ޝިލްޕާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސިނެމާ މަސައްކަތްތެރިންގެ ޖަމިއްޔާއިން ގޮވާލައިފި
އިންޑިއާގެ ޓެލެވިޒަން ބަތަލާ ޝިލްޕާ ޝިންޑޭ ޖިންސީ ފުރައްސާރައިގެ ދޮގު ތުހުމަތުތަކެއް ކުރި ކަމަށް އެއްބަސްވުމާ ގުޅިގެން ބަތަލާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސިނެމާ މަސައްކަތްތެރިންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ. އޯލް އިންޑިއާ ސިނެ މަސައްކަތްތެރިންގެ ޖަމިއްޔާ (އޭއައިސީޑަބްލިއުއޭ)އިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި ވަނީ މަޝްހޫރު ޑްރާމާ ސިލްސިލާ "ބާބީޖީ ގަރް ޕަރް ހޭ"ގެ ޕްރޮޑިއުސަރުގެ މައްޗަށް ޖިންސީ ގޯނާގެ ދޮގު އިލްޒާމްތަކެއް އުފުލި ކަމަށް ބަތަލާ ޝިލްޕާ އިއުތިރާފުވުމާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ޝިލްޕާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަހަރާޝްތުރާގެ ޗީފް މިނިސްޓަރު ދޭވޭންދްރާ ފަޑްނާވިސްގެ ކިބައިންވެސް އެ ޖަމްއިއްޔާއިން ވަނީ އެދިފައެވެ. އިންސްޓަގްރާމްގައި ޝާއިޢުކުރި ބަޔާނެއްގައި އޭއައިސީޑަބްލިއުއޭއިން ބުނެފައި ވަނީ، ޕްރޮޑިއުސަރު ސަންޖޭ ކޯލީގެ މައްޗަށް ކުރި ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް ޝިލްޕާ އެއްބަސްވުމަކީ ބޮލީވުޑާއި ޓީވީ އިންޑަސްޓްރީއަށް އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ޑްރާމާ ސިލްސިލާ "ބާބީޖީ ގަރް ޕަރް ހޭ"ގެ ޕްރޮޑިއުސަރު ސަންޖޭ ކޮލީ--ފޮޓޯ/އިންޑިއާޓުޑޭ "ޖިންސީ ގޯނާގެ ދޮގު އިލްޒާމެއް އެޅުވުމަކީ އެމީހެއްގެ އަބުރާއި، އާއިލާއާއި، ދަރިންނާއި، ކެރިއަރާއި އަދި ނަފްސާނީ ދުޅަހެޔޮކަމަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް. މިފަދަ ތުހުމަތުތަކުގެ ސަބަބުން ކުށެއް ނެތް މީހެއްގެ އަބުރު ދާއިމަށް ކިލާވެ، އެމީހެއްގެ ގާތްތިމާގެ މީހުންނަށް ވެސް އޭގެ ހިތްދަތި އަސަރުތައް ކުރޭ،" އެ ބަޔާނުގައިވެއެވެ. މީގެއިތުރުން، ގަސްތުގައި ދޮގު އިލްޒާމްތައް އެޅުވުމަކީ ހަގީގީ އަނިޔާ ލިބޭ މީހުން އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށާއި، މީގެ ސަބަބުން ހަގީގީ ޝިކާރައަކަށްވާ މީހުންގެ ވާހަކަތަކާ މެދު މުޖުތަމައުގައި ޝައްކު އުފެދޭނެ ކަމަށް ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ހުރިހާ އަންހެނުންނަކީ ދޮގު އިލްޒާމް އަޅުވާ ބައެއް ނޫން ކަމަށާއި، ފިލްމީ ދާއިރާގައި ހަގީގަތުގައި ވެސް ގޯނާ އާއި ފުރައްސާރައާ ކުރިމަތިލާންޖެހޭ އެތައް ހާސް އަންހެނުންނަށް އިހުތިރާމާއި އިންސާފު ލިބެންޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މި މައްސަލަ ފެންމަތިވީ، ކޮމެޑީ ތަރިން ކަމަށްވާ ބާރްތީ ސިންގް އާއި ހާރްޝް ލިމްބާޗިޔާގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން، މީގެ 10 އަހަރު ކުރިން ސަންޖޭ ކޯލީއާ ދެކޮޅަށް ހުށަހެޅީ ދޮގު މައްސަލައެއް ކަމަށް ޝިލްޕާ އިއުތިރާފުވުމުންނެވެ. އެ ޝޯއިން ވަކިވާން ޖެހުމުންނާއި ލިބެންޖެހޭ ފައިސާ ނުލިބި ގޮތް ހުސްވުމުން، އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން އެފަދަ ތުހުމަތެއް ޕްރޮޑިއުސަރާ ދެކޮޅަށް ކުރަން އޭރު އަޅަން މަޖުބޫރުވީ ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ. ޝިލްޕާގެ މި އިއުތިރާފާ ގުޅިގެން މަޝްހޫރު ބަތަލާ ހީނާ ޚާން ވެސް ވަނީ ދާދިފަހުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މީހަކަށް ލިބެންޖެހޭ ފައިސާއެއް ހޯދުމަށްޓަކައި މީހެއްގެ އަބުރާ ބެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހީނާ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ