ސްކޯލާޝިޕްތަކަކާއެކު އެމްއޭއެމް ބިޒްނަސް ސްކޫލް އިފުތިތާހުކޮށްފި

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް (އެމްއޭއެމް) ބިޒްނަސް ސްކޫލް އިފުތިތާހުކޮށްފިއެވެ.
އާޓް ގެލަރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޫލް އިފުތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.އަބްދުﷲ ނަޒީރެވެ.
މިރަސްމިއްޔާތުގައި ޑރ. ނަޒީރު ވިދާޅުވީ މީގެ 10 ވަރަކަށް އަހަރު ކުރިއަށްބަލާއިރު، މަތީ ތައުލީމަށް ކިޔަވާ ކުދިންގެ ނިސްބަތަކީ އެންމެ 6 ޕަސެންޓު ކަމަށާއި މަތީ ތައުލީމު ފޯރުކޮށްދޭ މާގިނަ މުއައްސަސާތަކެއް ނެތް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ތައުލީމީ ދާއިރާއަށް ގެނެވުނު ބޮޑެތި ތަރައްގީގެ ސަބަބުން މިއަދު 2 ޔުނިވާސިޓީއާއި، 9 ކޮލެޖާއި، މަތީ ތައުލީމު ފޯރުކޮށްދޭ 66 އަށްވުރެ ގިނަ މަރުކަޒު ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ. އަދި އެތަންތަނުން ޖުމްލަ 15 ވަރަކަށް ހާސް ކުދިން ކިޔަވަމުންދާ ކަމަށް ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ މަތީ ތައުލީމުގެ މާސްޓާ ޕްލޭނެއް ދާދި ފަހުން ސަރުކާރުން ނެރެފައިވާ ކަމަށާއި ކުރިއަށް އޮތް 5 އަހަރަށް އަމާޒުކޮށް އެކުލަވައިލާފައިވާ އެ ޕްލޭނުގެ ސަބަބުން މަތީ ތައުލީމު ފުޅާކޮށް، މުއައްސަސާތަކުގެ ގާބިލްކަން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ. އެ ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ޕްރައިވެޓް ސެކްޓަރުގެ އެއްބާރުލުމާއެކު މަތީ ތައުލީމުގެ ދާއިރާ ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
"ވަރަށް އަވަހަށް މާސްޓާ ޕްލޭނުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި އަމިއްލަ ކޮލެޖުތަކާއި ސެންޓަރުތަކާއެކު ތަފާތު ޕްރޮގްރާމްތައް ފަށާނެ. ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާން ކުރައްވާފައި މިހާރު ރާއްޖޭގައި ހިންގާ ލޯނު ސްކީމާއި ސްކޯލާޝިޕްގެ އިތުރަށް 2018 ވަނަ އަހަރު ރާއްޖޭގެ އެކި ސެކްޓަރުތަކަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމަށްޓަކައި ވަކިން ޚާއްސަ ޕްރޮގްރާމެއް ފަށާނެކަން. އެ މަސައްކަތް މިދަނީ ކުރަމުން. ވަރަށް އަވަހަށް އެކޯސްތައް އިއުލާން ކުރާނެ. މިހުރިހާ ސްކޯލާޝިޕެއް އަމާޒުވެފައިވަނީ ރާއްޖޭގައި ހުރި ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި މަރުކަޒުތަކަށް" ޑރ.ނަޒީރު ވިދާޅުވިއެވެ.
ޑރ.ނަޒީރު ވިދާޅުވީ 2022 ވަނަ އަހަރު އަންނައިރު މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ އަދަދު 22،000 އަށް އިތުރުކުރުމަކީ މަތީ ތައުލީމުގެ މާސްޓާ ޕްލޭނުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ އަމިއްލަ މުއައްސަސާތައް ބާރުވެރިކޮށް، އެތަންތަނުގެ ގާބިލްކަން އިތުރުކޮށް، ދަރިވަރުންނަށް ފެންވަރު ރަގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެމްއޭއެމް ބިޒްނަސް ސްކޫލުން ވިޔަފާރިތަކަށް ބޭނުންވާ ކޯސްތައް ފަރުމާކޮށް، ޚާއްސަކޮށް އިސްމިކް ފައިނޭންސްގެ ޕްރޮގްރާމްތައް ފެށުމަށް ނިންމުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ