ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު އިތުރުކުރަން އަންގައިފި ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު އިތުރުކުރަން އަންގައިފި

މިސްކިތްތަކުގައި ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު އިތުރުކުރަން ނިންމައި، އެގޮތަށް އަމަލުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު ބުނެފައިވަނީ މިގޮތަށް ނިންމީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ބަންގި އާއި ގަމަތާ ދެމެދު ހިނގާ ވަގުތު އެއްވަރެއްގައި ހިފެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތަށް ނިންމީ މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުގެ ލަފަޔާއެކު ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓްރީން ނިންމާފައިވަނީ ފަތިސް ނަމާދުގައި ބަންގި އާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި އަސުރު ނަމާދުގައި 12 މިނެޓު، މަގުރިބް ނަމާދުގައި އަށް މިނެޓު އަދި އިޝާ ނަމާދުގައި 10 މިނެޓު ކަމަށް ކަނޑައެޅުމަށެވެ.
އެއް މިނެއްގައި ވަގުތު ހިފެހެއްޓުމުގެ އިތުރުން، މިގޮތަށް ނިންމަން ޖެހުނީ ބަންގި އާއި ގަމަތާ ދެމެދު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވެގެން އާންމުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާތީ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މި ނިންމުން ކައުންސިލްތަކަށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިސްކިތްތައް ބަލަހައްޓަނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ