ފްލެޓްތަކުގެ ކުލިން އެކަނިވެސް ދައުލަތަށް 700 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހޭ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ޑރ. މުއްޠަލިބު މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ސަރުކާރުން ދޫކުރާ ހައުސިން ޔުނިޓްތަކަށް ގިނަ ބަޔަކު ކުލި ނުދައްކާ އެތަންތަނުގައި ދިރިއުޅެމުންދާ ކަމަށާ މިކަމުގެ ސަބަބުން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށް ޑރ. މުއްޠަލިބު ވިދާޅުވިއެވެ.
ޑރ. މުއްޠަލިބު ވިދާޅުވީ މިހާރު މަޖިލީހަށް ފޮނުވާފައިވާ ގެދޮރުވެރިކަމާ ގުޅޭ ބިލު ފާސްވުމާއެކު، ފްލެޓްތަކަށް ކުލި ނުދައްކާ ފަރާތްތަކާއިމެދު ފިޔަވަޅުއަޅަން ފަސޭހަވާނެކަމަށެވެ. ފްލެޓްތަކުގެ ކުލިން ދައުލަތަށް ލިބެންޖެހޭ ކުލިން 700 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިނުވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސޭލް ޕަރޗޭސް އެގްރީމެންޓު އުސޫލުން ފުލެޓުތަށް ދޫކޮށްފައިހުރުމުގެ ސަބަބުން ދައުލަތުން ކޯޓު މަރުހަލާއަށް ނުގޮސް ފްލެޓްތައް ސަރުކާރަށް ނެގުންފަދަ ފިޔަވަޅުތަށް އެޅުމަށް ހުރަސްއެޅޭ ކަމަށާއި ކުލި ނުދައްކާ ފަރާތްތަކާމެދު ޤާނޫނީގޮތުން ފިޔަވަޅު އަޅަން ދަތިވާކަމަށެވެ.
އެހެންނަމަވެސް މިހާރު މަޖިލީހަށް ފޮނުވާފައިވާ ގެދޮރުވެރިކަމާ ގުޅޭ ބިލު ފާސްވުމާއެކު، ކުލި ނުދައްކާ ފަރާތްތަކާއިމެދު އެއްވެސް ދަތިކަމެއްނެތި ފިޔަވަޅު އެޅުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދާނެކަމަށް ޑރ. މުއްޠަލިބު ވިދާޅުވިއެވެ. އަދިހަމައެހެންމެ، ފުލެޓްތައް ދޫކުރުމުގައި އެގްރިމެންޓްކުރުމުގައި ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ނިންމާފައިވާކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެގްރިމެންޓްކުރުމުގައި ގެނެވޭ ބައެއް ބަދަލުތަކުގެ ތެރޭގައި ބޭންކް މޯގޭޖް ފައިނޭންސްގެ ތެރެއިން މޯގޭޖެއްގެ ގޮތުގައި ދިނުން ނުވަތަ ކުލި ދައްކާ މުއްދަތު ނިމުމުން ވެރިފަރާތަށް ފްލެޓު މިލްކުވާގޮތަށް ބަދަލުގެނައުން ހިމެނެވެ.
އެގްރިމެންޓްކުރުމުގައި ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވަނީ ކުލި ނުދެއްކުމުގެ ސަބަބުން މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިނޭންސިންއަށް ދަތިވަމުންދާތީކަމަށް ޑރ. މުއްޠަލިބު ވިދާޅުވިއެވެ. އަދިހަމައެހެންމެ، މި ފެށޭ ޖުލައިމަހު ފްލެޓް ލިބުނު ފަރާތްތަކާއިއެކު އެގްރިމަންޓް ހެދުމާއި، ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
ފްލެޓްތަކުގެ ކުލިން އެކަނިވެސް ދައުލަތަށް 700 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހޭ: ޑރ. މުއްޠަލިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ