އަތޮޅު ކައުންސިލުތައް ރުޖޫއަކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
އަތޮޅު ކައުންސިލުތައް އުވައިލަން މި ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ކުރިން އޮތް ގޮތަށް ބަދަލުކުރުމަށް އެދި، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހު ބަލައިނުގަނެ ފޮނުވައިލައިފިއެވެ. އަތޮޅު ކައުންސިލުތައް އުވައިލަން ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެންބަރު މަހުގެ 25ވަނަ ދުވަހެވެ. ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ، އަތޮޅު ކައުންސިލްތަކުގައި މިހާރު ހިނގަމުންދާ ދައުރު ހަމަވުމާއެކު، އެ ކައުންސިލްތައް އުވޭނެ ކަމަށެވެ. ރައީސް ވަނީ މިދިޔަ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހު އެ އިސްލާހު ތަސްދީގު ކުރައްވައިފައެވެ. އެހެންވެ، މިހިނގާ މޭ މަހު 17ގައި ދައުރު ހަމަވުމާއެކު، އަތޮޅު ކައުންސިލްތައް އުވޭނެއެވެ. ކުޑޫ ހުށަހެޅުއްވި އިސްލާހުގައިވަނީ، އަތޮޅު ކައުންސިލްތައް އުވައިލުމުގެ ސަބަބުން ގާނޫނުއަސާސީ ތަސައްވުރުކުރި ނިޒާމަށް އުނިކަން ލިބިފައިވާ ކަމަށެވެ. https://sun.mv/220920 މީގެ އިތުރުން، ގާނޫނުއަސާސީ ބަދަލުކޮށްފައި ވަނީ ރައީސްގެ އަމިއްލަ ވިސްނުންފުޅަށް ކަމަށާއި އެ ކަންކަމާ މެދު ދިރާސާކޮށްފައިނުވާ ކަމަށްވެސް، އިސްލާހުގައިވެއެވެ. އަދި މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން މި މަހުގެ ހަތަރު ވަނަ ދުވަހު ނެގި ވޯޓުގައި، 68.74 ޕަސެންޓް މީހުން ވޯޓު ދިނީ ސަރުކާރު ބޭނުންވި ގޮތާ ޚިލާފަށްކަން ކުޑޫ ފާހަގަކުރެއްވިއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް -- ފޮޓޯ/ މަޖިލިސް ނަމަވެސް، މަޖިލީހުން މިއަދު ވަނީ، މި އިސްލާހު ބަލައިނުގަނެ ފޮނުވައިލައިފައެވެ. އެގޮތުން، ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ ތެރެއިން އިސްލާހު ބަލައިގަތުމަށް ވޯޓުދިނީ އަށް މެންބަރުންނެވެ. ނުފެންނަ ކަމަށް 45 މެންބަރަކު ވޯޓުދިނެވެ. ފާހަގަކުރެވޭ ގޮތުގައި، ރައީސް ވެރިކަމަށް ވަޑައިގަތީ ލާމަރުކަޒީ ނިޒާމަށް އިސްލާހުތައް ގެންނާނެ ކަމުގެ ވައުދުފުޅާއެކުގައެވެ. އެގޮތުން ވެރިކަމަށް ވަޑައިގަތުމަށްފަހު ކައުންސިލުތަކަށް ޚާއްސަ މިނިސްޓްރީއެއް އުފެއްދެވި ނަމަވެސް، ފެންނަ ނުފެންނަ ވޯޓަށްފަހު އެ މިނިސްޓްރީ ވަނީ މިދިޔަ މަހު އުވާލައްވައިފައެވެ. އަތޮޅު ކައުންސިލްތައް އުވައިލުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މީގެ ކުރިން ޚިޔާލު ފާޅުކޮށް، އެ ބަދަލުގެ ބޭނުމަކީ ސަރުކާރުން ބޭނުންވާ ބަޔަކު އަތޮޅުތަކުގެ ވެރިންނަށް ހަދައިގެން، އަތޮޅުތައް ހިންގުން ކަމަށް ބުނެފައިވެއެވެ. ނަމަވެސް ރައީސް ވަނީ، އަތޮޅު ކައުންސިލްތައް އުވައިލައިގެން ސަލާމަތްވާ ފައިސާ ރަށު ކައުންސިލުތަކަށް ބަހާނެ ކަމަށާއި، އެއާއެކު ރަށު ކައުންސިލުތަކުގެ ބަޖެޓު ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ. އެ ބަދަލު ގެންނާތީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނީ، އަތޮޅު ކައުންސިލުތައް އުވާލުމުން އެ އިދާރާތަކުން ފޯރުކޮށްދެމުންދިޔަ އެންމެހައި ޚިދުމަތްތައް ދިނުމުގެ ގާނޫނީ މަސްއޫލިއްޔަތު މިހާރު މަތިކޮށްފައިވަނީ އެ އޮތޯރިޓީއާ ކަމަށެވެ. އަދި އަތޮޅު ކައުންސިލުތަކުގެ ޒިންމާތައް އެލްޖީއޭއަށް ބަދަލުވެ، އިދާރީ ދާއިރާތަކުގައި އެ އޮތޯރިޓީގެ އޮފީސްތައް އުފެއްދުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށް ބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ