ނޫސްވެރިން އުލުބައިންދާ ވާހަކައަށް ޚަލީލާއި އަސްވާޑުގެ ބަހެއް ނެތް
ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވި މައްސަލައިގައި އެއްޗެއް ވިދާޅުވާން މި ސަރުކާރުގެ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް މިއަދު ދެކޮޅު ހައްދަވައިފިއެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އިއްޔެ ވަނީ މީޑިއާތައް ކޮންޓްރޯލް ކުރާ ބިލު ބަލައިގެންފައެވެ. އޭގެ ކުރިން އެ ޖަލްސާގައި ވާހަކަދައްކަވަމުން މެޖޯރިޓީ ލީޑަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒާ އަރިސް ފަލާހު ވިދާޅުވީ، ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި 'އުލުބައިދަންވީ' ކަމަށެވެ. އެ ވާހަކައާ ގުޅިގެން ފަލާހަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. ރަދީފުގައި ބުނާ ގޮތުން، އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މެރުމަށް ހަދާ ގޮތެކެވެ. އެގޮތުން، އުލު ބައިންދާއިރު، ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދާ ކަމަށް ރަދީފުގައި ބުނެފައިވެއެވެ. ރައީސް އޮފީސް ސަރަހައްދުގައި މިނިސްޓަރު އަސްވާޑު ނޫސްވެރިންނާ ބައްދަލުކުރެއްވުން ---- ސަން ފޮޓޯ/ މާނިއު މުހައްމަދު މީޑިއާ ބިލާ ދެކޮޅަށް ރައީސް އޮފީސް ސަރަހައްދުގައި މިއަދު ނޫސްވެރިން ހިމޭން އިހުޖާޖުކުރަނިކޮށް، މިނިސްޓަރު އަސްވާޑާއި ޚަލީލް ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. ނޫސްވެރިން ވަނީ ފަލާހުގެ ވާހަކައާ ގުޅިގެން މިނިސްޓަރުން ދެކިވަޑައިގަންނަވަނީ ކިހިނެއްތޯ ސުވާލުކޮށްފައެވެ. ޚަލީލް ވިދާޅުވީ، އެ ސުވާލަށް ޖަވާބު ދެއްވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި، އެއްވެސް ރައްޔިތަކާ ދިމާލަށް ބޭއިންސާފުން ވާހަކަދެއްކުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ޚަލީލް ވިދާޅުވިއެވެ. އަޅުގަނޑު މި ދަންނަވަނީ [މަޖިލީހުގައި] އެތާނގައި ދެއްކި ވާހަކައަކަށް އަޅުގަނޑު އެއްޗެއް ބުނާކަށް ނެތީމޭ،ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް ފަލާހުގެ ވާހަކައަށް ތާއިދުކުރައްވަންތޯ އެހުމުން މިނިސްޓަރު އަސްވާޑު ވިދާޅުވީ، އެ ސުވާލަށް ޖަވާބު ދޭން ޕާޓީ ތެރެއިން ބޭފުޅުން ހަމަޖައްސާފައި ތިބޭނެ ކަމަށާއި އެ ވާހަކަދެއްކީ މިނިސްޓަރު ނޫން ކަމަށެވެ. އަޅުގަނޑެއް ނޫނޭ އެ ވާހަކަ ދެއްކީ. ޕާޓީގައި ހުންނާނެ ހަމަޖެހިފައި ހުންނަ ބޭފުޅުން ސްޕޯކްސް ޕާސަނުންނާ އެއްޗެހި [އެވާހަކައަށް ޖަވާބުދޭން]އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ފަލާހުގެ ވާހަކަ ނޫސްވެރިންނާއި ގިނަ ބަޔަކު ކުށްވެރިކުރަމުން އަންނައިރު، އެ ވާހަކަ ކުށްވެރިކުރި މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި އިބްރާހިމް ސައީދު (ކޭޑް) މިއަދު ވަޒީފާއިން ވަނީ ވަކިކޮށްފައެވެ. https://sun.mv/210562 ފަލާހްގެ ވާހަކަތައް ކުށްވެރިކޮށް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ކޭޑް ވަނީ ފަލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި، އެ މައްސަލަ ބަލަން ޖެހޭ ކަމަށް އޭނާގެ ޕޯސްޓުގައިވެއެވެ. މީޑިއާ ކޮންޓްރޯލް ބިލާ ގުޅިގެން ނޫސްވެރިން 'އުލު ބައިންދަންޖެހޭ' ކަމަށް ފަލާހް ވިދާޅުވި ވިދާޅުވުން ކުށްވެރިކުރަން ޚަލީލާއި އަސްވާޑް ދެކޮޅު ހެއްދެވިއިރު ދެ ބޭފުޅުންނަކީ ވެސް ކުރިން ނޫސްވެރިކަން ކުރެއްވި ދެ ބޭފުޅުންނެވެ. ޚަލީލް މީގެ ކުރިން ވަނީ ދައުލަތުގެ މީޑިއާގެ އެންމެ އިސް މަގާމު ވެސް ފުރުއްވާފައެވެ. އަދި، އަސްވާޑަކީ މިހާރު ވެސް މީޑިއާއެއް ހިންގަވާ ބޭފުޅެކެވެ. ހައްނާން ހުށަހެޅުއްވި ބިލުގައި އޮތީ ކީކޭ؟ މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ ރައީސް ވަނީ މީޑިއާ ކޮންޓްރޯލް ކުރަން ޝައުގެއް ނެތް ކަމަށާއި އެ މަނިކުފާނަށް ބާރުތައް ނުލިބޭ ގޮތަށް ބިލު ފާސްކުރަން ޕީއެންސީގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ