ގަނާކުރުން ހުއްޓުވުން: ގެއާއި ސްކޫލާއި މުޖުތަމައުގެ ދައުރު
ގަނާކުރުމަކީ އިންސާނީ ކަރާމާތަށް އަރައިގަނެ، މީހާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ފުނޑުފުނޑުކޮށްލާ ނުރައްކާތެރި ވަބާއެކެވެ. މިއީ ހަމައެކަނި ސުކޫލު ގޯތިތެރޭގައި ހިނގާ ކަމެއް ނޫނެވެ. މިއީ މުޅި މުޖުތަމައަށް ފެތުރިފައިވާ، ހައްލުކުރަން މަޖުބޫރުވެފައިވާ އިޖުތިމާއީ ބައްޔެކެވެ. މިކަން ހުއްޓުވުމަށްޓަކައި ގެއާއި، ސުކޫލާއި، މުޅި މުޖުތަމައުގެ ބަދަހި ގުޅުމެއް ބޭނުންވެއެވެ. އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި އަމިއްލައަށް މަރުވުމުގެ ނުރައްކާތެރި އޮއިވަރު އިތުރުވަމުންދާ މައްސަލައާ ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކުރަމުން ދިޔައިރު، ސިއްޙީ ދާއިރާގެ މާހިރަކާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުސަތު ލިބުނެވެ. އަޅުގަނޑު އުންމީދުކޮށްގެން ހުރީ ފަންނީ އަދި އިލްމީ މައުލޫމާތުތަކަކަށެވެ. ނަމަވެސް، އަޅުގަނޑަށް ލިބުނީ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތަކުން ފުރިގެންވާ މެސެޖެކެވެ. އެއީ ކޮންމެ ތަފާސްހިސާބެއްގެ ފަހަތުގައި، އޭނާގެ ހިތުގެ ހާލަތު ދެނެގަނެ، ގާތުގައި މަޑުކޮށްލާނެ މީހަކަށް އިންތިހާއަށް އެދިއެދި ހުރި ފުރާނައެއްވާކަން ހަނދާންކުރުމަށެވެ. https://sun.mv/89101 އަޅާލުން ނެތުމުގެ ހިމޭންވޭން އަޅުގަނޑުމެންގެ ވާހަކައިގެ ތެރެއިން ތެރެއިން އެއް ހަގީގަތެއް ވަރަށް ސާފުކޮށް ހާމަވެގެންދިޔައެވެ. ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާ ގިނަ ޒުވާނުންނަކީ، ހަމައެކަނި "ޑިޕްރެޝަން" ތަހައްމަލުކުރާ ބައެއް ނޫނެވެ. އެކުދިންނަކީ އަޅާލުމާއި ލޯބި ނުލިބޭ، ހަރުކަށި މާހައުލުތަކެއްގެ ބުރަ އުފުލަމުންދާ ކުދިންނެވެ. އެކުދިން ބޮޑެތިވަނީ އަބަދު ދެބަސްވުމާއި ހަމަނުޖެހުން އިސްކުރާ އާއިލާތުގެ ތެރޭގައެވެ. ބުނެލާ ބަސްތަކުން ހިތްތައް ޒަޚަމްކޮށްލާ މާހައުލުތަކެވެ. "ކިހިނެއް؟" އަހާލާ ހާލުބަލާލާނެ މީހަކު ނެތި، އެކަނިވެރިކަމުގައި ދުވަސްތައް ގުނަމުންދާ މައުސޫމު ކުދިންނެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް، މި ނުތަނަވަސްކަމުގެ ނޭދެވޭ އަސަރު އެކުދިންގެ ޝަޚުޞިއްޔަތަށް ފޯރަން ފަށައެވެ. އެކުދިންގެ އިހުސާސްތައް ކޮންޓްރޯލްކުރުމުގެ ގާބިލުކަމާއި، ދިރިއުޅުމުގެ ފިއްތުންތަކަށް ކުރިމަތިލާނެ ގޮތާއި، މުޅި ދުނިޔެއަށް އެކުދިން ބަލާނެ ގޮތް ބިނާވަނީ މިފަދަ މާހައުލުތަކުގެ މައްޗަށެވެ. އަޅާލާނެ އެންމެ އިންސާނަކަށް ވެސް، މުޅި މަންޒަރު ބަދަލުކޮށްލެވިދާނެއެވެ. އެއީ މުޅި ނިޒާމެއް ނުވަތަ ބޮޑު ޖަމާއަތަކަށް ވާކަށް ނުޖެހެއެވެ. ބޭނުންވަނީ ހަމައެކަނި އެކަކުގެ އޯގާތެރިކަމެވެ. https://sun.mv/221084 ލޯތްބާއި ގާތްކަމަށް އޮންނަ ފެންބޮވައިގަތުން އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް މުޖުތަމައައިން މުހިންމު މީހެއްގެ ގޮތުގައި ބަލައިގަތުމަށް އެދޭ މީހެކެވެ. ކުއްޖަކަށް އޭނާ ބަލައިގަންނާނެ މީހަކު ނެތްކަމަށް އިހުސާސްވުމުން، ހިތުގެ އުދާސްތައް ބޭރުކޮށްލާނެ ރައްކާތެރި މާހައުލެއް ނެތުމުން، އަދި އޭނާގެ ހާލަތު ދެނެގަންނާނެ މީހަކު ނެތުމުން، އެކުއްޖާ އެކަހެރިވާން ފަށައެވެ. ނަތީޖާއެއްގެ ގޮތުން، ނުރަނގަޅު އަމަލުތަކަށް މަގުފަހިވެ، ގަނާކުރުމުގެ ޝިކާރައަކަށްވެ ނުވަތަ އެހެން މީހުންނަށް ގަނާކުރާ ކުއްޖަކަށް ބަދަލުވެއެވެ. އެފަދަ ކުއްޖެއްގެ ކަންކަން ރަނގަޅުކުރަން އަވަސް އަރުވާލުމުގެ ބަދަލުގައި، އެކުއްޖާގެ ގާތުގައި އިށީނދެލުމަކީ މުހިންމު ކަމެކެވެ. ކުށްވެރިކުރުމެއް ނެތި، އެކުއްޖާގެ ވާހަކަތައް އިޚުލާޞްތެރިކަމާއެކު އަޑުއެހުމަށެވެ. ނަސޭހަތުގެ ދަރުސަކަށް އެކަން ބަދަލުނުކޮށް، އޭނާއަށް ބޭނުންވާ ވަގުތާއި ޖާގަ ދިނުމަށެވެ. ގާތްގުޅުމަކީ މަޖުބޫރުކޮށްގެން އުފެއްދޭނެ އެއްޗެއް ނޫނެވެ. އެއީ އިތުބާރާއި އޯގާތެރިކަމުގެ މައްޗަށް ބިނާވާ ގުޅުމެކެވެ. ކުދިންގެ ތަރުބިއްޔަތު: މަގުދައްކައިދިނުމާއި ރަތްރޮނގު ދަރިން ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑުމެން މިތިބެނީ ވަރަށް ހަނި ރޮނގެއްގެ މަތީގައެވެ. އެއްކޮޅުން، އަޅާނުލުމެވެ. އެކުދިންގެ ހާލަތާއި، އުޅޭނޫޅޭ ގޮތާއި، އެކުދިންގެ އިހުސާސްތަކަށް ބީރު ކަންފަތެއް ދިނުމެވެ. އަނެއްކޮޅުން، މާ ބޮޑަށް ދޫދީ ހުރިހާ ކަމެއް ފަހިކޮށްދިނުމެވެ. މީގެން އެއްވެސް ގޮތަކީ ދިރިއުޅުމުގެ ހަގީގީ ގޮންޖެހުންތަކަށް އެކުދިން ތައްޔާރުކޮށްދޭ ގޮތެއް ނޫނެވެ. ކުދިންނަށް އުސޫލުތަކާއި ހުދޫދުތައް ބޭނުންވެއެވެ. މަގުދެއްކުމުގައިއެކު ލޯބިނުދެވޭނަމަ، އެ ގުޅުން ކެނޑިގެންދެއެވެ. އަދި ލޯބި ދިނުމުގައި އުސޫލެއް ނެތްނަމަ، އެ ގުޅުން ބަލިކަށިވެއެވެ. އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންޖެހޭ އެންމެ މުހިންމު އެއްކަމަކަށް އަޅުގަނޑަށް ފާހަގަވީ – އަޅުގަނޑުމެންގެ ދަރިން އެމީހުންގެ އިހުސާސްތައް ކޮންޓްރޯލްކުރަން ދަސްކުރަނީ އަޅުގަނޑުމެން ދޭ ނަސޭހަތަކަކުން ނޫނެވެ. އެކުދިން އެކަން ދަސްކުރަނީ އަޅުގަނޑުމެން ކަންކުރާގޮތް ބަލައިގެންނެވެ. އަޅުގަނޑުމެން ކަމަކާ މާއަވަހަށް ނުރުހުންވެ، ރުޅިވެރިކަން އިސްކުރާނަމަ، އެކުދިން ދަސްކުރާނީ އެ ގޮތެވެ. އަޅުގަނޑުމެން ކެތްތެރިވެ ވިސްނާލާނަމަ، އެކުދިން ދަސްކުރާނީ ހިކުމަތްތެރިކަމެވެ. ވާހަކަދެއްކުމުގެ ކުރިން ފަހަތަށް ފިޔަވަޅެއް އަޅައި ވިސްނާލުމަކީ، ކޮންމެވެސް ދުވަހަކުން އެކުދިންގެ ފުރާނަ ސަލާމަތްކޮށްދީފާނެ ފަދަ އަގުހުރި ހުނަރެކެވެ. މި ވާހަކަތަކުގެ ތެރޭގައި ހިތާމަވެރި ހަގީގަތެއް ވެސް ފާހަގަވެގެންދިޔައެވެ. އެއްއިރެއްގައި އަޅުގަނޑުމެން ބަރޯސާވި އިޖުތިމާއީ އެހީތެރިކަމުގެ ނިޒާމުތައް މަޑުމަޑުން ބަލިކަށިވަމުންދާ ކަމެވެ. އެތަންމިތަނަށް ބެހިފައިވާ އާއިލާތަކާއި، އެކަކު އަނެކަކު ނުދަންނަ އަވަށްޓެރިންނާއެކު މުޖުތަމައު ތެރޭގައި މީހުންވަނީ ދުރުހިލޭބަޔަކަށްވެފައެވެ. އެހެނަސް، ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަކަށް ބަދަލެއް ނާދެއެވެ. ޒުވާނުންނަށް ބޭނުންވަނީ އެކުދިން ބަލައިގަންނަ، އޯގާތެރި މާހައުލުތަކެވެ. ކަމެއް ގޯސްވާހެން ހީވުމުން ހާލުބަލާލާނެ ރަހުމަތްތެރިންނާއި އަޅާލާނެ ބޮޑެތި މީހުންނެވެ. ދައުވަތު: އޯގާތެރިކަމުގެ ގާތުގައި ހުރެދިނުމަށް ތިޔައީ ބެލެނިވެރިއެއް، ކޮއްކޮއެއް، ބޭބެއެއް، މުދައްރިސެއް ނުވަތަ ހަމައެކަނި އަޅާލާ އިންސާނެއް ކަމުގައި ވިޔަސް – ހުރިހާ ސުވާލެއްގެ ޖަވާބު އެނގުމަކީ މަޖުބޫރު ކަމެއް ނޫނެވެ. ބޭނުންވަނީ ހަމައެކަނި އެހީތެރިކަމަށް އެދޭ ފަރާތާއެކު ހުރެދިނުމެވެ. އަޑުއެހުމަށެވެ. އެމީހެއްގެ ގާތުގައި މަޑުމަޑުން މަޑުކޮށްލުމަށެވެ. އުންމީދު ކެނޑުމާއި އުންމީދު އާވުމާ ދެމެދު އޮތް ތަފާތަކީ، ބައެއް ފަހަރު ހަމައެކަނި ހޯދައިދޭ ހައްލެއް ނޫނެވެ. އެއީ ގާތުގައި ހުރި މީހެއްގެ އޯގާތެރިކަމެވެ. އެއްވެސް މީހަކު އެކަނިވެރިކަމާއި އެކަހެރިކޮށް ބާކީކޮށްލުން އިހުސާސް ނުކުރާނެފަދަ ގެތަކާއި، ސުކޫލުތަކާއި، މުޖުތަމައެއް ބިނާކުރުމުގެ ތައުފީގު މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ. އަޅުގަނޑުމެންނަކީ އެކަކު އަނެކަކުގެ މައްޗަށް ލޯތްބާއި އަޅާލުން އޮތްބަޔަކު ކަމުގައި ލައްވާށިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ