ކޮލަމްބޯ ޕޯޓުން މުދާ ގެންނަން ދިމާވި ދަތިތައް ހައްލުކޮށްފި

މި އަހަރުގެ ކުރީކޮޅުން ފެށިގެން، މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވުމުގެ ސަަބަބުން، ކޮލަމްބޯ ޕޯޓުން މުދާ ގެންނަން ދިމާވި ދަތިތައް މިހާރު ހައްލުވެފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.
ހަނގުރާމައިގެ ސަބަބުން މިއަހަރުގެ ކުރީކޮޅު މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވެގެންދިޔައެވެ. އަދި މިކަމުގެ ސަބަބުން އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯ ޕޯޓުގައި ގިނަ އަދަދެއްގެ ކޮންޓެއިނަރު ތާށިވިއެވެ. އެ މުއްދަތުގެ ތެރޭގައި ރާއްޖެއާ ކޮލަމްބޯއާ ދެމެދު ދަތުރުތައް ކުރަމުން އައި ނަމަވެސް ގާތްގަނޑަށް 4200 ކޮންޓެއިނަރު ލަންކާ ބަނދަރުގައި ތާށިވިއެވެ.
މީގެ ތެރޭގައި ވަކި ބާވަތެއްގެ މުދާ މަޑުޖެހިފައި ހުރުމުގެ ސަބަބުން ރާއްޖޭގެ މާކެޓަށް އޭގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެފަދަ މުދާ ރާއްޖެ ގެނައުމުގެ މަސައްކަތް އަވަސް ކުރައްވަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ކަމާ ގުޅޭ އިދާރާތަކާއެކު ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މި މަސައްކަތްތަކާއެކު މިހާރު ކޮލަމްބޯ ޕޯޓުން މުދާ ގެންނަން ދިމާވި ދަތިތައް އެއްކޮށް ހައްލުކުރެވިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން މިއަދު ވިދާޅުވިއެވެ.
ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ދާއިރާއަށް ވަނީ އަސަރުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޮޑު އަސަރުކޮށްފައިވާއިރު ރާއްޖޭގެ މާކެޓަށް އޭގެ އަސަރު ފޯރުނަނުދިނަމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތުގެ ތެރެއިން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިގްތިސާދީ ތަރައްގިއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ކަމާގުޅުން ހުރި އެހެނިހެން އިދާރާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ