މާލޭގައި ބާވެ، ތަޅައިލަންޖެހޭ އެތައް އިމާރާތެއް އެބަހުރި: އާޒިމް

މާލޭގެ ހަތަރު އަވަށުގައި ވެސް ބާވެ، ރެނދު ލައި، ތަޅައިލަން ޖެހޭ އެތައް އިމާރާތެއް މިހާރު ވެސް އެބަހުރި ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް މިއަދު ވިދާޅުވެއްޖެއެވެ. އިއްޔެ އޮތް މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 208ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ޢާޒިމް ވިދާޅުވީ ބާވެފައިވާ ޢިމާރާތްތައް މަރާމާތުކޮށް ރަނގަޅުކުރުމަކީ ޢިމާރާތުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ. ދާދި ފަހުން ސަލާހުއްދީން ބިލްޑިންގުގެ ބައެއް ވެއްޓި، މުދަލަށް ގެއްލުންތަކެއް ލިބުނު ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ކައުންސިލްގައި ބާ އިމާރާތްތައް ތަޅައި ސާފު ކުރުމުގެ މާލީ ތަނަވަސްކަމާއި ވަސީލަތްތައް ނެތް ކަމަށެވެ. އީޑީސީ އިމާރާތުން ބައިތަކެއް ވެއްޓިފައިވާ މަންޒަރު -- ސަން ފޮޓޯ/ މާނިއު މުހައްމަދު ޢާޒިމް ވަނީ، އިމާރާތް ތަޅައިލުމުގެ މާލީ ތަނަވަސްކަން ނެތް ޙާލަތުގައި، ގާނޫނުގައިވާ ފަދައިން، ސަރުކާރުން އެކަން ކޮށް، ޚަރަދު ހޯދުމަށް ބިލް ހުށަހެޅެން ވެސް އޮތްކަން ފާހަގަކުރައްވައިފައެވެ. އަދި ޢިމާރާތް ތަޅައިލުމަށްފަހު ފައިސާ ލިބެންދެން ބިން ހިފެހެއްޓުން ނުވަތަ މަސައްކަތްކުރި ފަރާތުގެ ބެލުމުގެ ދަށުގައި ބިން ބެހެއްޓުން ފަދަ ވިސްނުންތަކެއް ގެންގުޅެންޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ބިމެއްގައި އިމާރާތްކުރާ ދުވަހުން ފެށިގެން ސިންކިން ފަންޑެއް ނުވަތަ އިންޝުއަރެންސް ސްކީމެއްގެ ތެރެއިން، މުސްތަގްބަލުގައި، އެ ތަނެއް ތަޅައިލަން ޖެހުމުން، އެކަމުގެ ޚަރަދަށް ފައިސާ އެއްކުރުން ވެސް މުހިންމުކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. "ފައިސާއަކީ ހުރިހާ އެއްޗެއް ނޫން. ބައެއްގެ ފުރާނަ މިކަމުން ގެއްލިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކަމެއް،" އާޒިމް ވިދާޅުވިއެވެ. ޢާޒިމް ވަނީ މާލޭގައި މިފަދަ ބޮޑު މައްސަލައެއް ކުރިމަތިވަމުން އަންނައިރު، ކައުންސިލްގެ ވެސް އަދި ދައުލަތުގެ ވެސް ދައުރެއް އެބަ އޮތް ކަމަށް ފާހަގަކުރައްވައިފައެވެ. އެކަމަށް ޙައްލެއް ހޯދޭނެ ފަދަ ޤާނޫނެއް ނުވަތަ ނިޒާމެއް ކަނޑައެޅުމުގެ މުހިންމުކަން ތަކުރާރުކުރައްވައި، މިކަމާ ގުޅޭގޮތުން ސިޓީސް މިނިސްޓްރީއާއި ވެމްކޯއާ ވެސް މަޝްވަރާކުރައްވައިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. މިފަހުން ވެސް މާލޭގައި ބާވެފައިވާ އިމާރާތަކުން ބައެއް ވެއްޓި ވެހިކަލްތަކަކަށް ބޮޑު ގެއްލުމެއް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ