އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ފެނަކަ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އައްޑޫ ސިޓީގައި ކަރަންޓު ދިނުމަށް ބޭނުންކުރަމުންދާ 750 ކިލޯވޮޓުގެ ޔަންމާ އިންޖީނެއްގެ ޓާބޯއަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ އެކި އެކި ސަރަހައްދުތަކުން ކޮންމެ ދުވަހަކު އެއްގަޑިއިރަށް ކަރަންޓު ކަނޑަމުން އަންނަ ކަމަށެވެ.
ކަރަންޓު ކަނޑަމުން އަންނަނީ އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަށް ބަލައިގެން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މައްސަލަ ޖެހިފައިވާ ޓާބޯ ހޯދުމަށް އެމްޓީސީސީ މެދުވެރިކޮށް ކުރެވުނު މަސައްކަތުން ޓާބޯ ހޯދުމަށް އެހެން ބްރޭންޑެއްގެ އާ އިންޖީނެއް ހޯދުމަށްދާ ޚަރަދު ހިނގާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ޓާބޯ ރާއްޖެ ގެނައުމަށް އެމްޓީސީސީގެ ފަރާތުން ދީފައިވާ މުއްދަތަކީ 45 ދުވަސް ކަމުން އެކަމަށް ގިނަ ދުވަސް ނަގާނެތީވެ ރަމަޟާންމަހު ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އައްޑޫ ސިޓީއަށް ގެންގޮސްފައިވާ 800 ކިލޯވޯޓުގެ ޖަނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ކަރަންޓުގެ މައްސަލަ ޖެހުނު ދުވަހުން ފެށިގެން ފަށާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެ ޖަނެރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށްޓަކައި 1.6 މެގަވޯޓު ޖަނެރޭޓަރުގެ ސްޕެއާތައް ފޮނުވައި އިތުރަށް ބޭނުންވާނެ ކަމަށް އިންޖިނިއަރުން ފާހަގަކޮށްފައިވާ ސްޕެއާތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މި މަހުގެ ތެރޭގައި އައްޑޫ ސީޓީއަށް 2 މެގަވޯޓުގެ އާ ޖަނެރޭޓަރެއް ގަތުމަށް ބިޑް އެވޯޑުކުރި ފަރާތްތަކާ އެ ކުންފުންޏާ ދެމެދު ސޮއިކުރެވިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ކުންފުނީގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުން ދަނިކޮށް އެއްވެސް ހަގީގަތެއް ނުބަލައި އަދި ކަންކަން ހައްލުކުރުމަށް ގެންދަނީ ކޮން މަސައްކަތްތަކެއްތޯ ނުބަލައި މި ކުންފުނީގެ ކަސްޓަމަރުންގެ ގޮތުގައި ތިބި އާންމު ރައްޔިތުން މި ކުންފުންޏާ ދޭތެރޭ ދެކޭގޮތް ބަދަލުވާ ފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުދެއްކުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ.،" ފެނަކައިގެ ބަޔާނުގައި ވެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ކަމާބެހޭ އެއްވެސް ފަރާތަކާ ގުޅޭނެގޮތެއް ނުވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ