މަޖިލީސް ކުރިއަށްދަނީ ގާނޫނާ ގަވާއިދާ އެއްގޮތަކަށް ނޫން: މެމްބަރު ސަނީފް

ގާނޫނާ ގަވާއިދާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްނުދާ ކަމަށްވާނަމަ މަޖިލީސް ހުއްޓުމަކަށް އައުމަކީ ގާތް ކަމެއް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ނިޒާމީ މައްސަލަތައް ނަގައި ބަހުގެ ހަމަލާތައްގިނަ ވުމުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް ނިންމާތީ އެކަމުގެ ކަންބޮޑުވުންތައް ބައެއް މެމްބަރުން އަންނަނީ ފާޅުކުރަމުންނެވެ.
އަދި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބޭނުންވާ މުހިންމު ބިލުތަކެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ތާށިވެ މަޖިލީހުގައި "މަރުތަޅު" އެޅުވިފައިވާ ކަމަށް ބުނެ ސަރުކާރުންވެސް ވަނީ ބުނެފައެވެ.
މިފަދަ ތުހުމަތުތަކެއް މަޖިލީހަށް ކުރަމުންދާ ވަގުތެއްގަ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް އެތުރިގެން އައިއިރު ރަނގަޅު މަސައްކަތްތަކެއް މަޖިލީހުގެ ތެރެއިން ކުރެވުނު ކަމަށެވެ.
މަޖިލީހުގެ ތެރެއިން މިއަދު ފެނިގެންދަނީ މަސައްކަތް ކުރުމުގަ ވަރަށް ދަތި ދުވަސްތަކެއް ކަމަށާއި މަޖިލީހުގެ މަސައްކަތްތަކަށް އިޚްލާސްތެރިވާން ޖެހޭ ފަރާތްތަކުން އެކަން ބޮލާލާ ޖައްސަވައިފި ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މަޖިލީހުގެ މަސައްކަތްތައް ހުޓުމަކަށް އައީ ކުއްލިއަކަށް ނޫންކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ރައީސް ނަޝީދާއެކު ރާއްޖޭގެ މަސްލަހަތު ހިފެހެއްޓޭނެ ކަމަށް ގަބޫލުނުކުރަށްވާ ކަމަށެވެ. އަދި ރާއްޖޭގެ ހަމަޖެހުމާއި ލާބަޔަށްޓަކައިވެސް ނަޝީދަކީ ގައުމުގެ ލީޑަރެއްގެ ގޮތުގައި ހުންނަވަން ރަނގަޅު ބޭފުޅެއް ނޫން ކަމަށްވެސް ސަނީފް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ފާޑުވިދާޅުވެ މެމްބަރު ސަނީފް ވަނީ މަޖިލީހުގެ ރިޔާސަތު އެމަނިކުފާނާ ހަވާލުކުރުމުން ހުރިހާ ކަމެއް ކުރިއަށް ގެންދަވަނީ ވަރަށް ހުދުމުހުތާރުކޮށް ކަމަށް ތުހުމަތުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ