ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ ފަހަތަށް ސޮއްސާލާކަމީ ހިތާމަހުރިކަމެއް: ގާސިމް އިބްރާހިމް

ދުނިޔޭގެ ނިސްބަތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖައިން ޖެހިޖެހިގެން ފަހަތަށް މި ގައުމު ސޮއްސާލާކަމީ ހިތާމަހުރި ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، ރާއްޖޭގެ ނޫސްވެރިންނަށް ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައި ކުރެއްވި ޓްވީޓެއްގައެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ގެނެސްދޭނެ ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގައި ހަތަރުވަނަ ބާރުކަމީ އެއްވެސް ޝައްކެއޮތް ކަމެއް ނޫން ކަމަށެވެ.
ހަމައެއާއެކު، އިންސާނީ ކަރާމާތަށްޓަކައި، ތެދުވެރި ކަމާއެކު ހަގީގަތް ހާމަކުރުމުގައި ނޫސްވެރިން އަދާކުރަންޖެހޭ ދައުރު ވެރިކަމުގެ ފަރާތުން ހަނިކޮށް، ދަތިކޮށްގެން ނުވާނެ ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވެފައި ވެއެވެ.
އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖައިން ރާއްޖެ އަނެއްކާވެސް ފަހަތަށް ވެއްޓިފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސްއިން އަހަރަކު އެއްފަހަރު ނެރޭ ދުނިޔޭގެ ނޫސްވެރިކަމުގެ ހާލަތު ދަރަޖަކުރާ އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތައް ވެއްޓިފައި ވެއެވެ.
ކޮންމެ އަހަރެއްގެވެސް މެއި 3ވަނަ ދުވަހު ފާހަކުރާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ ދުވަހު ޝާއިއުކުރާ މި ރިޕޯޓުގައި ނިމިދިޔަ 2022 ވަނަ އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. އޭގެކުރީ އަހަރު އޮތީ 72 ވަނައިގައެވެ.
އެހެންނަމަވެސް މިހާރު ރާއްޖެ އޮތީ 100 ވަނައަށް ވެއްޓި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްތަކާއި ގޮންޖެހުންތައްހުރި ގައުމުގެ ކެޓަގަރީގައެވެ.
ނޫސްވެރިކަމުގެ ހާލަތު ދަރަޖަކުރާ އިންޑެކްސްއަކީ 180 ގައުމެއްގެ ނޫސްވެރިކަމުގެ މިނިވަންކަން މިންކުރާ ބައިނަލްއަގްވާމީ މުޖުތަމައު ބަލައިގަންނަ ރަސްމީ އިންޑެކްސްއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ