކަށް ބަދަލުކުރާށެވެ. https://www.sun.mv/209573 އެ ކަމެއްގެ ހުނަރު ނެތް ބައެއް ލައްވައި ކަންކަން ކުރަން އުޅުމުން މިފަދަ ކިތަންމެ ކަމެއް ހިނގާނެއެވެ. ސަރުކާރުން ހުރިހާ ކަމެއް ކުރުމުން ދެން ދިމާވާ އަނެއް މައްސަލައަކީ އިގުތިސާދު ހުއްޓުމެވެ. މީގެ ކުރިން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ރާއްޖޭގައި ވަރަށް ބާރަށް ކުރިއަރަމުން ދިޔަ, ބޮޑު ނަފާއެއް ހޯދި ދާއިރާއެކެވެ. ނަމަވެސް، ސަރުކާރުން ކުންފުނިތައް ލައްވައި ކުރުވި މަސައްކަތަށް ފައިސާ ދޫކުރާނެ ތާރީހު ސީދާ ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވުމަށް ފަހު ވެސް އެކަން އެގޮތަށް ނުވާތީ އެންމެ ބޮޑުން ފެށިގެން ކުދި ކުންފުނިތައް ވެސް ވަނީ ބަންގްރޫޓްވާ ހިސާބުގައެވެ. "އިމާރާތްކުރުމުގެ ދާއިރާގައި 30 އަހަރު މި ވީއިރު މިހާ ދަތި ދުވަސްތަކެއް ނުކުރަން ތަޖުރިބާއެއް. މަގުމައްޗަށް ނުކުންނަން އެބަ ލަދުގަނޭ. ކްރެޑިޓަށް ނެގި އެއްޗެއްސަށް ފައިސާ ނުދެއްކޭތީ ސަޕްލަޔަރުން އެބަ ބަވާ. ކުރި މަސައްކަތުގެ ފައިސާ ނުލިބެންޏާ ކިހިނެއް ފައިސާ ދައްކާނީ," އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ. "ތަންތަނުގައި ކުލަލާ ޕާޓިޝަން ޖަހަން ހަދައިގެން އުޅޭ ކުންފުނިތަކުން ފެށިގެން ވަރަށް ބޮޑެތި ކުންފުނިތައް ހިމެނޭ ގޮތަށް އެތައް ބަޔަކު ބަންގްރޫޓްވެއްޖެ. ވަރަށް ފުޅާކޮށް މި މަސައްކަތްކުރި ފަސްދޮޅަހަކަށް ކުންފުނި ވެސް ހަމަ ހުއްޓިފައި. ކުރިން ވަރަށް ފުޅާކޮށް އަމިއްލަ މަސައްކަތްކުރި އެތައް ބަޔަކު މިހާރު އެބަ މަސައްކަތް ކުރޭ ސަރުކާރު ކުންފުނިތަކުން ވަޒީފާގަނޑެއް ލިބޭތޯ. އަނބިދަރިންނަށް ކާން ދޭން ޖެހޭނެތާ," އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން އެކިއެކި ސިފަސިފައިގައި އެ ކަންބޮޑުވުންތައް ދަނީ ހިއްސާކުރަމުންނެވެ. ނަމަވެސް، ދޭން އޮތް ފައިސާ ނުދީފާނެތީ ފާޅުގައި ވާހަކަދައްކަން ބައެއް މީހުން ޖެހިލުންވެއެވެ. އަދި، އެ ދާއިރާގެ ހައްގުގައާއި ތަރައްގީއަށް މަސައްކަތް ކުރަން އުފައްދާފައިވާ ދެ ޖަމިއްޔާގެ އެންމެ އިސްވެރިން ތިއްބެވީ ސަރުކާރުގެ އިސް މަގާމުތަކެއްގައިކަމުން އެ ތަންތަނުގެ އަޑެއް ނެތެވެ. މުޅި ދާއިރާ ހުއްޓި, އުމުރު ދުވަހު ކުރި މަސައްކަތް ފެނަށް ދިޔައިރު ވެސް ހަމަ އެއްވެސް އެއްޗެއް ނުބުނެއެވެ. ގައުމުގެ ކަންކަން އިސްލާހުކުރުމަށް އެކި ފެންވަރުގައި ވަކާލާތު ކުރައްވާ, މިދުއަމް ސައުދު ވިދާޅުވި ގޮތުގައި އިގުތިސާދުގައި ފައިސާ އެނބުރޭނީ ރަނގަޅު މަސައްކަތްތައް ކުރުވައި އެ މަސައްކަތްތަކަށް ދޭން ޖެހޭ ފައިސާ ކުންފުނިތަކަށް ދޫ ކުރުމުންނެވެ. "ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭން ހުރި ބިލިއަން ރުފިޔާ ނުދީ ހުރީމާ އެ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރައެއް ނުދެވޭ. ކުއްޔެއް ނުދެއްކޭ. އެ މީހުން ކުރާނެ އެހެން ޚަރަދުތައް މިސާލަކަށް ކޮފީ ބުއިން އެއްޗެހި ގަތުން, މިކަންކަން ނުކުރެވޭ. އެހެންވީމާ އިގުތިސާދު ތެރޭގައި ފައިސާ ނޭނބުރޭ," މިދުއަމް ހާލަތު ސިފަކޮށްދެއްވިއެެވެ. "މިހެން މިކަން ކޮށްފައި އެ ފައިސާ ބްލޮކް ކޮށްފައި ދެން ސަރުކާރު ކުންފުނިތަކަށް ޕްރޮޖެކްޓް ދީ, ބޭނުން ނުވާ ވަރަށް މުވައްޒަފުން ނަގައި އެ މީހުންނަށް މުސާރަ ދިނީމާ ހަގީގަތުގައި އަގެއް ނެތް ކަމަކަށް އެ ފައިސާ ހަރަދު ކުރެވެނީ. އެއީ، މުޅިން ފެނަށް ދާނެ ފައިސާ. ބަޔަކަށް މުސާރަ ދެވިދާނެ އެކަމަކު އެއްވެސް އިގުތިސާދީ އެސެޓެއް ކްރިއޭޓެއް ނުކުރެވޭނެ،" މިދުއަމް ގަބޫލު ކުރައްވާގޮތުގައި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ސަރުކާރު ކުންފުނިތަކުން ކުރުމާއި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ކުރުމުގައި ވެސް ފައިދާއާއި ގެއްލުންތަކެއް ވެސް ކުރިމަތިވެއެވެ. މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަންގެ އިސް މަގާމުތަކެއް ވެސް ފުރުއްވާ މިދުއަމް މިސާލެއްގެ ގޮތުން ދެއްކެވީ އެ ގައުމެވެ. ދުނިޔެ ހައިރާން ކުރުވާފައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ޗައިނާގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ވަރަށް ވަރުގަދަކަން މިދުއަމް ފާހަގަކުރެއްވެވިއެވެ. އެ ގައުމުގެ ތަރައްގީގެ ފަހަތުގައި އޮތީ އެ ކުންފުނިތައް ކަމަށްވާއިރު ހޯދާ ނަފާ ވެސް ވަރަށް ބޮޑުކަން އޭނާ ފާހަގަ ކުރެއްވެވިއެވެ. "އެކަމަކު އެކަން އެެހެން ވަނީ އެ ގައުމުގައި އެސްއޯއީތައް ހިންގަނީ ވަރަށް ހަރުކަށި ކޯޕަރޭޓް އުސޫލުތަކުގެ ދަށުން ކަމަށް ވާތީ. ބޭކާރު މުވައްޒަފުންނެއް ނުނަގާނެ. ބޭކާރު ހަރަދެއް ނުކުރާނެ. ޗައިނާގެ ސިޔާސީ ހާލަތު އޮތްގޮތުން ކުންފުނިތަކަށް އެ ފުރުސަތު އެބައޮތް," މިދުއަމް ކިޔައިދެއްވިއެވެ. އޭނާ ދެން ދެއްކެވި މިސާލަކީ ދުނިޔޭގެ އެންމެ ގަދަ ބާރު އެމެރިކާއެވެ. އެ ގައުމުގައި ސަރުކާރުން ކަންކަން ކުރަނީ އަމިއްލަ ކުންފުނިތައް ބޭނުންކޮށްގެންކަން ފާހަގަކުރައްވައި މިދުއަމް ވިދާޅުވީ، އޭގެ ސަބަބުން ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ, މޮޅެތި އީޖާދުތަކާއި އުފެއްދުންތެރިކަން އިތުރުވާ ކަމަށެވެ. އެ ގައުމުގެ ސިޔާސީ ސިސްޓަމް އޮތްގޮތުން ގައުމާއި އިގުތިސާދަށް އެންމެ ފައިދާ ބޮޑީ އެގޮތެވެ. "ދެން ބަލަންވީ ރާއްޖޭގެ ޕޮލިޓިކަލް ސިސްޓަމަށް. އަދި އިކޮނޮމިކް ސިސްޓަމަށް. މި ސަގާފަތް ބޮޑަށް ދިމާވަނީ އެމެރިކާއާ. އެކަމަކު ރާއްޖޭގައި ސަރުކާރު ކުންފުނިތައް ހިންގަނީ ކޯޕަރޭޓް ރޫލްއަށް ވުރެން ބޮޑަށް ޕޮލިޓިކަލް ރޫލްސްއަށް. ވީމާ ސުވާލަކީ ރާއްޖޭގައި މި ކަހަލަ ޕްރޮޖެކްޓްތައް ސަރުކާރު ކުންފުނިތަކަށް ދީގެން ޗައިނާގައި ނެރޭ ނަތީޖާ ނެރެވިދާނެތޯ؟ އަޅުގަނޑު ގަބޫލު ކުރާގޮތުގައި އެކަމެއް ނުވާނެ," މިދުއަމް ވިދާޅުވިއެވެ. ތަފާސްހިސާބުތަކުން އެކަން ފެންނަން އެބައޮތެވެ. ރާއްޖޭގައި ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި ހިންގާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އޭގެ ތެރެއިން 22 ކުންފުންޏަކީ ސީދާ 100 ޕަސެންޓް ސަރުކާރުން ހިއްސާ އޮތް ކުންފުންޏެވެ. މިވީ ދިގު މުއްދަތުގެ ތެރޭގައި މީގެ ތެރެއިން ފައިދާއެއް ނެރެވެނީ އެއް އަތުން ގުނާލެވޭހާ މަދު ކުންފުންޏަކަށެވެ. ގާތްގަނޑަކަށް 90 ވަރަކަށް ޕަސެންޓް ކުންފުނި ހިންގަނީ ގެއްލުމުގައި, އަދި ކުރަން ނުވާނެ ހުރިހާ ކަމެއް ކޮށްގެންނެވެ. ކޮންމެ އިންތިހާބަކަށް މަގާމުތައް ބެހުމާއި ކަޑަތައް ޖެހުމުގައެވެ. ކުންފުނިތަކާ ހަވާލުވެ ގިނައިން ތިބީ, ވިޔަފާރިއެއް, ކޯޕްރޭޓް އުސޫލެއް ނުދަންނަ ސިޔާސީންނެވެ. ސަރުކާރު ކުންފުނިތަކުގެ ދަރަނި ހުރީ 125 ބިލިއަން ރުފިޔާއަށް ވުރެ މަތީގައެވެ. ސަރުކާރު ކުންފުނިތައް އިސްލާހު ކުރަން ލަސްވެއްޖެއެވެ. ސިޔާސީ ބޭނުމަށް ބޭނުންކޮށްކޮށް, ގައުމަށް ނޫނުބެއްދޭ ވަރުގެ ބުރައަކަށް ވެއްޖެއެވެ. ކުންފުނިތައް އިސްލާހުކުރެވޭނެ ގޮތްތައް ސާފެވެ. ޕްރަވަޓައިޒޭޝަން އުސޫލުން ހިންގުމާއި ގާބިލު މީހުން އައްޔަންކުރުމާއި ކޯޕަރޭޓް އުސޫލުތައް ހަރުދަނާ ކުރުމެވެ. އެކަމަކު، އޭގެން އެއްކަމެއް ނުކޮށް ކުންފުނިތައް ބޭނުން މިކުރަނީ ސިޔާސީ ބޭނުމަށެވެ. ކަމެއް ކުރަންނުވާ ގޮތަށް ކުރަން އުޅުނީމާ "ތި އުޅެނީ އެމްއޭސީއެލް ލައްވައި ޖިމް ހަދާ ގޮތަށް ހަދާށޭ" ބުނާ މިސާލު ބަހެއް އުފެދޭ ހިސާބަށް ކަންކަން ގޮސްފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ