މައްސަލަތައް ހައްލު ކުރެވޭނެ، ޕާޓީ ވަރުގަދަވާނީ "ކަށިކެޔޮގަނޑު" އެކައްޗަކަށްވެގެން: ފައްޔާޒް މައްސަލަތައް ހައްލު ކުރެވޭނެ، ޕާޓީ ވަރުގަދަވާނީ "ކަށިކެޔޮގަނޑު" އެކައްޗަކަށްވެގެން: ފައްޔާޒް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި ހުރި މައްސަލަތައް ހައްލު ކުރެވޭނެ ކަމަށާއި ޕާޓީ މިހާރަށް ވުރެ ވަރުގަދަ ކުރެވޭނީ ޕާޓީ އިން ކުރިން ކެނޑުނު މެންބަރުން ވެސް އަނބުރާ އައިސް، "ކަށިކެޔޮގަނޑު އެކައްޗަކަށްވެގެން" ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅުމާއި އެމަނިކުފާނާ ނުރުހޭ ބޭފުޅުން ލީޑާޝިޕުގައި ތިބުމާ ގުޅޭ ގޮތުން، ޕާޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު އަމާޒުވުމުން ފައްޔާޒް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލަތައް "ހިހޫވާނެ" ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަޅުގަނޑު ގަބޫލު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަންކަން މަޑުމަޑުން ހިހޫވެގެން ދާނެ ކަމަށް. މީގައި އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ދިވެހިރާއްޖެ މި ދާ މިސްރާބު ހުއްޓުވޭނީ އެމްޑީޕީ ވަރުގަދަވެގެން،" ފައްޔާޒް ވިދާޅުވި އެވެ.
"އެމްޑީޕީ ވަރުގަދަވެވޭނީ ހަމަ ހަގީގަތުގައި ވެސް، އަވަހަށް ވަރުގަދަވެވޭނީ، ކައިރި މުސްތަގުބަލެއްގައި އެމްޑީޕީއަށް ވަރުގަދަވެވޭނީ އެމްޑީޕީއިން ވަކިވެގެން ގޮސްފައި ތިބި ބޮޑު ޗަންކެއް އަޅުގަނޑުމެން އަލުން އެއްވެގެން. ކަށިކެޔޮގަނޑު އެކައްޗަކަށް ހެދިގެން ހަމަ ވަރުގަދަވެވޭނީ،"
ޗެއާޕާސަން ވިދާޅުވީ، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ނަޝީދު އެމްޑީޕީއިން ވަކިވެގެންދިޔަ ގޮތުން ޕާޓީގެ އެތެރޭގައި ހިތްހަމަނުޖެހުން އެބަ ހުރި ކަމަށެވެ. އެކަމަކު، އެފަދަ ކަންކަން ހިތުގައި ލައިގެން ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެބަހުރި ހިތްހަމަނުޖެހުން. ފާހަގަ ކުރެއްވި ގޮތަށް ވަރަށް ހުތުރުކޮށް ކަންކަން ގޮސްފައި އޮތީ. ދެން އެއީ އެންމެ ރަނގަޅަށް ވެފައި ހުރި ކަންކަމެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެކަހަލަ ކަންތައް ހިތުގައި ނުލައި ސިޔާސީ ކަންކަން ކުރުމުގައި އަޅުގަނޑުމެން ދަސްކުރަންޖެހޭ، އުޅެންޖެހޭ." ފައްޔާޒް ވިދާޅުވި އެވެ.
ނަޝީދު އެނބުރި އެމްޑީޕީއާ ގުޅުމުން ޕާޓީގެ ގިނަ މެންބަރުންގެ ފަރާތުން އެކަން ބަލައިގެންފައިވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. އެއީ އެމްޑީޕީއަށް ހަރުދަނާކޮށް ކުރިއަށްދެވޭނީ ޕާޓީ އެކުވެގެން ކަމަށް މެންބަރުން ގަބޫލު ކުރާތީ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"މިކަމާ [ނަޝީދު ޕާޓީއާ ގުޅުމާ] ގުޅިގެން ލިބުނު ފީޑްބެކުގައި، އަޅުގަނޑު ދަންނަވާނީ 90 ޕަސެންޓު [މެންބަރުން] ގަބޫލު ކުރައްވާ ކުރިއަށް ދެވޭނީ މިގޮތަށް ކަމަށް އަދި ހިތްހަމަނުޖެހުން ހުރި ކަމުގައިވިޔަސް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށްފަހު މިދިޔަ ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އަލުން އެނބުރި ގެއަށް އާދެވުނުކަމުގެ އިހުސާސް މިހާރު ކުރެއްވޭ ކަމަށެވެ.
"އަޅުގަނޑު ޕާޓީއާ ދުރުގައި ދެ އަހަރެއްވަރުވެއްޖެ. އެހެންނަމަވެސް މިރޭ، މިތަނަށް އައިސް ހުންނަ އިރު، އިންތިހާއަށް އަޅުގަނޑު އުފާވޭ. އަލުން އަނބުރާ ރަށަށް އާދެވުމުން، ގެއަށް އާދެވުމުން އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ދިރިއުޅެނީ އެފްރިކާގައި. އަލުން އަނބުރާ ގެއަށް އާދެވުމުން އެ ވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑު ހިތުން ދުވަހަކު ވެސް ހިތުން ފިލައެއްނުދާނެ، ތިބޭފުޅުންނަށް ވަރަށް ވަރަށް ބޮަޑަށް ޝުކުރިއްޔާ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ