ޕީޕީއެމް މުޒާހަރާގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހައްޔަރުކޮށްފި

ރައީސް ޔާމީން މިނިވަންކުރުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ ސިލްސިލާ މުޒާހިރާގެ ތެރެއިން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި ރައްޔިތުން މަޖިލީހުގެ ރ.މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހައްޔަރުކޮށްފިއެވެ. މުޒާހަރާގެ ތެރެއިން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ހައްޔަރުކޮށްފައިވަނީ, ސީދާ ކީއްވެގެންކަމެއް އަދި ސާފެއް ނުވެއެވެ. ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ މުޒާހަރާގައި މެމްބަރު އާދަމް ޝަރީފް ހައްޔަރުކުރިއިރު ޕީޕީއެމަށް ނިސްބަތްވާ ބައެއް އާއްމު މެމްބަރުންވެސް ފުލުހުން ހައްޔަރުކުރިއެވެ. މިކަމާއި ގުޅިގެން ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދިޔަ އިޙުތިޖާޖުގެތެރެއިން އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކުއްލިގޮތަކަށް ހައްޔަރުކޮށްފައިވާ ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް އަދި އެހެނިހެން ބައިވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާފައެވެ. ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް ހައްޔަރުކޮށްފައިވަނީ، އިޙުތިޖާޖުގެ ތެރޭގައި ސުލްޙަވެރިކަމާއެކު ހުންނަވަނިކޮށް އެއްވެސް އިންޒާރެއް ދިނުމެއް ނެތިކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ. މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިޙުތިޖާޖުގެ ތެރެއަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖެހުމާއި، ބައިވެރިންގެ ތެރެއަށް ފުލުހުން ވަދެގަތުމާއި އަދި އަނިޔާވާ ގޮތްގޮތަށް މީހުން ހައްޔަރުކުރުމުގެ އިތުރުން ގަސްތުގައި އަނިޔާކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ