ރައީސުލްޖުމްހޫރިއްޔާ، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ތޮއްޑޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ ފަރާތުން ވަނީ، ޓާރމިނަލަކާއެކު ސީ ޕްލޭންގެ ޚިދުމަތް ފަށަން ބޭނުންވާކަމަށާއި، އިތުރުވަމުންދާ އާބާދީއަށާއި އަދި ފަތުރުވެރިކަން ފުޅާވަމުންދިއުމާއެކު މިހާރު ހުރި ހެލްތު ސެންޓަރ ހޮސްޕިޓަލެއްގެ ދަރަޖައަށް ބަދަލުކުރައްވައި، އެފެންވަރަށް ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސްކޫލުގެ ފަރާތުން ވަނީ، ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވައި، ސައިންސް ލެބެއް ނެތުމުން ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ. އަދި އެބޭފުޅުން ވަނީ ރާއްޖޭގައި ވޭޕް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ސަރުކާރުން ކުރެއްވި މަސައްކަތައް ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ