އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް

މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ 20 އަހަރަކީ ވަރަށް މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރާނެ ކަމަށެވެ.
ތަފްސީލް - 20 އަހަރުވީއިރު އެންމެ ގިނަ ދުވަހު ދެމިއޮތް ޕާޓީ އަކީ އެމްޑީޕީކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ ރާއްޖެއަށް ގިނަ ބަދަލުތައް ގެނައުމުގެ އެއް މޭސްތިރިއަކީ ވެސް އެމްޑީޕީ ކަމަށެވެ.
"އަޅުގަނޑުމެން އެކަން ފާހަގަކުރުމުގެ ގޮތުން މުޅި މި އަހަރަށް ދެމިގެންދާ ގޮތަށް ޕްރޮގްރާމުތަކެއް ކުރިއަށް ގެންދަން ގަސްދުކޮށްފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
"އޭގެ ބޭނުމަކީ މިހާރުގެ ޖީލުތަކަށް ވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި އިސްލާހަށް ކުރެވުނު މަސައްކަތްތަކާއި އޭރުގެ ހާލަތައްތައް އަންގައިދީ އަދި ކުރިއަށް އޮތް ތަނަށް ވެސް ރާއްޖެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެ، އެކަންކަން ކާމިޔާބުކުރުމުގައި އޮންނާނީ އެމްޑީޕީކަން ދައްކައިދިނުމުގެ ގޮތުން."
އެމްޑީޕީއަށް 20 އަހަރު ފުރޭ ދުވަހަކީ މާދަމާ އެވެ.
އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތައް:
މާދަމާ ހެނދުނު ޕާޓީގެ އާންމު މެންބަރުންނާއެކު ހެނދުނުގެ ސައި އޮންނާނެ
ކޮންމެ އަހަރެކޭ އެއްގޮތަށް ދިދަ ނެގުމުގެ ރަސްމިއްޔާތު ދަނޑިކޮށި ޖަގަހަ އާއި ބައެއް ރަށްރަށުގައި އޮންނާނެ
ކޭކު ފެޅުމުގެ ހަރަކާތެއް
މާދަމާ މެންދުރުން ފެށިގެން، ޕާޓީގެ އެތެރޭގެ ފުޓްސަލް މުބާރާތެއް
ޒުވާނުންގެ ރޫހުން ޕޮޑްކާސްޓެއް
ރާއްޖޭގެ ކޮންމެ ސިޓީ އެއްގައި ޕާޓީގެ ޖަލްސާ އެއް؛ ޖުލައި މަހު ފުރަތަމަ ޖަލްސާ އޮންނާނީ ކުޅުދުއްފުށީގައި. ޖަލްސާތައް ނިންމާލާނީ މާލެ އިން
'ރަން ރީނދޫ'ގެ ނަމުގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ދުވުމެއް 18 ޖުލައިގައި ފަށާނެ
މިޔުޒިކް ޝޯއެއް
އެމްޑީޕީން ރާއްޖެއަށް ގެނެސްދިން ބަދަލުތައް ފެންނާނެ އިވެންޓެއް
ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ގެންނާނެ ބަދަލުތައް ދެނެގަތުމަށް މަސައްކަތް ފަށާނެ
ލޯކަލްް ގަވަނަންސް ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައްްދެނެގަތުމަށް މަސައްކަތްތައް ފަށާނެ
އާޓް އެގްޒިބިޝަނެއް
މި ހަރަކާތްތައް މާދަމާ ފަށާއިރު، މި އަހަރާއި އަންނަ އަހަރުގެ އެކި ދުވަސްތަކުގައި ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމަައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ