ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 'އެމްޕަވަމަންޓް ހަބެއް' އަޅަން ސޮއިކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން އެމްޕަވަމަންޓް ހަބެއް ގާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނަރަލް އޮފް ޒަކާތު އައްޝައިޚު އިއްޒުއްދީން އަދުނާނެވެ. ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއިލް އަލީއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން އެމްޕަވަމަންޓް ހަބެއް ގާއިމްކުރުމަށް ޓަކައި ޒަކާތު ހައުސްގެ އެހީތެރިކަމަށް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީން އެދިފައިވާތީ، އެ ކަމަށް އެހީތެރިވެ، ހަބު ގާއިމްކުރަން އެ މިނިސްޓްރީއަށް ދޭން ނިންމީ 19 މާރިޗު 2025 ގައި ބޭއްވުނު ޒަކާތު ކައުންސިލްގެ 16 ވަނަ ބައްދަލުވުމުގައެވެ. އެމްޕަވަމަންޓް ހަބު ގާއިމްކުރުމުގެ ބޭނުމަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީ މިހާރު އިތުރުވަމުންދާތީއާއި ރަސްމީ ތައުލީމު ނިންމުމަށްފަހު މުޖުތަމައަށް ނިކުންނަ ނުކުޅެދުންތެރި ކުދީންނާއި ތަފާތު ހުނަރުތައް ލިބިފައިވާ ނުކުޅެދުންތެރި މީހުން ބާރުވެރި ކުރުވުން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެފަދަ މީހުންނާއި ކުދީންގެ ހުނަރު ތަރައްގީކޮށް، އިސްލާމީ ތަރުބިއްޔަތު ދިނުމާާއި، އެ ފަދަ ފަރާތްތަކަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކާއި، ހަރަކާތްތައް ކުރިއަށް ގެންދިއުމާއި، އެ ފަރާތްތަކަށް މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މި އެއްބަސްވުމުގެ މުއްދަތަކީ، މީލާދީ ގޮތުން 25 އަހަރު ދުވަހެވެ. މި "އެމްޕަވަމަންޓް ހަބު" ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ އަމާންއުދަރެސް ޓަވަރު ހަތެއްގެ އެއްވަނަ ފަންގިފިލާއެވެ. މި ހަބު މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތައް ފައިދާތަކެއް ކުރާނެކަމަށް ދެ މުއައްސަސާއިން ވެސް އުންމީދުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ