ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު، ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން، މިދިޔަ ދެ ދައުރު އެ އެސޯސިއޭޝަންގެ ރައީސަކަށް ހުންނެވި ބައްސާމް އަދީލް ޖަލީލަށް ކުރިމަތިލުމުގެ ދޮރު ބަންދުވެއްޖެ އެވެ.
އެފްއޭއެމް އިން މިއަދު ގެޒެޓްގައި އާންމުކޮށްފައިވާ ގޮތުން، އަންނަ މަހުގެ 26 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ވަނީ ހުޅުވާލައިފަ އެވެ. އިންތިހާބަށް ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ކެނޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި އިންޓެގްރިޓީއާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ފީފާއިން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުން ހިމެނެ އެވެ. އަދި، ކުރިމަތިލާ ކެނޑިޑޭޓެއްގެ މަދަނީ އާއި ޖިނާއީ ދައުވާއެއް އުފުލިފައިވާނަމަ އެކަމުގެ ތަފްސީލް ހިއްސާ ކުރަން ޖެހެ އެވެ.
މި ދެ ކަމަށް ބަލާއިރު ވެސް ބައްސާމަށް މި ވަނީ، އިތުރު ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލިފަ އެވެ. މިދިޔަ ޖޫން މަހު، ފީފާ އިން ވަނީ، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި، ބައްސާމް ނުވަ މަސް ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފަ އެވެ. މީގެ އިތުރުން، ބައްސާމްގެ މައްޗަށް ރާއްޖޭ ކޯޓުތަކުުގައި ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. އޭގެ ތެރޭގައި، ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތައް ވެސް ހިމެނެ އެވެ.
އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ދެން ހިމަނާފައިވަނީ، މިދިޔަ ފަސް އަހަރުގެ ތެރެއިން ދެ އަހަރު ފުޓްބޯޅައިގެ ތެރޭގައި އެކްޓިވްކޮށް އުޅުނުކަން ސާބިތުކޮޮށްދޭ ޑޮކިއުމަންޓްތައް ހުށަހެޅުމާއި އެފްއޭއެމް މެމްބަރު ކްލަބްތަކުގެ ތެރެއިން ފަސް ކްލަބެއްގެ ތާއީދު ސިޓީ (ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބް ހިމެނޭ ގޮތަށް) ހުށަހަޅަން ޖެހެ އެވެ.
މީގެ ކުރިން، އެފްއޭއެމް ގަވާއިދުގައި އޮތީ، ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބްގެ ތާއީދު ސިޓީ އޮންނަން ލާޒިމުކޮށްފަ އެވެ. އެކަމަކު، މިދިޔަ ހުކުރު ދުވަހު، ފާސްކުރި އާ އަސާސީ ގަވާއިދުގައިވާ ގޮތުން، އެ އަދަދު ވަނީ ދެ ކްލަބަށް ކުޑަކޮށްފަ އެވެ. އެއް ކެންޑިޑޭޓުންނަށް ވުރެ އިތުރަށް އެއް ކްލަބުން ތާއީދު ސިޓީ ދީފައިވާނަމަ، އެ ކްލަބެއްގެ ސިޓީތައް ބަލައިނުގަންނާނެ އެވެ.
އެފްއޭއެމް އިންތިހާބަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ އަންނަ މަހު ހަ ވަނަ ދުވަހެވެ. ކަންކަން ފުރިހަމަކުރަން ދޭ ފަހު މުއްދަތު ހަަމަވާނީ އަންނަ މަހުގެ 13 އަށެވެ. މި ވަގުތަށް ބަލާއިރު، އެފްއޭއެމް ރައީސަކަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، މީގެ ކުރިން، 2016 ވަނަ އަހަރު އެފްއޭއެމް ރައީސްކަން ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަހުމަދު ތޯރިގު (ޓޮމް) އެވެ.
ކެންޑިޑެސީ ހުށަހަޅަން ޖެހޭ ހިންގާ ކޮމިޓީގެ މެމްބަރުންގެ ލިސްޓުގައި ހިމެނެނީ، ރައީސް، ސީނިއާ ނައިބު ރައީސް، ދެ ނައިބު ރައީސުން އަދި ހިންގާ ކޮމިޓީގެ ހަތް މެމްބަރުންނެވެ. މި ކޮމިޓީގެ ޖުމްލަ މެމްބަރުންގެ ތެރޭގައި، ދެ އަންހެން މެމްބަރުން ހިމެނުން މިހާރު އަމަލުކުރާ އަސާސީ ގަވާއިދުން ލާޒިމްކުރެ އެެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، އިންތިހާބު ބޭއްވުމުގެ 10 ދުވަސް ކުރިން އިއުލާނުކުރާނެ އެވެ. ނޯމަލައިޒިން ކޮމިޓީގެ ނިންމުމަކާ ދެކޮޅަށް އެޕީލްކުރުމަށް ހުށަހަޅަން ޖެހޭނީ، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އެފްއޭއެމް އިންތިހާބަށް ހުޅުވާލައިފި، ބައްސާމަށް ކުރިމަތިނުލެވޭނެ އެފްއޭއެމް އިންތިހާބަށް ހުޅުވާލައިފި، ބައްސާމަށް ކުރިމަތިނުލެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ