އެމިރޭޓްސް އާއި އިއްތިހާދު އެއްކޮށްލާ ކަމަށް ބުނެ އަޑު ފެތުރެނީ

ޔުނަައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދެ އެއާލައިން ކަމުގައިވާ އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސް އެއްކޮށްލަން އުޅޭ ކަމަށް އަޑު ފެތުރެން ފަށައިފިއެވެ.
އެ ދެ އެއާލައިން އެއްކޮށްލައިގެން ހިންގަން އުޅޭ ކަމަށް ބުނެ ބްލޫމްބާގް އިން ވަނީ ރިޕޯޓުކޮށްފައެވެ.
ބްލޫމްބާގް އިން ބުނެފައިވަނީ ދެ އެއާލައިން އެއްކޮށްލުމާއި ގުޅޭ ގޮތުން ދެ އެއާލައިންގެ ވެރިން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެހެންވެއްޖެ ނަމަ އިއްތިހާދު އެއާވޭސް އާއި އެމިރޭޓްސްގެ އާމްދަނީ 29.3 ބިލިއަން ޑޮލަރަށް އަރާނެ ކަމަށާއި ދުނިޔޭގެ އެއާލައިން ރޫޓިންގެ ފަސް އިންސައްތައަށް ވެގެންދާނެ ކަމަށް ބްލޫމްބާގް އިން ބުނެއެވެ.
ބްލޫމްބާގް އިން އެކަން ހާމަކޮށްފައިވަނީ ނަން ހާމަކުރަން ބޭނުންނުވާ އޮފިޝަލަކާއި ހަވާލާދީއެވެ.
އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސް އެއްކޮށްލަން އުޅޭ ވާހަކަތައް އެ އެއާލައިންތަކުން ވަނީ ދޮގުކޮށް ބަޔާން ނެރެފައެވެ.
ނަމަވެސް ބްލޫމްބާގް އިން ބުނެފައިވަނީ ދެ އެއާލައިން އެއްކޮށްލަން އުޅޭކަން ދެ އެއާލައިނުން ދޮގު ކުރި ނަމަވެސް އެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ދެ އެއާލައިން އެއްކޮށްލުމުން ޔޫރަޕް އާއި އޭޝިޔާގައި ޓީކެޓްގެ އަގު އުފުލޭނެ ކަމަށް ބްލޫމްބާގް އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ