ހިތުގެ ބަލި ހިމެނޭހެން ގިނަ ބަލި ތަހައްމަލް ކުރަމުންދާ ޝައިހާންގެ ބޭސްފަރުވާއަށް އެހީއެއް ވެދެއްވާ!

އިސްމާއިލް ޝައިހާން މުހައްމަދު، އުމުރުން އެންމެ 13 އަހަރުން ފެށިގެން، އާދައިގެ ހާލަތަކަށްވުރެ ބޮޑަށް ހިތްދަތި ދިރިއުޅުމެއް ތަހައްމަލް ކުރަމުންދާ ޒުވާނެކެވެ. އޭނާގެ ހަށިގަނޑުން ގިނަ ބަލިތަކެއްގެ އަސަރު ފެންނަމުންދާއިރު، އެ ބަލިތަކުގެ ތެރެއިން އެންމެ އުނދަގޫ ބައްޔަކީ ހިތުގެ ބައްޔެވެ. މި ބަލިތަކަށް ފަރުވާ ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި، ބޮޑު ހޭދައާ ކުރިމަތިލާން ޖެހުމުގެ ސަބަބުން، މާލީ ގޮތުން ބޮޑެތި ދަތިތަކެއް އާއިލާއަށް ދިމާވެފައިވެއެވެ.
2014 ވަނަ އަހަރަކީ ޝައިހާންގެ ބަލިތަކުގެ ދަތުރު ފެށުނު އަހަރެވެ. އޭރު އުމުރުން އެންމެ 13 އަހަރުގައި ލޭމައްޗަށް ގޮސް ބޭސްކުރަން ފެށިއެވެ. އޭގެ ފަހުން ނޭފަތުންނާއި ކިޑްނީއިން ލޭއައިސް، ކުޑަކަމުދާއިރު ލޭ ހުރުން ފަދަ މައްސަލަތައް ދިމާވިއެވެ. 2015 ވަނަ އަހަރު ރާއްޖެއިން ބޭރުން އިތުރު ބައްޔަކަށް ފަރުވާ ފެށިއިރު، ހިތާމަޔާއެކު އޭނާއަށް އަނގައިގެ ކެންސަރު ވެސް ޖެހުނެވެ. މިހެން ގިނަ ބަލިތަކެއް ޖެހުމުން، ޝައިހާންގެ ދިފާއީ ނިޒާމަށް ވެސް އަސަރުކޮށް، 2016 ވަނަ އަހަރުން ފެށިގެން ދިފާއީ ނިޒާމް ހަލާކުކޮށްލާ ބެޗެޓްސް ޑިޒީޒްއާއި، ހަކުރު ބަލީގެ ޓައިޕް 2 އަށް ފަރުވާ ހޯދަމުން ދިޔައެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން ގައިގެ މަސްތަކުގެ ބާރު ދެރަކޮށްލާ މަޔަސްތީނިއާ ގްރެވިސްއަށް ވެސް ފަރުވާ ހޯދަމުންދެއެވެ.
ކެންސަރުގެ ސަބަބުން ކަރުތެރޭގައި އުފެދިފައިވާ ޓިއުމަރުތައް ނަގައި، ރޭޑިއޭޝަން ދިނުމުގެ ސަބަބުން ޝައިހާންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. ކާއެއްޗެސް ނުކެވި، ފެންފޮދެއް ވެސް ނުބޮވޭ ހިސާބަށް ހާލަތު ގޯސްވުމުން، އޭރު ކާން ދިނީ ނޭފަތަށް ހޮޅިގުޅައިގެންނެވެ. ރޭޑިއޭޝަނުގެ ސަބަބުން ނޭފަތުން ވަސްނުދުވާ ކަމަށާއި ތައިރޮއިޑްވެސް ހަލާކުވެފައިވާކަމަށް ޝައިހާން ބުންޏެވެ. ގިނަ ބޭސްތަކުގެ ސަބަބުން މިހާރު ހަނދާނުގައިވެސް މައްސަލަ އުޅެއެވެ.
ޝައިހާން ބުނިގޮތުގައި އޭނާގެ އުމުރުން އެންމެ 5 އަހަރުން ފެށިގެން ހިތުގެ މައްސަލަ ހުރެއެވެ. ލޭ މައްޗަށް ދާން ފެށުމުން ހިތުގެ މައްސަލަ ބޮޑުވެ އެކަމަށް ފަރުވާ ހޯދަން ޖެހުނެވެ. އަދި ލަންކާއިން ޓެސްޓުތައް ހެދުމަށްފަހު އޭނާގެ ހިތުގެ މައްސަލަ ގޯސްކަން ހާމަވިއެވެ. ޝައިހާން ކިޔައިދިން ގޮތުގައި، އެ މައްސަލަތައް ބޮޑަށް ދިމާވާން ފެށީ 13 އަހަރުގައި ލޭމައްޗަށް ދާން ފެށިފަހުންނެވެ. ވަކި ހިސާބަކަށް ލޭމައްޗަށް ގޮސްގެން ދުވަސްވީމާ ހިތުގެ މައްސަލަ ބޮޑުވީއެވެ.
" ހަދާންވާ ގޮތުން 2015 ހިސާބު ލަންކާގައި އެޑްމިޓްކޮށްގެން ކުއްލިއަކަށް މީހާގެ ހިތް ހުއްޓުނީ. އޭރު ދިފާއީ ނިޒާމުގެ މައްސަލަ ޑައިގްނޯސް ކުރަންވެގެން (ވަކި ވައްތަރެއް ނޭގޭތީ) އެބުރު އެހެންދިމާވީ. ދެން އެކޯއާ އެއްޗެހި ހެދިއިރު ބުނީ ފުދޭ ވަރަކަށް ހިތް ބޯވެފައޭ ހުރީ އާއިލާގައި ހިތުގެ މައްސަލަ ހުރޭހެއްޔޯ. ވަކި ގޮތަކަށޭ ހިތް ތެޅެނީވެސް. ތެޅެން ޖެހޭ ގޮތަކަށް ނޫނޯ" ޝައިހާން ބުންޏެވެ.
ފަހަކަށް އައިސް ހިތުގެ ވިންދު އަވަސްވާތީ ޝައިހާންއަށް ކޮޅަށް ނުހުރެވޭ ކަމަށާއި ބޮލަށް އެނބުރުން އަރާފައި ލޯމައްޗަށް އަދިރިވާގޮތްވާ ކަމަށްވެސް ޝައިހާން ބުންޏެވެ. އެހެންކަމުން ހުޅުމާލޭ ހޮސްޕިޓަލުގައި ޑރ.މޫސާއަށް ދެއްކުމުން ހިތް އާދަޔާ ހިލާފަށް ބާރަށް އަދި އަވަހަށް ތެޅޭކަން ފާހަގަކުރިއެވެ. އަދި އައިޖީއެމްއެޗްގައި ޑރ. މިގްދާދަށް ދެއްކުމުން ޝައްކުކުރެވުނީ ހިތުގައި އިންނަ ނާރުގެ އިތުރުން އިތުރު ނާރެއް އިންނަ ކަމަށެވެ.
"ހޯލްޓާ ހަދައިގެންނޯ އެކަން ޔަގީނުން ބުނަން އެނގޭނީ. ކިހިނެއްތޯ، ކޮންކަހަލަ ކަމެއްތޯ އެއީ. ސީދާ ކޮންތަނަކުން އަންނަ ކަމެއްކަން. އޭނަ ބުނި އުފެދުމުގައި ހުރި ކަމަކަށްވެސް ވެދާނޭ." ޝައިހާން ބުންޏެވެ.
މި މައްސަލައިގައި އިތުރު ފަރުވާއަށް އިންޑިއާއަށް ދިޔުމުން ހިތުގެ ތެޅުން އެހާ އަވަސްވުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި ވިންދު ދަށްކުރާން ބޭސް ފެށި ކަމަށް ޝައިހާން ބުންޏެވެ.
2023 ވަނަ އަހަރު އަމްރިތާ ހޮސްޕިޓަލުން ހޯލްޓާ ހެދުމުން ހިތުގެ ވިންދު އަރާ ބައިގައި އިތުރު ނާރެއް އިންކަން ކަށަވަރުވިއެވެ. އޭގެ ސަބަބުން ހިތުގެ ވިންދު އަވަސްވަނީ ކަމަށް އަމްރިތާ ހޮސްޕިޓަލުން ބުނެއެވެ. ބޭހުން ކޮންޓްރޯލް ނުވަންޏާ އެނާރު ޖެހޭނީ އަންދާލާށެވެ. ނަމަވެސް އެނާރު ހިތާއި ކައިރީގައި އިންނާތީ އެ އަންދާލަން ވަރަށް އުދަގޫވާނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މިދިޔަ ރަމަޟާންމަހު ރޯދަ ހިފަން ފެށުމުން ޝައިހާންގެ ހިތުގެ ވިންދު އަނެއްކާވެސް އާދަޔާ ހިލާފަށް ދަށްވުމުން ހާލުދެރަވެ އަނެއްކާވެސް އަމިއްލަ ގޮތުން ރާއްޖެއިން ބޭރަށް ދިޔައެވެ. ދިޔަގޮތަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދިނެވެ. ޝައިހާން ބުނިގޮތުގައި ކެތު ލެބަށް ގެންގޮސްގެން ހަދަންޖެހޭ އީޕީ ސްޓަޑީއެއް ހަދަން މިހާރު ޑޮކްޓަރުން އިރުޝާދު ދީފައިވެއެވެ. އަދި ހިތުގެ ކައިރީގައި އިން ނާރު އަންދާލަން ޖެހޭ ކަމަށެވެ.
ޝައިހާންގެ ފަރުވާއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މާލީ ދަތިކަމެވެ. ގިނަ ބަލިތައް ތަހައްމަލު ކުރަމުންދާތީ އަހަރަކު އެތައް ފަހަރެއް ރާއްޖެއިން ބޭރަށް ދާން ޖެހެއެވެ. ބޭރަށްދާ ކޮންމެ ފަހަރަކު އަގު ބޮޑު ޓްރީޓްމަންޓުތައް ނަގަން ޖެހުމާއި، އާއިލާގެ މާލީ ދަތިކަމުގެ ސަބަބުން، ޝައިހާން އެދެނީ މިފަހަރު އޭނާގެ ހިތުގެ ބައްޔަށް ޝިފާއެކެވެ. އަދި ހިތުގެ ކައިރީގައި އުފެދިފައިވާ އިތުރު ނާރު އަންދާލުމަށާއި އީޕީ ސްޓަޑީ ހެދުމަށް ބޭނުންވަނީ އާންމުންގެ ދީލަތި އެހީއެކެވެ.
ޝައިހާންއަށް އެހީވުމަށް ދީލަތި ހިތަކާއެކު އެއްބާރުލުން ދެއްވުމަށް އެދެމެވެ. އޭނާގެ ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށް ކުރަންޖެހޭ ހޭދަތަކަކީ މިވަގުތު އާއިލާއަށް ބޮޑު ގޮންޖެހުމެކެވެ. ﷲގެ ރަޙްމަތްފުޅުން ޝައިހާންގެ ހާލަތު ރަނގަޅުވެ، މުޖުތަމަޢަށް ނަފާކުރަނިވި ޒުވާނަކަށް ވެގެން އައުމަށް އެދެމެވެ.
ޝައިހާންއަށް އެހީވުމަށް:
ގުޅޭނެ ނަމްބަރު: 9710023 (އިސްމާއިލް ޝައިހާން މުހައްމަދު)
އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި ( 7730000268642 ) އިސްމައިލް ޝައިހާން މުހައްމަދު
އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު ( 7730000430149 ) އިސްމައިލް ޝައިހާން މުހައްމަދު
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ