"ހީވަނީ ސަރުކާރުން ވެފައިވަނީ އެންމެ ވައުދެއްހެން، އެއީ ރައީސް ޔާމީން ޖަލަށް ލުމުގެ ވައުދު"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އަމަލު ހުރި ގޮތުން ވެރިކަމަށް އަންނަށް އެމަނިކުފާނު ރައްޔިތުންނަށް ވީ އެންމެ ވައުދެއް ކަމަށް ބެލެވޭ ކަމަށާއި، އެއީ އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލް ގައްޔޫމް ޖަލަށް ލުން ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު، ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އެކަން ފިޔަވައި އިތުރު އެއްވެސް ކަމަކާ މިސަރުކާރުން އުޅޭ ތަނެއް ނުފެންނަ ކަމަށެވެ. ރައީސް ޔާމީން ޖަލަށް ލައިގެން ރައީސް ޔާމީން އަށް އަނިޔާ ކުރުން ނޫން އެއްވެސް ކަމެއް ފެންނަމުން ނުދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަތައް ބެލުމަށް ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ޖޭއެސްސީ މެދުވެރިކޮށް މިސަރުކާރުން ކުރަމުން ގެންދާކަމަށެވެ.
"އެހެން އެއްވެސް ކަމަކާ އުޅޭތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ރައީސް ޔާމީން ޖަލަށް ލައިގެން ރައީސް ޔާމީން އަށް އަނިޔާ ކުރުމުގެ މަސައްކަތް ނޫން އިތުރު މަސައްކަތެއް ނުކުރޭ. ރައީސް ޔާމީންގެ ޖަލަށް ލައިގެން ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ނޫން ކަމެއް ނުކުރޭ." ޝިޔާމް ވިދާޅުވިއެވެ.
އެމްޑީޕީއިން ރައްޔިތުންނަށް ވީ އެންމެ ބޮޑު ވައުދަކީ ޖުޑީޝަރީ ރިފޯމް ކުރާނެ ވާހަކަ ކަމަށާއި ނަމަވެސް ވެރިކަން ނިމެންދާއިރު ޖުޑީޝަލް ސާވިސް ކޮމިޝަންގައި މިހާރުވެސް ތިއްބެވީ ރައީސް އިބްރާހިމަށް ތާއީދު ކުރައްވާ ފަނޑިޔާރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އެއީ ފަނޑިޔާރުގެ އިސްލާހްކުރުން ކަމަށްވަންޏާމު، އެއީ ފަނޑިޔާރުގެ ރިފޯމް ކުރުން ކަމަށް ވަންޏާމު އެއޮތީ އިސްލާހް ވެފަ" ޝިޔާމް ވިދާޅުވިއެވެ.
ޖުޑީޝަރީ އިސްލާހް ކުރުމުގެ ބަދަލުގައި ރައީސް އިބްރާހިމް އަށް ތާއީދު ކުރައްވާ މެމްބަރުން ޖޭއެސްސިއަށް އައްޔަނުކޮށް އިތުރު ބާރު ތަކެއް ދިންތަން ފެނިގެން ހިނގައްޖެ ކަމަށް ޝިޔާމް ފާހަގަ ކުރެއްވިއެވެ.
ރޭގެ އެ ޕްރޮގްރާމްގައި ޝިޔާމް ވަނީ މިސަރުކާރުން ކުރަމުން ގެންދާ ގާނޫނާ ޚިލާފް ކަންކަން ފާހަގަ ކުރައްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ