އެމްޑީޕީއާއި ޖޭޕީއާ ބައްދަލުކުރަނީ ސަަރުކާރުގެ ފަރާތުން މަޝްވަރާ ކުރާކަށް ނޫން - އުމަރު

ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއާއި އެކު ބައްދަލުކުރަނީ ސަރުކާރުގެ ފަރާތުން މަޝްވަރާ ކުރަން ނޫންކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ މިހެން މިއަދު ވިދާޅުވެފައި ވަނީ، ޤާނޫނު އަސާސީގެ ހިމާޔަތުގެ ނަމުގައި މަސައްކަތް ކުރަމުންދާ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއިން ހޯމް މިނިސްޓަރާ ބައްދަލުކުރަން މަސައްކަތް ކުރާކަން ރޭ ހާމަކޮށްފައި ވަނިކޮށެވެ.
އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއަށް އެޕޮއިންޓްމެންޓެއް ދީފައިވާނެ ކަމަށާއި، ނަމަވެސް މިއީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި އެކު ބާއްވާ މަޝްވަރާ ބައްދަލުވުމެއްގެ ގޮތުގައި އެއްވެސް ފަރާތަކުން ދެކިގެން ނުވާނެ ކަމަށެވެ.
އުމަރު ނަސީރު މިހެން ވިދާޅުވެފައިވާއިރު، ޖޭޕީއާއި އެމްޑީޕީ ގުޅިފައިވާ އިންޓަރ-ޕާޓީ ކޮމިޝަަނުން ވަނީ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާއި ގުޅޭ ގޮތުން ހިންގަން ޖެހޭ ހަރަކާތްތައް ކުރިޔަށް ގެންދަން ނިންމާފައެވެ.
އެމްޑީޕީގެ ޗެއާޕާސަން އަލީ ވަޙީދު ވިދާޅުވީ ރައީސް ނަޝީދު މިނިވަން ކުރަން ޖެހޭ ކަންތައްތައް އެމްޑީޕީ އިން ކުރިއަށް ގެންދަން ކޮމިޝަނުން ނިންމި ނަމަވެސް ދެފަރާތުން އަބަދުވެސް މަޝްވަރާ ކުރަމުން ދާނެ ކަމަށެވެ.
“އަޅުގަނޑުމެންގެ ޕާޓީއަށް މިވަގުތު ރައީސް ނަޝީދު އަށްވުރެ މުހިންމު އެއްވެސް ކަމެއް ނެތް” އަލީ ވަޙީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ