އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޮރްމޫޒް ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުފަހަރަށް އެހީތެރިވުމުގެ މަސައްކަތް އެމެރިކާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާނެކަން އިއްޔެ އިއުލާން ކުރެއްވުމާ ގުޅިގެން، އެ ސަރަހައްދަށް އެމެރިކާގެ ސިފައިން ވަދެއްޖެ ނަމަ ހަމަލާދޭނެކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން މިއަދު ދީފި އެވެ.
އީރާނުގެ އަސްކަރީ ކޮމާންޑަރު އަލީ އަބްދުﷲ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅިއާ ގާތްވާން މަސައްކަތްކުރާ ނުވަތަ އެ ސަރަހައްދަށް ވަންނަން އުޅޭ ބޭރުގެ ކޮންމެ އަސްކަރީ ބާރަކަށް، ހާއްސަކޮށް "އެމެރިކާގެ އިސްތިއުމާރީ ސިފައިންނަށް" ހަމަލާދޭނެ ކަމަށެވެ. މީގެ އިތުރުން، އީރާނުގެ ހުއްދައާ ނުލައި އެ ސަރަހައްދުގައި އެއްވެސް ވިޔަފާރި އުޅަނދެއް ދަތުރުނުކުރުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.
އީރާނުން މި އިންޒާރު ދީފައިވަނީ 'ޕްރޮޖެކްޓް ފްރީޑަމް'ގެ ނަމުގައި އެމެރިކާއިން އިސްނަގައިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ޓްރަމްޕް އިއުލާން ކުރެއްވުމާ ގުޅިގެންނެވެ. މި ހަރަކާތަކީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުފަހަރަށް މަގުދައްކައިދީ އެހީތެރިވުމަށް ފަށާ މަސައްކަތެކެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނުގެ މަގްސަދަކީ ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ހުސްވަމުންދާ އުޅަނދުފަހަރަށް އެހީތެރިވުމެވެ. އަދި މި މަސައްކަތަށް ހުރަސްއަޅާ ކޮންމެ ފަރާތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، މި މިޝަންގައި 15،000 ސިފައިންނާއި 100އަށް ވުރެ ގިނަ މަތިންދާބޯޓާއި ހަނގުރާމަމަތީ މަނަވަރުތަކުގެ އިތުރުން ޑްރޯންތައް ބޭނުންކުރާނެ އެވެ. ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ ވިދާޅުވީ، މިއީ ސަރަހައްދީ ސަލާމަތާއި ދުނިޔޭގެ އިގްތިސާދުގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.
ފާއިތުވި ދެ މަހެއްހާ ދުވަހު އީރާނުން ވަނީ އެ ކަނޑުއޮޅިން ދަތުރުކުރާ ގިނަ އުޅަނދުތަކަކަށް ހުރަސްއަޅާފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލި، އެމެރިކާގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ބޮޑުވެފަ އެވެ.
މިކަމާ ގުޅޭ ގޮތުން އޮފިޝަލުން އިންޒާރުދެއްވާ ގޮތުގައި، އެމެރިކާގެ މި ފިޔަވަޅުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެ، ބޮޑު ކުރިމަތިލުމަކަށް މަގުފަހިވެދާނެ އެވެ. އެމެރިކާގެ ކަނޑުގެ ސިފައިންގެ ކުރީގެ އޮފިސަރެއް ކަމަށްވާ ހާލަން އުލްމަން ވިދާޅުވީ، ކުރިމަތިލުމެއް ހިނގައިފިނަމަ އެކަން ވަރަށް އަވަހަށް ފުޅާވެގެންދާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ މަނަވަރަކަށް ހަމަލާއެއް އަތުވެއްޖެ ނަމަ، އެމެރިކާއަށް މަޖުބޫރުވާނީ ރައްދުގައި ހަމަލާދޭށެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެމެރިކާގެ މި ނިންމުމުގެ ސަބަބުން މިދިޔަ މަހުގެ 7 އިން ފެށިގެން އަމަލުކުރަމުންދާ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަށް ވެސް ބުރޫއަރާނެ އެވެ. އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެމެރިކާގެ މި އަމަލަކީ އެއްބަސްވުމާ ހިލާފުވުމެއް ކަމުގައި ބެލެވޭނެ އެވެ.
ހޮރްމޫޒް ކަނޑުއޮޅިއަށް އެމެރިކާ ސިފައިން ވަދެއްޖެ ނަމަ ހަމަލާދޭނަން: އީރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ