ޖުމްހުރީ ޕާޓީގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމަށް ޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އެރުވުމުން ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވިޓެއްގައި ވަނީ، މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހިކުރުމަކީ އެންމެންގެ ވާޖިބެއްކަމަށާއި އެކަން އެމަގުން ކޮށްދެއްވުމަށް އެހީތެރިވެވަޑައިގަތުމަށް އޮނަރަބަލް ގާސިމް އިބްރާހިމްގެ ކިބައިން އެދިވަޑައިގެންފައެވެ.
އޮނަރަބަލް ގާސިމް އިބްރާހިމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވީ އެކަމަށް ހާއްސަކޮށްގެން އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އޮނަރަބަލް ގާސިމް އިބްރާހިމްގެ އަތްޕުޅަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އަރުވައިދެއްވީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފްއެވެ.
ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތީ، އެ ޕާޓީގެ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ.
އޮނަރަބަލް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށް ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު ގާއިމްވި ސަރުކާރުގެ ސަބަބުން ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވައި ރައްޔިތުންގެ އިސްލާހީ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އަޒުމުގައެވެ.
ގައުމީ އިސްލާހީ މަސައްކަތުގައި އޮންރަބަލް ގާސިމް އިބްރާހިމާއި ރައީސް ނަޝީދު މިހާތަނަށް އަންނަނީ ވަރަށް އެކުގައި މަސައްކަތްކުރަމުންނެވެ.
ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީގައި 23،000 އެއްހައި މެމްބަރުން ތިބޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ރައީސް ނަޝީދުގެ ތަހުނިޔާ ގާސިމް އިބްރާހިމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ