ފެކްޝަނޭ ކިޔަނީ އެމްޑީޕީ ވަރުގަދަވާތީ ގުޑުގުޑުއަޅާ ބޭފުޅުން: ޝާހިދު
އެމްޑީޕީގެ ތެރޭގައި ފެކްޝަން ހެދިފައޭ ކިޔައި ވާހަކަދައްކަނީ އެމްޑީޕީ ވަރުގަދަވާ މަންޒަރު ފެނި 'ގުޑުގުޑު އަޅާ' ބޭބޭފުޅުން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ރައްދެއް ދެއްވައިފިއެވެ. ޝާހިދު އެފަދައިން ވިދާޅުވީ، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި އެ ޕާޓީއާ ގުޅިވަޑައިގަތުމުގެ އުފަލުގައި އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި އެ މަނިކުފާނަށް ސަޕޯޓުކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. އަދި، ނަޝީދު އެ ޕާޓީއާ ގުޅިވަޑައިގަތުމާއެކު ދެ ފެކްޝަނެއް ޕާޓީގެ ތެރޭގައި ހެދޭނެކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަތައް ދޮގުކުރައްވައި ޝާހިދު ވިދާޅުވީ، އެއީ ޕާޓީ ވަރުގަދަވާތީ ދައްކާ ވާހަކަތަކެއް ކަމަށެވެ. އަޅުގަނޑަށް ހީވަނީ މި ވާހަކަތަކުގެ ތެރެއިން ބޮޑަށް ފެކްޝަނާއި މި ވާހަކަތައް ގެންނަނީ އެމްޑީޕީގެ އުސޫލުތައް ހަރުދަނާކޮށް ހިނގާތަން ފެނުނީމާ ގުޑުގުޑު އަޅާ ފަރާތްތައްހެން. ހެދޭ ކުރިއެއްގައި ހުންނާނެ ކުދިކުދި ފަތްތަކާއި ކުރިތައް ފަޅައިގެން ދާނެ. އެއީ އެމްޑީޕީ މި ދައްކައިދޭ އެއްޗަކީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ބައިވަރު ލީޑަރުން އެބަތިއްބެވި ކަމަށާއި އެ ހުރިހާ ލީޑަރުންނާ އެކުގައި އެމްޑީޕީ ވަރުގަދަވަމުންދާ ކަމަށެވެ. އެ ލީޑަރުން ފެނުމުން އެމްޑީޕީއާ ދޭތެރޭގައި ރައްޔިތުންގެ އުންމީދުތައް އިތުރުވަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު ލިބޭ އެންމެ ބޮޑު އުފަލަކީ އެމްޑީޕީ ހެދޭ ކުރިއެއްގެ ގޮތުގައި ފެނުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ގިނަ ލީޑަރުންތަކެއް ފެނި، ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް ލިބުމަކީ އުފަލެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް -- ސަން ފޮޓޯ/ މާނިއު މުހައްމަދު ޝާހިދުގެ ވާހަކަތަކަށް ބާރުދެއްވަވައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ, ފެކްޝަނޭ ވިދާޅުވެ ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. ރައީސް ޞާލިހަށް ތާއީދުކުރައްވާ ބޭފުޅެއް އަޅުގަނޑަކީ ވެސް އަދި ޕަޓީގެ ރައީސަކީ ވެސް. އަޅުގަނޑުމެން ވެސް ތިބިން އެ ޖަލްސާގައި. ރައީސް ޞާލިޙު ވަނީ ވަރަށް ބޮޑު ފަރުވާއަކަށް ރާއްޖެއިން ބޭރަށް ދެ ހަފުތާއެއް ވަރު ކުރިން ވަޑައިގެންފައި. ރައީސް ނަޝީދު ވެސް މިއަދު ފުރާވަޑައިގަންނަވާނެ އަނެއްކާ ބޭރަށް. މަޑުކުރެވެން ނެތުމުން ޖަލްސާ އަވަހަށް ބޭއްވީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ނަޝީދާއި ދަ ޑިމޮކްރެޓްސް އަލުން އެމްޑީޕީއާ ގުޅެން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވަނީ ގަރާރެއް ފާސްކޮށްފައެވެ. އެކަން ރަސްމީކޮށް ފާހަގަކުރުމަށް ރޭ ހަފުލާ ބޭއްވީ ސަލްޓަން ޕާކުގައެވެ. https://sun.mv/207729 ޑިމޮކްރެޓްސްގެ ނިންމުމަށް ޞާލިޙް، ސޯޝަލް މީޑިއާގައި މަރުހަބާ ވިދާޅުވި ނަމަވެސް ޖަލްސާއަށް ވަޑައިނުގަންނަވައެވެ. އެ މަނިކުފާނުގެ ކޮއްކޮ އަދި ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވަނީ ޞާލިޙަށް ޖަލްސާއަށް ވަޑައިނުގަނެވުނީ ރާއްޖެއިން ބޭރުގައި ހުންނެވުމުން ކަމަށް ވިދާޅުވެފައެވެ. ނަޝީދުގެ އަރިސް ބޭފުޅަކު ރޭ "ސަން"އަށް ވިދާޅުވީ ޞާލިޙް މިއަދު ނަޝީދަށް ފޯނުން ގުޅުއްވައި ވާހަކަދެއްކެވި ކަމަށެވެ. އަދި, އެ ފޯނުކޯލުގައި ޞާލީޙް، ނަޝީދަށް މަރުހަބާ ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ. ނަޝީދު ގުޅިވަޑައިގަންނަވަން ޖަލްސާ ބާއްވަން ތައްޔާރުވަމުން ދަނިކޮށް, އާދިއްތަ ދުވަހުގެ ރޭ ޞާލިޙް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ވެސް އިއުލާނުކުރައްވައިފައެވެ. ނަޝީދު ވެސް ވަނީ ރިޔާސީ ރޭހަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ދެ ބޭފުޅުންގެ މެދުގައި މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ވާދަވެރިކަން ބޮޑުވިއެވެ. ނަޝީދު އެ ޕާޓީން މީގެ ދެ އަހަރުކުރިން ވަކިވެވަޑައިގަތީ ވެސް ޞާލިޙާ ވާދަކުރައްވައި ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ