ނޫސްވެރިން އުލުބައިންދަން ފަލާހް ގޮވާލި މައްސަލަ ފުލުހަށް

ބައެއް ނޫސްވެރިންވީ 'އުލުބައިންދަން' ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހް ގޮވާލެއްވި މައްސަލަ ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން މިއަދު ފުލުހުންނަށް ހުށަހަޅައިފިއެވެ. މީޑިއާ ކޮންޓްރޯލްކުރާ ބިލަށް ބަހުސްކުރައްވަމުން ފަލާހް ވަނީ 'ނޫސްވެރިން އުލުބައިންދަންވީ' [އަނިޔާވެރި ގޮތުގައި މަރުގެ އަދަބު ދޭންޖެހޭ] ކަމަށް ވިދާޅުވެފައެވެ. އެ ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. https://x.com/mjamaldives/status/1961007578194047309 ރައީސް އޮފީސް ސަރަހައްދުގައި އިހުތިޖާޖުކުރި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ފަލާހް ދެއްކެވީ 'ވަރަށް ދެރަވަރު ވާހަކައެއް' ކަމަށް ވިދާޅުވި ކަމަށް ނޫސްވެރިން އެ ބައްދަލުވުމަށް ފަހު ވިދާޅުވިއެވެ. އެމްޖޭއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިސްލާމް ދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާވެރިނުވުން ހިމެނޭއިރު ފަލާހް ދެއްކެވި ވާހަކަފުޅަކީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ވާހަކަފުޅެއް ކަމަށެވެ. "އަދި، އެ ވާހަކަފުޅުތަކަކީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަށް އަނިޔާވެރިވުމާއި އެ މީހުންނަށް ޖިސްމާނީ ގެއްލުންދީ، ބިރުދައްކައި ހެދުމަށް ހިތްވަރުދީ އޭނާ ދެއްކެވި ވާހަކަފުޅުތަކެކެވެ،" ބަޔާނުގައިވެއެވެ. https://sun.mv/210565 ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތައް އެކަމުގެ ސަބަބުން ނުހަނު ބިރުވެރިކަމުގެ ތެރެއަށް ވެއްޓޭ ކަމަށް ބަޔާނުގައިވެއެވެ. އަދި، އެއީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށް ވެސް ބަޔާނުގައިވެއެވެ. އެހެންވެ، އެމްޖޭއޭއިން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. އެ ޖަމިއްޔާއިންވަނީ ފަލާހްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން އެދިފައެވެ. ފަލާހުގެ ވާހަކަ ނޫސްވެރިންނާއި ގިނަ ބަޔަކު ކުށްވެރިކުރަމުން އަންނައިރު، އެ ވާހަކަ ކުށްވެރިކުރި މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި އިބްރާހިމް ސައީދު (ކޭޑް) މިއަދު ވަޒީފާއިން ވަނީ ވަކިކޮށްފައެވެ. ނޫސްވެރިންނާ ގުޅޭ ގޮތުން ފަލާހް އެ ފަދައިން ވާހަކަދެއްކެވީ އޭނާއާ ބެހޭ ގޮތުން 'ވައްތަރު މީހެއްގެ' ފޮޓޯ ބޭނުންކޮށްގެން އެއްޖިންސުން ގުޅުން ހިންގާ ކަމަށް މީޑިއާތަކުގައި ޚަބަރު ފެތުރިކަމަށް ބުނެއެވެ. އެކަމަކު، އެއީ މީގެ ކުރިން މީސްމީޑިއާގައި އާންމު ވީޑިއޯއެކެވެ. އެ ވާހަކަ އެއްވެސް ނޫހެއްގައި ރިޕޯޓުކުރި ކަމެއް އެނގިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ