ރައީސް އާއި ނައިބު ރައީސް ގައުމުގައި ނެތް ހާލަތެއް އަނެއްކާވެސް ކުރިމަތިވެއްޖެ ރައީސް އާއި ނައިބު ރައީސް ގައުމުގައި ނެތް ހާލަތެއް އަނެއްކާވެސް ކުރިމަތިވެއްޖެ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފު ވެސް ރާއްޖޭގައި ނެތް ހާލަތެއް އަނެއްކާ ވެސް ކުރިމަތިވެއްޖެ އެވެ.
މިފަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރެއްގައި ސިންގަޕޫރަށް ވަޑައިގެން އުޅުއްވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުންނެވީ ސްޕެއިންގެ ސެވީލްގަ އެވެ. ނައިބު ރައީސް ސްޕެއިން އަށް ވަޑައިގަތީ ޖޫން 30, އިން ޖުލައި 3, އަށް ކުރިއަށް ގެންދާ ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ ބައިނަލްއަޤުވާމީ ހަތަރުވަނަ (އެފްއެފްޑީ-4 ) ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ސަރުކާރުގެ ބައެއް މިނިސްޓަރުން ސިންގަޕޫރަށް ވަޑައިގަތީ ޖޫން 29, ގަ އެވެ.
ރައީސްގެ ދަތުރުގައި ސިންގަޕޫރުގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ތިން އެމްއޯޔޫއެއްގައި ސޮއިކުރި އެވެ. އަދި މިއަދު ސިންގަޕޫރުގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމެންޓު ފޯރަމް ވެސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް އާއި ނައިބު ގައުމުގައި ނެތްއިރު މިވަގުތު ސަރުކާރުގެ ކަންކަން ހިންގެވުމާ ހަވާލުވެ މާލޭގައި ހުންނެވީ ކޮން ބޭފުޅެއް ކަމެއް ސަރުކާރުން ބުނެފައެއް ނުވެ އެވެ.
ސަރުކާރު ހިންގުމުގެ އެންމެ އިސް ދެ މަގާމުގައި ތިއްބަވާ ބޭފުޅުން އެއްވަގުތެއްގައި ގައުމުން ބޭރަށް ފުރައިގެން ނުދިޔުމަށް ސަރުކާރުކާރުތަކުގެ ޕްރޮޓޮކޯލްގައި ކަނޑައަޅާފައިވެ އެވެ. ނާދިރު ހާލަތެއް މެދުވެރިޔަސް، ރައީސް އާއި ނައިބު ރައީސް ނުވަތަ ބޮޑުވަޒީރާއި ބޮޑުވަޒީރުގެ ނައިބުގެ ދަތުރުގެ ފުށޫއެރުން ވަރަށް ކުޑަ އެވެ.
މިވަގުތު ގައުމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މެއި މަހު ވެސް ދިވެހި ދައުލަތް މިފަދަ ހާލަތަކަށް ދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ