މަޒުމޫނު ލިޔުމުގެ މުބާރާތް 1099 ދަރިވަރުންނާއެކު ބާއްވައި، ކުރުވާހަކަ ލިޔުމުގެ މުބާރާތް ފަށައިފި
މި އަހަރު ދިވެހިބަހުގެ އެކެޑަމީން ބާއްވާ މުބާރާތްތަކުގެ ތެރެއިން އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތް ހެނދުނު ބާއްވައި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތް ފަށައިފިއެވެ. ދިވެހިބަހުގެ އެކެޑަމީގެ ޑިރެކްޓަރު ޝަހުމާ އަލީ "ސަން"އަށް މައުލޫމާތު ދެއްވި ގޮތުގައި، ހެނދުނު 8:00ގައި މުޅި ރާއްޖޭގައި މުބާރާތްތައް ވަނީ ފަށައިފައެވެ. އެގޮތުން އެންމެ ފުރަތަމަ ބާއްވައިފައިވަނީ 1،099 ފަރާތެއް ބައިވެރިވި މަޒުމޫނު ލިޔުމުގެ މުބާރާތެވެ. އޭގެ ތެރޭގައި ދަށު ސާނަވީން ތައުލީމު ހާސިލުކުރާ 388 ދަރިވަރުންނާއި ސާނަވީ ތައުލީމު ހާސިލުކުރާ 503 ދަރިވަރުންނާއި މަތީ ސާނަވީ ގުރޭޑުތަކުން ބައިވެރިވި 156 ދަރިވަރުންނާއި އަމިއްލަ ގޮތުން ބައިވެރިވި 26 ފަރާތެއް ހިމެނެއެވެ. އެއަށްފަހު، 12:00ގައި ވަނީ 1،023 ބައިވެރިންނާއެކު ކުރުވާހަކަ ލިޔުމުގެ މުބާރާތް ފަށައިފައެވެ. ތިން ވަނަ މުބާރާތް ކަމަށްވާ، ހުތްޢަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތް ފަށާނީ 16:00ގައެވެ. އެ މުބާރާތުގައި 526 ފަރާތަކުން ބައިވެރިވެފައި ވެއެވެ. މަޒުމޫނު ލިޔުމުގެ މުބާރާތުގެ ތެރެއިން: މަޒުމޫނު ލިޔުމުގެ އިތުރުން ކުރުވާހަކަ ލިޔުމާއި ޅެން ހެދުމުގެ މުބާރާތް ވެސް ބާއްވާނެ -- ސަން ފޮޓޯ/ މާނިއު މުހައްމަދު މި އަހަރު ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މީގެ ކުރިން މުބާރާތުގައި މަޒުމޫނު ލިޔަނީ މަޒުމޫނު ލިޔުމަށް އެކެޑަމީން ދީފައިވާ ދާއިރާތައް ގުރުއަތުލައިގެން ގުރުއަތުން ދިމާވި ދާއިރާއެއްގައި ހިމެނޭ މައުޟޫޢުތަކުން އެ ބައިވެރިއަކު އިޚްތިޔާރުކުރާ މައުޟޫޢަކަށެވެ. އެހެން ނަމަވެސް މި އަހަރުގެ މަޒުމޫނު ލިޔުމުގެ މުބާރާތުގެ މައުޟޫޢުތައް ވަނީ މުބާރާތް ބޭއްވުމުގެ 45 ގަޑިއިރު ކުރިން އާންމުކޮށްފައެވެ. ކޮންމެ އުމުރުފުރައަކަށް ވެސް ދީފައިވާ މައުޟޫއުތަކުގެ ތެރެއިން، ބައިވެރިން މަޒުމޫނު ލިޔާނެ މައުޟޫޢު ކަނޑައެޅީ މުބާރާތް ބޭއްވި މާލަމުގައި ވަގުތުން ގުރުއަތު ނަގައިގެންނެވެ. މި މުބާރާތްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވެފައިވެއެވެ. އެ ގޮތުން އަތޮޅުތަކުން މި މުބާރާތުގައި 77 ސްކޫލަކުން ވާދަކުރެއެވެ. އަދި މާލޭ ސަރަހައްދުން 20 ސްކޫލަކުން ބައިވެރިވެފައިވެއެވެ. މަޒުމޫނު ލިޔުމުގެ މުބާރާތުގެ ތެރެއިން: މި މުބާރާތްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވެފައިވޭ -- ސަން ފޮޓޯ/ މާނިއު މުހައްމަދު މި މުބާރާތުގައި ބައިވެރިވާ އަތޮޅުތަކުގެ ދަރިވަރުން މުބާރާތުގައި ލިޔަނީ އެ ދަރިވަރަކު ބައިވެރި މަރުކަޒެއްގައެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުން ލިޔަނީ ކަލާފާނު ސްކޫލުގައެވެ. މީގެ އިތުރުން އަމިއްލަ ގޮތުން މި މުބާރާތްތަކުގައި ބައިވެރި ފަރާތްތަކުން މުބާރާތުގައި ލިޔަނީ އެ ބައިވެރިއަކު ރަޖިސްޓަރީވުމަށް ފޯމުގައި ނޯޓުކުރައްވައިފައި ވާ، މިހާރު ދިރިއުޅޭ ރަށެއްގައި، އެކެޑަމީން މުބާރާތް ކުރިއަށް ގެންދިޔުމަށް ކަނޑައަޅައިފައިވާ ތަނެއްގައެވެ. މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދަނީ ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ