މެމްބަރު ހަސަން ގޮވާލެއްވީ ރައީސް ވަހީދު ހައްޔަރު ކުރުމަށް

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އަނބިކަނބަލުން އިލްހާމް ހުސައިނަށް ހަމަލާދީފައިވާ ކަމަށް ވިދާޅުވެ ދޮގު ވާހަކަތައް ދެއްކުމާ ގުޅިގެން ވަހީދު ހައްޔަރު ކުރުމަށް އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ގޮވާލައްވައިފިއެވެ.
ވަހީދު ދޮގު ހެއްދެވި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ހަސަން ވިދާޅުވީ މީހަކު ބޭނުންކޮށްލި ލަފްޒަކުން "ތިމަންނަ އަށް ހަމަލާދިން" ކަމަށް ވިދާޅުވެ، ވަހީދު ޓުވީޓު ކުރައްވާފައިވާތީ، ފުލުހުން އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ.
ވަހީދާއި އަނބިކަނބަލުން އިއްޔެ ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓަކު އެ ދެބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ކިޔައި ހެދި ކަމަށް ވަހީދުގެ އޮފީހުން ފަހުން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އެކަމަކު، އެމަނިކުފާނު ފުރަތަމަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ "ހަމަލަ ދިން" ކަމަށެވެ. ވަހީދުގެ ރާގު ބަދަލު ކުރެއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ވަހީދަށް އަމާޒުވެފައެވެ.
ވަހީދަށް ދެއްވި ހަމަލާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީން ކުށްވެރި ކުރެއްވި މައްސަލައިގައި ހަސަން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި އަނިޔާތަކުން އެ ޕާޓީތަކުގެ ވެރިން ސަލާމަތް ކުރީ އެމްޑީޕީގެ ރައްޔިތުން ކަމަށެވެ. އެހެންވެ، އެބޭފުޅުން އެމްޑީޕީގެ މެމްބަރަކާ ދިމާލަށް އެއްޗެކޭ ވިދާޅުވާ އިރު، ލަދު ހަޔާތެއް ހުންނަން ޖެހޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.
"ޔާމީންގެ އަނިޔާވެރިކަމުން ތިޔަބޭފުޅުން ޖަލަށްލި އިރުގައި މި ޕާޓީގެ ބޭފުޅުން ތިޔަބޭފުޅުން މިނިވަން ކުރުމަށް ރޭގަނޑާއި ދުވާލު ނުކުމެ އިންސާފު ހޯދުމަށް ވަކާލާތު ކުރީ. މިއަދު އައިސް، އެމްޑީޕީން އިންތިހާބެއް ކާމިޔާބު ކުރީމަ ތިޔަބޭފުޅުންނަށް އަނބިދަރިންނާ އެކީގައި ތިތިއްބެވީ. މި ވާހަކަ އަޅުގަނޑުމެން ދައްކާނަން،" މަޖިލިހުގައި ވަރަށް ބޮޑަށް ކޯފާ އިސް ކުރައްވައި ހަސަން ވިދާޅުވިއެވެ.
ހަސަން ވަނީ ވަހީދު ވީހާވެސް އަވަހަށް ހައްޔަރުު ކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) އަރިހުން ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. އެއީ ރާއްޖޭގެ އަމަން އަމާންކަން ނަގާލަން ވަހީދު މަސައްކަތް ކުރައްވާތީ ކަމަށް ހަސަން ވިދާޅުވިއެވެ.
"ރާއްޖޭގެ މުސްތަގުބަލް ނަގާލަން މަސައްކަތް ކުރާތީ. އަނެއްކާ އެ ދުވަސް ގެންނަން އޭނާ މަސައްކަތް ކުރަނީ. އެހެންވީމަ އެކަންކަމުން ގައުމު ސަލާމަތް ކުރަން ޖެހޭ. މުއައްސަސާތަކުން އެކަން ބަލަން ޖެހޭނެ. ހަމަ ސީދާ އެހުރީ ބަޣާވާތް ކުރަން ނުކުމެ، ފަތިސް ދަޅައިގައި މީހަކު ބަހެއް ބުނީމަ އެކަން އަނެއްކާ ވެސް އޭތިކޮށްގެން ގައުމުގެ ސުލްހަމަސްލަސްކަން ނަގާލަން މިއުޅެނީ،" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވި ގޮތުގައި ވަހީދު ކަހަލަ ބޭފުޅުން މުޖުތުމައުގެ ތެރޭގައި އުޅުމަކީ ބިރުވެރި ކަމެކެވެ.
ހަސަން ވިދާޅުވީ ވަހީދަކީ ވޯޓެއް ލިބިވަޑައިގެންނެވި ބޭފުޅަކަށް ނުވާ އިރު، އެމަނިކުފާނަށް އޮފީހާއި އިނާޔަތް ލިބިވަޑައިގަތުމަކީ މެމްބަރުން ކުށްވެރިވާނެ ކަމެއް ކަމަށެވެ. އެހެންވެ، އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
މެމްބަރު ވަނީ ފެބްރުއަރީ 7، 2012 ގައި ހިނގައި ދިޔަ ކަންކަން މަޖިލިހުން ބެލުމަށް ވެސް ގޮވާލައްވައިފައެވެ.
ރައީސް ވަހީދުގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް އިއްޔެ ހެނދުނު އެމްޑީޕީގެ އެކްޓިވިސްޓަކު ހަމަލާ ދީފައި ވަނީ އަނގަ ބަހުން ކަމަށެވެ. ރައީސް ވަހީދާއި އަނބިކަނބަލުންނަށް އަނގަ ބަހުން ފުރައްސާރަކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ