4،000 ފްލެޓު ރެޖިސްޓްރީކޮށްދޭނީ ކުލި ދައްކާ ނިމުމުން: މުއްތޮލިބު

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީ ކުރާ 4،000 ފްލެޓު ލިބޭ މީހުންނަށް އެތަންތަން މިލްކުކޮށްދޭނީ ފްލެޓަށް ދައްކަންޖެހޭ ކުލި ދައްކައި ނިމުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީއެސްއެމްގެ ރޭޑިއޯ ޗެނަލް، 'ދިވެހިރާއްޖޭގެ އަޑު'ން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިގޮތަށް އުސޫލަށް ބަދަލު ގެންނަނީ ސޯޝަލް ހައުސިންގެ ގޮތުގައިދޭ ފްލެޓުތަކަށް ކުލި ނުދައްކާ މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށެވެ.
ތަފްސީލް - މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް ހައުސިން ބިލު ފާސްވުމުން އެ މައްސަލައަށް ހައްލު އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މައްސަލައަށް ހައްލު ގެނައުމަށް އެ އުސޫލެއް ގެންގުޅޭނެ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
"އެއްގޮތަކީ މިހާރު މި ދޫކުރާ ފްލެޓުތައް ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައުން. އެގޮތުން އެއްގޮތަކީ ބޭންކުން މޯގޭޖު ފައިނޭންސިންގެ ތެރެއިން މޯގޭޖެއްގެ ގޮތުގައި އެތަން ދިނުން. އަނެއް ގޮތަކީ ވަކި މުއްދަތަކަށް ކުލި ދައްކާގޮތަށް [ދިނުން]. އެ މުއްދަތު ހަމަވީމަ އެތަން މިލްކުވާގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު މި ދޫކުރަން އުޅޭ 4،000 ފްލެޓު އަޅުގަނޑުމެން އެގްރިމެންޓު ކުރާނީ މި ދެންނެވި ގޮތަށް 25 އަހަރުގެ މުއްދަތަށް ކަނޑައެޅިފައިވާ ކުއްޔެއް ދެއްކީމާ އެ ފަރާތްތަކަށް އެތަން ރެޖިސްޓްރީ ކޮށްދޭ ގޮތަށް." އޭނާ ވިދާޅުވި އެވެ.
މުއްތޮލިބު ވިދާޅުވީ ފްލެޓުތަކަށް ކުލި ނުދައްކާ މައްސަލައަށް އޭރުން ހައްލު އަންނާނެ ކަމަށެވެ.
ފާހަގަ ކުރެވޭ - ސޯޝަލް ހައުސިންގެ ދަށުން އަޅާ ފްލެޓުތައް ލިބޭ މީހުން، އެތަންތަނަށް ކުލި ނުދައްކާ މައްސަލަ ބޮޑެވެ. އެކި މަޝްރޫއުތަކުގެ ދަށުން އަޅާފައިވާ ފްލެޓުތަކަށް ލިބެން ޖެހޭ ކުލިން 700 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ