މުޅިން އާ ޝަރުތެއް އުފަން ކުރުމަށްފަހު އެކަމަށް ބިނާކޮށް އަދި ފަހުން ހާލަތަށް އަންނަ ބަދަލަކަށް ރިއާޔަތްކޮށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު ބައެއް މީހުންގެ އަތުން ފްލެޓު އަތުލާ މައްސަލަ ނުބަލަން މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
އަނބިމީހާ ނުވަތަ ފިރިމީހާއަށް ސޯޝަލް ހައުސިން ސްކީމަކުން ތަނެއް ލިބިފައި ނެތުމަކީ ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލިއިރު ފުރިހަމަވާންޖެހޭ ޝަރުތެއް ނޫނެވެ. އެކަމަކު، އަނބިމީހާ ނުވަތަ ފިރިމީހާއަށް ސޯޝަލް ހައުސިންއެއް ލިބިފައިވާ ނަމަ ފްލެޓު ނުލިބޭނެކަން މެއި 29، އިން ފެށިގެން ހައުސިން މިނިސްޓްރީ އިން ދަނީ އަންގަމުންނެވެ.
އޭގެ އިތުރުން، ފޯމު ހުށަހެޅި ފަހުން ހާލަތަށް އަންނަ ބަދަލަކުން ޕޮއިންޓު އުނި ކުރާ މައްސަލަ ބަލަން ވެސް ކައުންސިލުން ދެކޮޅު ހެދި އެވެ. ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ނިޔާވުމުން، އެކަމަށް ބިނާކޮށް ވެސް ޕޮއިންޓު އުނިކޮށްފައިވެ އެވެ.
އެ މައްސަލަތައް ބަލަން ވެރިކަން ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލަށް ހުށަހެޅީ ސައިފް ފާތިހު (އައިކޮ) އެވެ. އޭނާ އެންމެ ފުރަތަމަ ހުށަހެޅީ ފްލެޓު ދޭން ކަނޑައެޅި އެންމެނަށް ފްލެޓު ދިނުމަށް ގޮވާލުމަށެވެ. ފަހުން ހުށަހެޅީ ކައުންސިލުގެ ހައުސިން ކޮމިޓީއިން އެ މައްސަލަ ބެލުމަށެވެ. އެ ދެ ހުށަހެޅުން ވެސް ފާހެއް ނުވި އެވެ.
"ހައުސިންގް މިނިސްޓްރީ އިން އަންގަމުން ދާކަން ފާހަގަކުރިން. އަދި ގޯލު ޖަހަން ފައިނެގީމާ ގޯލް ޕޯސްޓް މޫވްކުރުންފަދަ ކަމެއް މިއީ. ފަހުން ހަދާ ގަވާއިދެއް، އުސޫލަކުން ކުރިން ހިނގި ކަމެއްގެ މައްޗަށް އަދަބު ދީ، ފިޔަވަޅު އެޅުމަކީ ނަހަމައެއް،" ސައިފް ވިދާޅުވި އެވެ.
ފްލެޓު އެވޯޑު ކުރުމުގައި ކުރިން ނެތް ޝަރުތެއް އުފަން ކުރުވައިގެން ފްލެޓު އަތުލަމުންދާނީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ވެސް ދަނީ ތައްޔާރުވަމުންނެވެ. އެ މައްސަަލަ ކޯޓަށް ހުށަހަޅަން މަސައްކަތް ކުރަނީ ފަހި ޔޫނިއަން ޖަމިއްޔާއިންނެވެ.
ބައެއް މީހުންގެ އަތުން ފްލެޓު އަތުލުމުގެ މަސައްކަތް ސަރުކާރުން ފަށާފައި މި ވަނީ، އެންމެ ފުރަތަމަ އިއުލާނު ކުރި ލިސްޓަށް ބަދަލެއް ނުގެނެސް ފްލެޓު ދޭނެ ކަމަށް ސަރުކާރުން ބުނުމަށްފަހެވެ. ހައުސިން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ލިސްޓުގައި ހިމެނޭ މީހުންގެ އަތުން ފްލެޓު އަތުލާނީ ފްލެޓު ލިބިފައި ހުރީ ގޯސްކޮށް ކަން ކަނޑައެޅިގެން އެނގެން ހުރެއްޖެ ނަމަ ކަމަށެވެެ. އެފަދަ މީހުންގެ އަތުން ވެސް ފްލެޓު އަތުލާނީ ގާނޫނީ މަރުހަލާ ކަޑައްތު ކުރުމަށްފަހު ކަމަށް އެއިރު މުއްތަލިބު ވިދާޅުވި އެވެ.
އާ ޝަރުތެއް އުފަންކޮށްގެން ފްލެޓު އަތުލަމުން އަންނަ މައްސަލަ ބަލަން ކައުންސިލުން ބޭނުމެއް ނުވި އާ ޝަރުތެއް އުފަންކޮށްގެން ފްލެޓު އަތުލަމުން އަންނަ މައްސަލަ ބަލަން ކައުންސިލުން ބޭނުމެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ