އަޅުގަނޑު ނިޞްބަތްވަނީ ވަރަށް ފަޤީރު ޢާއިލާއަކަށެވެ. އެހެންކަމާއިއެކުވެސް މައިންބަފައިންގެ ފެންވަރުން ކިޔަވައިދިނެވެ. ކިޔެވުނުބ ފެންވަރުން ރަނގަޅު ވަޒީފާއެއްވެސް ލިބުނެވެ. ވަޒީފާގައި އުޅެނިކޮށް ބައްދަލުވި މީހަކު ކައިވެންޏަށް އެދުމުން ބުނީމެވެ. "ތިބާއަކީ އެންމެ ތަނަވަސް މީހެއް ނޫންނަމަވެސް ތަނަވަސްކަން ހުރި މީހެކެވެ. އަހުރެންނަކީ ވަރަށް ނިކަމެތި އަންހެނަކީމެވެ. ފެންވަރު މިހާތަފާތުވީމާ އޮންނާނީ މައްސަލަތައް ޖެހިފައެވެ."
އޭނާ އަޅުގަނޑުގެ އަޑެއް ނުއެހިއެވެ. ފަހަތުން ވިސްދީ ވަކިވަރަކަށް ނޫނެވެ. އެންމެފަހުން އަޅުގަނޑަށްވެސް ޤަބޫލުވެވި ކައިވެނިކުރީއެވެ. އުފަލުގައި އުޅެވުނީ އަހަރެއްހައި ދުވަހުއެވެ. އަޅުގަނޑުދެކެ ފޫހިވެއްޖެއެވެ. ނުކުރާ ކަންކަންވެސް ކުރިކަމަށް ހަދައި ކުށްދައްކަން ފަށައިފިއެވެ. ކުރަން ނުބުނާ ކަންކަން ކުރަން ބުނި ކަމަށް ހަދައިގެންވެސް ކުށްދައްކަން ފަށައިފިއެވެ. އެއިން އެއްވެސް ކަމަކަށް އަނގައިންވެސް ނުބުނެ ކެތްކުރަން މަސައްކަތްކުރީމެވެ.
ހޮނިހިރު ދުވަހެކެވެ. މެންދުރުވާން ގާތްވެފައި ހުއްޓައި މަންމަ އަޅުގަނޑު ދެކެލަން އައުމުން ދެމައިން މެންދުރު ނަމާދުކޮށްގެން އައިސް ފިރިމީހާއަށް އިންތިޒާރުކުރަން ތިއްބައި ފިރިމީހާ އާއި އޭނާގެ ހަގަށް ހުންނަ އަންހެން ކޮއްކޮއާއި ދެމީހުން ބާޒާރުކޮށްގެން އައިސް ގެއަށް ވަނުމުން އެންމެން އެކުގައި ކާން ބުނުމުން ކާން އިށީނދެފައި ރަހަކިޔަންފެށީ ވަކިވަރަކަށް ނޫނެވެ. ހަދާފައި ހުރި އެއްޗެތި ގިނަވެގެންވެސް ޝަކުވާ ކުރިއެވެ. އެކަމަކު އެހެންދުވަސްދުވަހަށްވުރެ ގިނައިން އެއްވެސް އެއްޗެއް ނުކައްކަމެވެ. މަްނމަ އައިސް އިނީތީ އިތުރެއްވެސް ނުކުރަމެވެ.
ފިރިމީހާގެ ވާހަކަތަކަށް ކެތްނުކުރެވިގެން މަންމަ ރޮމުން ތެދުވެ ގެއިން ނުކުންނަން ހިނގައިގަތުމުން އަޅުގަނޑުވެސް މަންމައާއިއެކު ހިނގައި ގަތީމެވެ. އެއީ މަންމަގެ ހިތްހަމަޖައްސައިދެވޭތޯއެވެ. ފިރިމީހާ ބުނީ މަންމަ ޢާއިއެކު ނުކުމެފައި އެނބުރި ގެއަށް ނުވަނުމަށެވެ.
އަޅުގަނޑު ޖަވާބެއް ނުދަމެވެ. ތެދުވީ މަންމައާއިއެކު ދިއުމުގެ ނިޔަތުގައި ނޫން ނަމަވެސް އެހިސާބުން ނިންމީ މަންމައާއިއެކު ދިއުމަށެވެ. އެހެންވެ މަންމަ ގޮވައިގެން ގެއަށް ދިއައީއެވެ. އެއްވެސް އެއްޗެއްވެސް ނުގެންދާތީ އިރުކޮޅަކުން ފިރިމީހާ އަޅުގަނޑުގެ އެއްޗެތި ގެއަށް ފޮނުވިއެވެ.
ވީގޮތް އެނގެއެވެ. މާރީތި ކުއްޖަކު ފެނުނީއެވެ. ވީމާ އިތުރަށް ގުޅައި ވާހަކަދައްކަން މަސައްކަތެއް ނުކުރަމެވެ. ނުކުންނާނެ ރަނގަޅު ނަތީޖާއެއް ނެތްކަން ވިސްނޭތީއެވެ.
ވަރިކޮށް ޢިއްދަ ހަމަވިތަނާ ބައްދަލުވި އަޅުގަނޑު ފަދަ ފަޤީރު މީހަކާ ކައިވެނިކުރީމެވެ. ދެމަފިރިން އެކުގައި ކުރި މަސައްކަތުން ކުރިއެރުން ލިބި އަމިއްލަ ވިޔަފާރިއެއް ފެށީމެވެ. އުފަލުގައި އުޅެމުން އަނަނަތާ 4 ވަނަ އަހަރު ފިރިމީހާ ބައްދަލުކުރިއެވެ. ބުނީ އޭނާ ކުރަމުން އައި ވިޔަފާރި ހުލިވެ ފަޤީރުވެއްޖެކަމަށެވެ. ކުށްކުރެވުނީ އޭނާއަށްކަން ޤަބޫލުކުރާ ކަމަށާއި މާފުކޮށްފައި އަލުން ގުޅުމަށެވެ.
ބުންޏެވެ. "ޤަބޫލުކުރެވެނީ ބަދުނަޞީބު ކުރިމަތިވީ ތިބާގެ މަންމަގެ ލޮލުން ކަރުނަ އަޅަން ޖެއްސުވުމުން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ." އަޅުގަނޑު ބުނީމެވެ. "ވީކަމެއް ވެ ނިމިއްޖެއެވެ. އަހުރެންނަށް ލިބިފައިވަނީ ފިރިއެއް ނޫނެވެ. އަގުބޮޑު ރަންގަނޑެކެވެ. ވީމާ ދެމީހުން އަލުން ގުޅުމުގެ އެއްވެސް ވާހަކައެއް ނުދައްކާށެވެ. ދެންވެސް ރަނގަޅު އަްނހެނަކު ހޯދައިގެން ކައިވެނިކޮށް ރަނގަޅަށް އުޅެވޭތޯ ބަލާށެވެ! އަހުރެންވެސް ދުޢާކޮށްދޭނަމެވެ."
އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު 12 އަހަރުވީއެވެ. އަދިވެސް މިތިބީ ހަމަ ހަނީމޫނުގައެވެ. އިން ޝާ ﷲ
މިއީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވި ގޮތެވެ. ޢިބްރަތެއްވާނަމަ ޙާޞިލުކުރައްވާށެވެ!
- ޢާލިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ޢިބްރަތްތެރި ވާހަކަ: މަންމަގެ ވިޔަސް މައިދައިތަގެވިޔަސް ލޮލުން ކަރުނައަޅަން ޖެއްސުވުމަކީ މީހާ ބަނގުރޫޓުވެ ނިކަމެތިވެގެންދާ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ