މި ފެށުނީ ރާއްޖެ-ލަންކާ ގުޅުމުގެ އާ ބާބެއް؛ އަމާޒަކީ ނަތީޖާ ނެރުން: ރައީސް

ރާއްޖެ އާއި ލަންކާގެ ގުޅުމުގެ އާ ބާބެއް މިއަދު ފެށިފައިވާ ކަމަށާއި ދެ ގައުމުގެ ވެސް އަމަޒާކީ ސޮއިކުރެވޭ އެއްބަސްވުންތަކާއި މަޝްވަރާތަކާ އެކު ރައްޔިތުންނަށް ފައިދާކުރާނެ ނަތީޖާތަކެއް ނެރުމަށް ގުޅިގެން އުފެއްދުންތެރި މަސައްކަތްތަކެއް ކުރުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ލަންކާގެ ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތެއްގައި ވަނީ، ލަންކާއަށް ރައީސް މުއިއްޒުގެ ދެކަނބަލުން މިހާރު ކުރަވަމުން ގެންދަވާ ދަތުރުފުޅަށް ރަސްމީކޮށް މަރުހަބާ ކިޔާފަ އެވެ.
ބުނީ ކީކޭ؟ - މި ރަސްމިޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކައާ އެކު ތަފާތު އެކި ދާއިރާތަކުން އުފެއްދުންތެރި އަދި ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. މިއަދު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ހެދި އެއްބަސްވުންތަކާއި އިތުރަށް ކުރެވޭ މަޝަވަރާތަކުން ވެސް ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރާނެ ނަތީޖާތަކެއް ނެރެދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒު މިހާރު ވަރަށް ސާފު. [އެއީ] ނަތީޖާ ނެރެމާއި ތަންފީޒުކުރުން. ދެ ގައުމުގެ ދެމެދުގައި މި ސޮއިކުރެވުނު އެއްބަސްވުންތަކުގެ އެންމެ ފުރިހަމަ ފައިދާ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ކުރާނެކަން ޔަގީންކުރުން. މިއަދު މަޝްވަރާކުރެވޭ އެންމެ މައިގަނޑު ދާއިރާއަކީ އިގްތިސޯދީ ގޮތުން ގުޅުން ބަދަހިކުރުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ:
ދެ ގައުމުން ގުޅިގެން މާދަމާ ބާއްވާ ފޯރަމަކީ ދެ ގައުމުގެ އިންވެސްޓަރުންނާއި އިނޮވޭޓަރުން އަދި ވިޔަފާރިތަކުގެ ގުޅުންތައް ބަދަހިކުރަން ލިބޭނެ މުހިންމު ފުރުސަތެއް
ލަންކާގައި ބީއެމްއެލްގެ ހިދުމަތް ފެށުމަށާއި އާ ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމުގެ މަޝްވަރާތައް އެބަކުރެވޭ
ރާއްޖޭގެ މަހުގެ އުފެއްދުންތައް ލަންކާގެ މާކެޓަށް ނެރުމަށް ވެސް މަޝްވަރާތައް އެބަކުރެވޭ
ދެ ގައުމުގެ ވިޔަފާރި އާއި އިގްތިސާދީ ގުޅުންތަކުގެ ފައިދާ އެއް ހަމައަކުން ދެ ގައުމަށް ކުރާކަން ކަށަވަރުކުރުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަކުރެއްވި
"މިއަދަކީ ރާއްޖެއާ ލަންކާގެ ގުޅުމުގެ މުޅިން އާ ބާބެއް ފެށިގެންދާ ދުވަސް. މި ގުޅުން އިތުރަށް ވަރުގަދަކުރުން މަތީ ރާއްޖެއިން ދެމި އޮންނާނެ. ސަރަހައްދުގެ ގުޅުންތަކާއި ހަމަޖެހުމާއި ފުއްދުންތެރިކަން އިތުރަށް ފުޅާކުރުންމަތީ ދެމިއޮންނާނެ. ދެ ގައުމު ގުޅިގެން މަަަސައްކަތްކުރާނީ ރައްޔިތުންގެ ފައިދާއަށް މަސައްކަތްކޮށް، ހަގީގީ މާނައިގައި ނަތީޖާ ނެރުމުގައި ދެމިތިބުމަށް،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ