މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މާދަމާއަށް އެޖެންޑާ ކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ދައުރުން ބޭރުގައި ބާއްވާ މި ހާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 09:00 ގައެވެ.
ރަައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު، އޮގަސްޓު 17، 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާއި ގުޅިގެން ބަހުސް ކުރިއަށް ގެންދިއުން މާދަމާއަށް ތާވަލު ކޮށްފައިވާއިރު މި ބިލާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން ބިލު މިހާރު ފަރުމާކޮށްފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެނިހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް ކަމަށާއި، އެ ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސް އެޅި، ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށްވެސް ހުރަސް އެޅޭ ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް އިންތިހާއަށް ބޮޑު ބަދަލުތަކެއް ގެންނަން ބިލުގައި ހުށަހަޅާފައިވާއިރު، ބިލު އެކުލަވާލުމުގައި ބިލު އަމާޒުވާ ނޫސްވެރިންނާ މި ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބަހެއް ނެތި ބިލު އެކުލަވާލާފައިވާތީ މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި އަމިއްލަ މެންބަރަކު ހުށަހެޅި ކަމުގައި ވިޔަސް މިއީ ރިއަޔަތް ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މި ބިލާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތްކަމަށާއި، އެއީ އެއްވެސް އިރެއްގައި ކުރެއްވި، އަދި ކުރައްވާނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.
އެގޮތުން ބިލު ފާސްވެގެން އުފެދޭ ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތެއްކަމުގައި ބަޔާންވެފައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ. އަދި މީޑިއާއަށް ނުފޫޒު ފޯރުވުމުގެ ޖާގަ އެއްވެސް ފަރާތަކަށް އޮތުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި، މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓްކުރާ ބަޔަކަށް ކަމުގައިވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ