ދަރޭތި

(ބުދަ ދުވަހާ ގުޅޭ)
"އާދަނު ގެއްލުނީމަ އަހަންނަށް ދެދުނިޔެ ގެއްލިއްޖެ!" ހަފީޒާ ބުންޏެވެ. 
ހަފީޒާ ގެއްލުމުން އާދަނަށް ވެސް ހަމަ އެ ފަދައެވެ. އެހެން ނަމަވެސް، އެ ކަން އޮތީ އާދަނުގެ ހިތުގައި ފޮރުވިފައެވެ. އަހަރެން ވެސް ބޭނުމީ މަރުވާށޭ ބުނެ، ކުފުރުވާން ހަފީޒާއަށް ހިތްވަރުދޭކަށް އާދަނަކަށް ނުކެރުނެވެ. ކަށްވަޅުގެ އަޒާބާއި މަހުޝަރުގެ ބިމާއި ޖަވާބުދާރީވާން ޖެހޭ ވަގުތެއް އަންނާނެކަން ވެސް އާދަނަށް އެނގެއެވެ. އާދަނު ބިރުގަންނަނީ އެ ފަދަ ވާހަކަތަކުން ހިޔާލު ބަދަލުކުރެވޭ ވަރަށް ވުރެ މާ ދުރަށް ހަފީޒާއަށް ދެވިފައިވާތީއެވެ. ކޮޓަރިއަށް ވަންނަ އިރު ދަންމަޅި ހުންނާނީ ހަފީޒާގެ އިންތިޒާރުގައެވެ. އާދަނަކަށް ކޮޓަރިއަށް ވަދެ އެ މަޅިގަނޑު ކަނޑައިލެވޭނެ ގޮތެއް ނެތެވެ. 
"އަހަރެން ދެކެ ހަފީޒާ ތިހާ ލޯބިވަންޏާ، މީ ތި ލޯބި ސާބިތުކޮށްދޭންވީ ވަގުތު،" އާދަނު ބުންޏެވެ. "އަހަންނާ ނީނދެވުނަސް، އަހަރެން ބުނީތީ ހަފީޒާ ޖެހޭނެ ދުނިޔޭގަ ހުންނަން."
އާދަނުގެ ކޮނޑުގައި ބޯއަޅައިގެން އިނދެ ހަފީޒާ ރުއެވެ. އިރުއިރުކޮޅާ ލޮލުން ކަރުނަ ފުހެއެވެ. ހަފީޒާ އަތުގައި އޮތް ރުމާ އާދަނު އަތުލިއެވެ. ކޮންމެ ގޮތަކުން ވިޔަސް ހަފީޒާގެ ވިސްނުން އެހެން ދިމާއަކަށް އަނބުރައިލަން އާދަނު ބޭނުމެވެ. 
"ހަފީޒާގެ ލޮލުން ފައިބާ ކަރުނަ ފުހެދޭނީ އަހަރެންގެ މޫނުން." އާދަނު ބުންޏެވެ. 
އާދަނު ކަރުނަ ފުހެދޭން ފެށުމުން ހަފީޒާ ކުއްލިއަކަށް އާދަނުގެ ކޮލުގައި ދަތްއެޅިއެވެ. 
"ތަދުވިތަ؟" ހަފީޒާ އެހިއެވެ. 
"ކާލިޔަސް އަހަންނަކަށް ތަދެއް ނުވާނެ،" އާދަނު ބުންޏެވެ. "އެކަމަކު ހަފީޒާ މަރުވެއްޖެއްޔާ އަހަރެންގެ ހިތަށް ވަރަށް ތަދުވާނެ. އަހަރުމެންނަށް ނުވެސް އިނދެވި، އަހަރެން ދުނިޔެއަށް ގިނަވެ، ލާޗާރުބިޗާރުވާނެ. އެއަށް ވުރެ ވެސް ދެރަކަމަކީ، ސުވަރުގެއިން ވެސް ދެނެއް އަހަރުމެން ބައްދަލެއް ނުވާނެ. ހަފީޒާ ދާނީ ނަރަކައަށް. އަމިއްލައަށް މަރުވުމުގެ ހިޔާލު ދޫކޮށްލާ!"
"ދެން ކިހިނެއްތަ އަހަރެން ހަދަންވީ؟" ހަފީޒާ އެހިއެވެ. "ފިލަންވީ؟"
"އުހުނ! ފުރައިގެން ދާންވީ!" އާދަނު ބުންޏެވެ. "ގޮސް، ބަސްއަހައިގެން ކިޔަވައިގެން މޮޅުވެގެން މާލެ އާދޭ! އަހަރެން ހުންނާނަން އިންތިޒާރުގަ. މީހަކާ ވެސް ނީންނާނަން. ﷲ ގުޅުވައިފި ދެ ހިތެއް، ހަމީދު ކީއްކުރަން، އެއްވެސް އިންސާނަކަށް ވަތްކެއް ނުކުރެވޭނެ. މަރުވާނީ ފިނޑިން. މަގޭ ހަފީޒާއަކީ ފިނޑިއެއް ނޫން. ދަންނުޖެހެއްޗޭ! އާނއެކޭ ބުނޭ!"
ހަފީޒާ ބޯޖަހައިލިއެވެ. 
"ސާބަހޭ ދޫންޏާ!" ހިތްވަރުދޭ ކަހަލަ ރާގެއްގައި އާދަނު ބުންޏެވެ. "ކިހިނެއް ދަނީ؟"
"ނަގަރިޔާ ބޯޓުގަ،" ކުރެހިފައިވާ އަޑަކުން ހަފީޒާ ބުންޏެވެ. "ވަރަށް ދިގު ދަތުރެކޭ ބުނީ. އަހަރެން ކަނޑަށް ވަރަށް ބަލިވާނެ. އަހަރެން ބޭނުން އަހަރެން ގާތުގަ އާދަނު ހުންނަން. އަޅެ އަހަރެން ގެންދިޔަ ނުދީ ހިފާއްޓާ! ތީ ވަރަށް ހިތްވަރުގަދަ މީހެއްނު."
ހިތްވަރުގަދަޔަސް އާދަނަކީ އެ ވަރުގެ ހައިސިއްޔަތެއް ހުރި މީހެއް ނޫނެވެ. ކިރިޔާ ވެސް ބާރެއް އޮތް ނަމަ، ހަފީޒާ ގެންދިޔަކަ ނުދިނީހެވެ. 
"ކަލޭފާނަށް ނުކެރެއްވުނު ކަމެއް އަހަރެން ކިހިނެއް ކުރާނީ ހަފީޒާ؟" ފެންކަޅިވެފައި އާދަނު ބުންޏެވެ. "އަހަންނަށް ކަމެއް ވެދާނެތީއެއް ބިރެއް ނުގަނޭ! އެކަމަކު އަހަރެން ކުރާ ކަމަކުން ހަފީޒާ ބައްޕައަށް ދެރަ ގޮތެއް ވެއްޖެއްޔާ ކިހާ ދެރަ؟"
"ދެން ހަމަ އަހަރެން ދޫކޮށްލަނީ؟" ހަފީޒާ ސުވާލުކުރިއެވެ. 
"ދޫކޮށްލަނީކީ ނޫން،" އާދަނު ބުންޏެވެ. "ހަމީދު ޖަހައިގަނެގެން ގެންދިޔައީ."
އާދަނުގެ ހަޔާތަށް ވަރުގަދަ ޒަލްޒަލާއެއް ކުރިމަތިވަމުން އައި އިރު، ރާއްޖޭގެ ސިޔާސީ މައިދާން ވެސް ދިޔައީ ހަލަބޮލިވަމުން، ބަނަވަމުންނެވެ. އުފެދުނު ދެބަސްވުމެއްގެ ތެރެއިން ފަރީދު ގޭބަންދުކުރެއްވިއެވެ. އޭރު އެ މަނިކުފާނަކީ ސިފައިންގެ ވެރިޔާއެވެ. ކުރިން ވެރިކަން ވެސް ކުރެއްވި ފަރީދުއަކީ ހަމީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ ލީޑަރެއްމެއެވެ. ފަރީދަށް އަދަބު ލިބިވަޑައިގަތީ ކުށެއް ކުރައްވައިގެނެއް ނޫނެވެ. އެ މަނިކުފާނު ދެކެ ހަމީދު ބިރުފުޅުގަންނަނީއެވެ. ރައްޔިތުންގެ މަގުބޫލުކަން ބޮޑުވެގެން ގޮސް ހަމީދުގެ ވެރިކަން ފިރުކައިލައްވަފާނެތީއެވެ. 
ހަމީދު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ގޭގައި ހިލިހިލާޖަހާފައި ތިބޭ މީހުން ވެސް ތިއްބެވެ. އެކަކީ ހަބީބުއެވެ. އޭނައަކީ ފަރީދުގެ ބޭބެއެކެވެ. ހަބީބުގެ ގޭގެފެންޑާއަށް ކުޑަދޮރު ހުންނަ ކޮޓަރިއެއްގައި ބޮޑުބަޑިއެއް ބާއްވާފައި ހަބީބު އޮންނަނީ އެ ބަޑީގައި ހިލިހިލާޖަހައިފައެވެ. ތިން ފޫޓެއް ހައި ކުޑަ އެކަމަކު ބަރު ބަޑިއެކެވެ. މީހުން ހައްޔަރުކުރަން އެ ފަދަ ކުދި ބަޑި ބޭނުންކުރެއެވެ. ކާންދޭމީހާ ފިޔަވައި އެހެން މީހަކު އެ ގެއަށް ވަނުން މަނައެވެ. އޭނަގެ ކުށަކީ، ނާއިންސާފުން ގޭބަންދުކުރުމުން، ތިމަންނާ ދޫކޮށްލާ ދުވަހަކުން ހަމީދު މަރައިލާނަމޭ ބުނުމެވެ. 
ހަމަ އެ ކަހަލަ ކުށެއްގައި، މާޒީގައި ހަތްތެރި ހުއްތުއަށް ވެސް ވަރަށް ހަސްކާދިނެވެ. ހަމީދުގެ ގާތް އެކުވެރިއެއް ކަމުގައިވާ ޒާހިރު ވެސް ހަމީދު އަވަހާރަކޮށްލަން ނުކުތެވެ. ޒާހިރު އާއި ތޮފަޅަ މަނިއްޕުޅާއި ޒަބާދު ހުއްތަނިކާއި ބިސް އަހަންމައިދީ ފަދަ މީހުންތަކެއް ވެސް ހަމީދު އަވަހާރަކޮށްލަން އުޅޭކަން އެނގިގެން ހައްޔަރުކުރިއެވެ. ޑަންގީ ނަމަކަށް ކިޔާ ކުޑަ ލަކުޑި ބޯޓެއް ކޮލިގެއާ ދިމާއިން އެހެލާފައި ހުރެއެވެ. އޭގައި ރޯކޮށްލާފައި އެ ދިމާއަށް މީހުންގެ ސަމާލުކަން އެނބުރުނު ދަނޑިވަޅު ޒަބާތު ހުއްތަނިކާއި ބިސް އަހަންމައިދީ ދުއްވައިގަތީ ގަނޑުވަރާ ދިމާއަށެވެ. ގަނޑުވަރަށް ވަން ތަނައި ދެ މީހުން ހައްޔަރުކުރީއެވެ. އެ ކަމެއް ހިނގީ ރޯދަމަހެއްގައެވެ. އެ ހުރިހައި ހަނދާނެއް އާދަނުގެ ސިކުނޑީގައި އެނބުރުނެވެ. 
ބުލޫބޭކަރީގައި ވަރަށް އަވަދިނެތި އާދަނު އުޅެނިކޮށް މީހަކު ގޮވާ އަޑުއިވުނެވެ. އަޑު އައީ ކައިރިވަމުންނެވެ. އާދަނު ބޭކަރީގެ ދޮރުމައްޗަށް ނުކުތް އިރު ދޮންމަނިކު މުންޑު ފޫގަޅައިގެން، ދެ ފަޔަށް ބާރުލައިފައި ދުވަމުން އާދެއެވެ. އޭނަ އައިސް އެ ބުނި އެއްޗެއް އާދަނުގެ ކަންފަތް ބުޑުގައި ބުނުމާ އެކު އާދަނު ދުއްވައިގަތެވެ. ބޮޑުފާލަމާ ދިމާއިން އަތިރިމައްޗަށް ނުކުތް އިރު، ފުރާމީހުން ބޮއްކުރައަށް އަރަނީއެވެ. ނަގަރިޔާބޯޓަށް ފޮށިތަންމައްޗާއި މުދާ އަރުވަނީއެވެ. ހޭލަމޭލަވާ މީހުން ގިނަކަމުން އަތިރިމައްޗަށް ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ. ހަފީޒާ ހުރީ އެއްގަމުގައެވެ. ކުއްލިއަކަށް ފުރަން އެންގުމުން އާދަނަށް އަންގައިލާކަށް ހަފީޒާއަކަށް ވަގުތެއް ނުލިބުނެވެ. އާދަނު ދުވެފައި އައިސް ހަފީޒާ ގާތަށް ހުއްޓުމުން ހަފީޒާ ހުރީ ހައިރާންވެފައެވެ. 
"ފުރަމުން އަންގާލަންވާނެއްނު!" އާދަނު ބުންޏެވެ. 
"މާދަން މާދަން ކިޔަމުން ގޮސް ކުއްލިއަކަށް މިއަދު އެންގީ އަވަހަށް ފާލަންދޮށަށް އަންނާށޭ،" ފެންކަޅިވެފައި ހުރި ހަފީޒާ ބުންޏެވެ. "ކިހިނެއް އާދަނަށް އެނގުނީ؟"
"ދޮންމަނިކު ބުނީ." އާދަނު ބުންޏެވެ. 
ދެ މީހުން ވެސް ދައްކަން ބޭނުން ވަރަށް ގިނަ ވާހަކަ ހުއްޓެވެ. ނޭނގުނީ ފުރަތަމަ ވާހަކަ ފަށާނެ މީހެކެވެ. ކުރަން ހުރީ ޝަކުވާއެވެ. އެކަކަށް ވެސް އެއިން ލިބޭނެ އުފަލެއް ނެތެވެ. 
"ހިތްހެޔޮކުރާތި!" ވަގުތު ފާއިތުވެދާނެ ހެން ހީވުމުން ހަފީޒާ ބުންޏެވެ. "ދެން ނޭނގެ ދިމާވާނެ ދުވަހެއް."
އާދަނަށް ހީވީ އާދަނު ފުރާނަ ހަށިގަނޑުން ލުހެން ދިމާކުރި ހެންނެވެ. ބުނަން އޮތީ ނުދާށޭއެވެ. ދާށޭ ބުނީ ވެސް އާދަނެވެ. 
"ހަފީޒާގެ ދަތުރު ﷲ އަމާންކުރައްވާށި! ބިޔަ ރާޅުތަކާ، ކޮޅިގަނޑުތަކާ، ތޫފާންތަކުން ސަލާމަތްކުރައްވާށި!" އާދަނުގެ އަޑު ނުކުންނަނީ ކިރިޔާއެވެ. ދެން އާދަނު ބަލައިލީ މައްޗަށެވެ. "ﷲ ހެކިކޮށް، އަހަރެންގެ ދެލޯ ނޭދި އެދޭ ހަފީޒާ އޮޔާ ވަޔާ މި ހަވާލުކުރަނީ. ހުރިހާ ދަތުރުވެރީން ރައްކާތެރިކޮށްދެއްވާ، ހިމާޔަތްކޮށްދެއްވާށި. އާމީން!"
ދުރުގައި ބަލަހައްޓައިގެން ހުންނެވި ކަލޭފާނަށް އެ ހުރިހައި މަންޒަރެއް ފެނިލެއްވިއެވެ. އާދަނާއި ހަފީޒާއަށް ނޭނގުނަސް، އާދަނަށް އަންގަން ދޮންމަނިކު ފޮނުވީ ކަލޭފާނެވެ. ދިގު ދަތުރަށް ފެށުމުގެ ކުރިން، ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ދަރިފުޅަށް ދެވޭތޯއެވެ. ބޮއްކުރައަށް އަރަން ހަފީޒާ ހިނގައިގަތުމުން އާދަނު އެ މަންޒަރެއް ނުބެލިއެވެ. ހަފީޒާ ފުރި މަންޒަރު ހިތުގައި ބިންވަޅު ނެގޭކަށް އާދަނު ބޭނުމެއް ނޫނެވެ. ހަފީޒާގެ އެންމެ ފަހު ހަނދާނަކަށް އާދަނު ރައްކާކުރީ ހަފީޒާ އަތިރިމަތީގައި ހުރި މަންޒަރެވެ. އާދަނު ހިނގައިގަތެވެ. އަތިރިމަތި ގައިމު ވެސް ނުފެންނާނެ ހައި ދުރަށް ގޮސްފައި، ފާރުބުޑުގައި، އުޑަފައިން އިށީނެވެ. ހިތުގައި ޖަހާ ވިންދާއި މަގުމަތީގެ ހަލަބޮލިކަން އާދަނަކަށް އިހުސާސެއް ނުވެއެވެ. މުޅި ދުނިޔެ ހިމޭންވެފައިވާ ކަހަލައެވެ. ހިތް އަޑުވީއްލައި ކުރީ އެންމެ ޝަކުވާއެކެވެ. އެ ފަދަ ބޮޑު ހިތްދަތިކަމެއް ހައްގުވާން އާދަނު ކުރީ ކޮން ކުށެއް ހެއްޔެވެ؟
އާދަނަކީ ހިތްވަރުގަދަ މީހެކެވެ. ދަންނަ ކޮންމެ މީހަކު ބުނާނީ އެހެންކަން އާދަނަށް އެނގެއެވެ. ރުއިމަކީ އާދަނާ ގުޅޭ ކަމެއް ނޫނެވެ. ވީމާ، ގޭގެ ގިފިއްޔަށް ވަދެ، އެންމެނަށް ސިއްރުން އާދަނު ރުޔެވެ. ހަމަލޮލުން ދެން ހަފީޒާ ނުފެނިދާނެކަމުގެ ބިރު އާދަނުގެ ހިތަށް ބިރު ދެއްކިއެވެ. ގިފިލީގެ ކެޔޮފީނި ތެރެއަށް ވަދެ އިނދެ އާދަނު ރޮއިހޭރުނެވެ. އެ އަޑުއަހާނެ އެކަކު ވެސް ނެތެވެ.  
ހިތްފުރެންދެން ރޮއިފައި އާދަނު ގިފިލިން ނުކުތެވެ. ނުކުތީ ގިފިއްޔަށް ވަން އާދަނެއް ނޫނެވެ. ވަނީ އިންސާނެކެވެ. ނުކުތީ ދިރޭ މައްޔިތެކެވެ. އަބަދުވެސް ހިފިނުހުންނަ، ބާރަށް ހިނގާ، ހަލަބޮލި އާދަނު ކޮންމެވެސް ތަނަކަށް ވަދެ ފިލި ކަހަލައެވެ. ދިޔަ ގޮތަށް ގޮސް އެނދުގައި އޮށޯތެވެ. އެހެން އޮތުމުން ބައްޕަ ސުވާލުކުރާނެތީ ގެއިން ނުކުތެވެ. ދާނެ ތަނެއް ނެތެވެ. އޮލިންޕަސް ކިޔާ ބޮޑު ސިނަމާއެއް އެޅުމުގެ މަސައްކަތް ހިނގަމުންދިޔަ ހިސާބުން ވެސް އާދަނު ހިނގާފައިދިޔައެވެ. ހިތަށްއެރިއެވެ. ހަފީޒާޔާ އެއްކޮށް އެ ސިނަމާއަށް ވަންނާނަމެވެ. 
ގިނަވެގެން ރަށުތެރޭގައި ހިނގަނިކޮށް ދޮންމަނިކަށް ފެނުނެވެ. 
"ތީ އެއްކަލަ ދުވަހު މަ ބުނި ވާހަކަ،" ދޮންމަނިކު ބުންޏެވެ. "އަހަރެންގެ ވާހަކަ އަޑުއެހި ނަމަ މިއަދު ތިހެން އާވާރާވެގެން އުޅޭކަށް ނުޖެހުނީސް."
"އާވާރާވެގެންނޭ؟" އާދަނު ބުނެލިއެވެ. "މަ ނޫޅެން އާވާރާވެގެނެއް. މަ މި ދަނީ ބުލޫބޭކަރީއަށް."
"ބުލޫބޭކަރީ ހުރަސްކޮށްފަ ތި އައީ،" ދޮންމަނިކު ހީނގެންފައި ބުންޏެވެ. "އެހެރީ ބޭކަރީ."
އާދަނު ފަސްއެނބުރި ބަލައިލިއެވެ. ދޮންމަނިކު ބުނީ ތެދެކެވެ. ބޭކަރީ ހުރި ފަހަތުގައެވެ. 
"ތީ ތެދެއް. ދޮންމަނިކުގެ ވާހަކަ އަޑުނޭހުނީމަ މިހެން މި ވީ،" އާދަނު ބުންޏެވެ. "ދޮންމަނިކު ބުނި އެހެން ވާހަކައެއް މަ ބުނަންތަ؟ ހިތަށްއަރައޭ ހަމީދުގެ ބައިސްކަލު ފުރޮޅު ތެރެއަށް ލަކުޑިގަނޑެއް ކޮއްޕާލަފާނަމޭ! ހިނގާބަލަ އޭނަގެ ބޮލުގަ ލަކުޑިބުރިޔަކުން ޖަހަމާ! މަށޭ ޖަހާނީ!" (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ