ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ މި ފަހަރުގެ ސީޒަންގައި މިހާރު ކުރިއަށްދާ ދ. ޒޯނުގެ ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން، އަންގްސާނާ ވެލާވަރުން ހޯދައިފި އެވެ.
އެ ގޮތުން، ވެލާވަރުން އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އަތުން މޮޅުވީ، ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، 2-2 އިން އެއްވަރުވެފައި އޮތް މި މެޗުގެ ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ވެލާވަރު މޮޅުވީ 4-3 އިންނެވެ.
ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އެކަމަކު، އިއްޔެ ސެމީ ފައިނަލުގައި ވާދަކުރި މެޗުގައި، ދެ ޓީމުގެ ފަރާތުން ވެސް ގޯލުތައް ފެނިގެންދިޔަ އެވެ. އަލީ ޝާމިއު (މައިތޯ) އަތުން ބައިކޮޅަށް ވަން ގޯލަކުން ނިޔާމަ އިން ލީޑުނެގިއިރު، މުހައްމަދު ޝާހު ވަނީ ވެލާވަރަށް އެއްވަރުކޮށްދީފަ އެވެ. އަބްދުލް ރަހީމް ހުސެއިންގެ ގޯލުން ނިޔާމަ އިން އަލުން ލީޑުނެގިއިރު، މެޗު ޕެނަލްޓީ އަށް ދިޔައީ އަލީ ހައިޝަމް ހަސަން ފަހު ވަގުތު ޖެހި ގޯލުންނެވެ.
ޕެނަލްޓީގައި، ވެލާވަރުގެ ވިޝާހު ޝަރީފް ޕެނަލްޓީ ކާމިޔާބުކުރިއިރު، ނިޔާމައިގެ ފުރަތަމަ ޕެނަލްޓީ އަލީ ފަހުމީ އަތުން ވީ ނާކާމިޔާބެވެ. ވެލާވަރުގެ ހަތަރު ވަނަ ޕެނަލްޓީ އަހުމަދު ޝައިހާން އަތުން ބޭކާރުވިއިރު، އެ ޓީމުގެ އަނެއް ޕެނަލްޓީތައް ހައިޝަމް، މައިތޯ އަދި ޝާހު ކާމިޔާބުކުރި އެވެ. ނިޔާމައިގެ ފުރަތަމަ ޕެނަލްޓީ ނާކާމިޔާބުވުމަށް ފަހު ދެން ޖެހި ޕެނަލްޓީތައް ފަވާޒް ޔޫސުފް، އިބްރާހިމް ސައިފް، ހުސެއިން ޝާރިގް ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ޓީމު ބަލިވީ. ފަހު ޕެނަލްޓީ ހުސެއިން އިފްހާމް އަތުން ނާކާމިޔާބުވުމުންނެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ވެލާވަރުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވޮއްމުލި 6-2 އިން ބަލިކޮށްފަ އެވެ. މި ދެ ޓީމު މި ފަހަރުގެ ފައިނަލުގައި ކުޅޭ މެޗު އޮތީ މާދަމާ ހަވީރު އެވެ.
ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ވެލާވަރު އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ