ޓޫރިޒަމްގެ ބައިވެރިން އެއްތަންކުރުވި ކާމިޔާބު މަޝްވަރާތަކަކަށްފަހު ދެވަނަ ފިއުޗާ ސަމިޓް ނިންމައިލައިފި
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަކާއި، އެ ކަންކަމަށް ހޯދޭނެ ހައްލު ދެނެގަތުމަށް މަޝްވަރާކުރުމަށް ބާއްވައި، ފިއުޗާ ސަމިޓްގެ ދެވަނަ އެޑިޝަން ކާމިޔާބުކަމާއެކު މިއަދު ނިންމައިލައިފިއެވެ. ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ސަމިޓުގައި، ރާއްޖޭގެ ފަތުރުވެރިކަމުގައި ބައިވެރިވާ ރިސޯޓުތަކާއި، ހޮޓާ، ގެސްޓްހައުސްތަކާއި، އެ ނޫން ވެސް މި ސިނާއަތުގެ ވެރިންނާއި، އިގްތިޞާދީ ދާއިރާގެ ބޭފުޅުން ބައިވެރިއެވެ. މިއަހަރުގެ ސަމިޓުގެ ތީމަކަށް ކަނޑައަޅާފައި ވަނީ، 'މޯލްޑިވްސް ޓޫރިޒަމް: ދަ ނެކްސްޓު ލީޕް ފޯވާޑް' އެވެ. މި ތީމުގެ ދަށުން ސަމިޓުގައި ތިން ޕެނަލް ޑިިސްކަޝަނެއް ކުރިއަށް ގެންދިޔައެވެ. މި އަހަރުގެ ފިއުޗާ ސަމިޓުގެ ތެރެއިން -- ސަން ފޮޓޯ އެގޮތުން ފުރަތަމަ ޕެނަލް ޑިސްކަަޝަނަކީ ބޫމް ޓު ބެލެންސްގެ ނަމުގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނެކެވެ. މި ޑިސްކަޝަނުގައި އިންވެސްޓަރުންގެ ފަރާތުން ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ވައިސް ޗެއާމަން ނޫރައިން ޖަނާހު، ތިމާވެށީގެ ދާއިރާއިން ޕާލޭ މޯލްޑިވްސްގެ ރާއްޖޭގެ އެގެޒެކެޓިވް ޑައިރެކްޓަރު ޝާހީނާ އަލީ، އަދި އިގްތިޞާދީ ދާއިރާއިން އާތިފް ޝަކޫރު ބައިވެރިވެލެއްވިއެވެ. މި ޑިސްކަޝަނުގައި، ނޫރައިން ވަނީ، ރާއްޖޭގައި ފަތުރުވެރިކަމަށް ތަންތަން ތަރައްގީކުރާއިރު، ކޮލިޓީ ހިފެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދަދު މަތިކުރުމަށްވުރެ، ގެސްޓުހައުސްތަކާއި، ހޮޓާތަަކާއި ރިސޯޓުތައް ވެސް ތަރައްގީކުރަންވާނީ ކޮލިޓީ ދަށްނުވާނެހެން ތަރައްގީކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އާތިފް ވަނީ، އެތައް ގެސްޓު ހައުސަކާއި، ރިސޯޓުތައް ހިންގައި، އެތައް ބަޔަކު އިންވެސްޓުކޮށްފައި އޮތްއިރު، ހަމަޖެހެން ވަގުތު ބޭނުންވާކަމާއި، އެ ނޫން ނަމަ މުޅި ނިޒާމު އެއްކޮށް ހަލާކުވުމުގެ ބިރު އޮތްކަމަށް ފާހަގަކުރައްވައިފައެވެ. އަދި އެ ވަގުތު ނުދީފިނަމަ ލަގްޒަރީ ޑެސްޓިނޭޝަނަކުން، އާދައިގެ ކޮމޮޑިޓީއަކަށް ރާއްޖޭގެ ފަތުރުވެރިކަން ބަދަލުވުމުގެ ނުރައްކާ އޮތްކަމަށް ފާހަަގަކުރައްވައިފައިވެއެވެ. މީގެ އިތުރުން ގެސްޓު ހައުސްތަކާއި، ރިސޯޓުތައް އިތުރުވަމުން އަންނަނީ ރާއްޖޭގެ ގުދުރަތީ ވެށި، އެ ވެއްޓަށް އަންނަ ބަދަލުތަކަށް ހޭނެން ވަގުތު ނުލިބި މާ އަވަހަށް ކަމަށް ވެސް ޝާހިނާ ފާހަގަކުރެއްވިއެވެ. ދެވަނަ ޕެނަލްގައި ވަނީ، މިހާރު ފަތުރުވެރިކަމާއި، މީހުންނާއި، ދަތުރުފަތުރަށް އަންނަ ބަދަލާއެކު މީގެ 25 އަހަރު ފަހުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް މާކެޓުކުރުމުގައި ގެންގުޅެވިދާނެ އުކުޅުތަކަކީ ކޮބައިތޯ މަޝްވަރާކޮށްފައެވެ. މި އަހަރުގެ ފިއުޗާ ސަމިޓުގެ ތެރެއިން -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ ތިންވަނަ ޕެނަލްގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި އުޅުއްވާ ގާބިލު ތަޖުރިބާކާރުންގެ ތެރޭގައި ހިމެނޭ މުހައްމަދު އާލިމާއި އަލީ ޝާމިންއާއި މުހައްމަދު މައުރޫފު ވަނީ ފަތުރުވެރިކަމަށް 53 އަހަރު ވާއިރު ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ތަންތަނުގައި ވަޒީފާ އަދާކުރާ ދިވެހީން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށްފައެވެ. އެއާއެކު، ކީނޯޓް ސްޕީކަރެއްގެ ގޮތުގައި މި ސަމިޓުގައި ވާހަކަދެއްކެވީ، ކްލިކް ކޮލެޖުގެ ފައުންޑާ އަދި ރައީސް ޑރ. މުޙައްމަދު ނައުޝާދެވެ. މި ސަމިޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑެސްޓިނޭޝަން ފިއުޗާގެ ވައިސް ޗެއާ އަމްޖަދް ތައުފީގް ވިދާޅުވީ، މި އަހަރުގެ ސަމިޓަކީ ވަރަށް ކާމިޔާބު ސަމިޓެއް ކަމަށެވެ. އެގޮތުން މި ސަމިޓުގެ ޕެނަލްތަކަކީ ވެސް ވަރަށް މުހިންމު މަޝްވަރާތަކެއް ކުރެވުނު، އެންމެންގެ ތެރޭގައި ވެސް ދައްކަން ބޭނުންވެ ނުދެއްކި ހުރި ވާހަކަތަކެއް ދެކެވުނު ޕެނަލްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. މި ފަހަރުގެ ސަމިޓުގެ އެއް މަގްސަދަކީ ދާއިރާގެ އެންމެން އެއްތަންކުރުވައި، އެންމެން ބައްދަލުވާނެ މާހައުލެއް ގާއިމްކުރުން ކަމަށާއި، 150 އަށްވުރެ ގިނަ ބައިވެރިން، ބައިވެރިވި މި ސަމިޓާއެކު އެ ކަން ހާސިލްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ޖެނެރަލް މެނޭޖަރުން، ރިސޯޓުތަކުގެ ވެރިން، މާކެޓިން އެންޑް ސޭލްސް ފަދަ އެންމެ ސީނިއާ، ބޭފުޅުން ބައިވެރިވި. އެންމެން ވެސް ހަމަ ވަރަސް އުފާވެރި، އެންމެން ވެސް ބުނީ ހަމަ ދައްކަން ޖެހޭ ވާހަކަތަކެކޭ ދެކެވުނީ މި ސަމިޓުގެ ތެރެއިން،" އަމްޖަަދު ވިދާޅުވިއެވެ. މި ސަމިޓު ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔުމުގައި މީޑިއާ ޕާޓުނަރުގެ ގޮތުގައި ސަން ސިޔާމް މީޑިއާއާއި ޑިޖިޓަލް ޕާޓުނަރުގެ ގޮތުން އުރީދޫއާއި ސަންސިޔާމު ރިސޯޓްސްއާއި ކުރުނބާ މޯލްޑިވްސްގެ އިތުރުން އެކި ދާއިރާތަކުގެ ފަރާތްތަކުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް، އަމްޖަދު ޝުކުރު އަދާ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ