ރައީސް ޔާމިން އެ ހުންނެވީ ހިބަރު ވަދެއްގައި ޖެހިފައި: އަބްދުﷲ ޝާހިދު

ރައީސް އަބްދުﷲ ޔާމިން އެ ހުންނެވީ "ހިބަރު ވަދެއްގައި ޖެހިފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.  
ށ. ފޯކައިދޫގައި އަންގާރަ ދުވަހުގެރޭ ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޖަލްސާގައި ޝާހިދު، ރައީސް އަބްދުﷲ ޔާމިން ހުންނެވި ހާލަތު ސިފަ ކުރެއްވީ ހިބަރެއް ވަދުގައި ޖެހުމުން ވާނެ ގޮތް ވެފައި ހުންނެވި ބޭފުޅެއް ގޮތުގައި އެވެ.  
"ހިބަރު ވަދެއްގައި ބުޅިއެއް ނީންނާނެ. އިންނާނީ ތިމަރަ ބަރެއްލާފައި ދޫކޮށްފައި. ހިބަރު ވަދެއްގައި ހިބަރު ޖެހުމަށް ފަހު ދެން އެ ސޮރު ކުރާނެ ކަމެއް ނޯންނާނެ. ފުމުނަސް ނަގާނީ. ބަޑިއެއް ޖެހިޔަސް ނަގާނީ. ތެޅުނު ވަރަކަށް ވާނީ ބަލި. ޔާމިނަށް އަޅުގަނޑު ދަންނަވާނީ މަނިކުފާނޭ، މަނިކުފާނު ތި ހުންނެވީ ހިބަރު ވަދެއްގައި ޖެހިފަ އޭ،" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.  
ރައީސް ޔާމިން ވެރިކަމަށް ގެނައުމަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމް ނުކުރައްވާ މަސައްކަތެއް ނެތް ކަމަށާއި ނަމަވެސް އެމަނިކުފާނު އެ ހުންނެވީ މިއަދު ޖަލަށް ލާފައިކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ އެ ހާލަތުގައި ވެސް ރައީސް ޔާމީނާއެކު ހައްދަވާނެ ޑީލެއް ނޯންނާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވާ ކަމަށެވެ.  
ހައްގު ބަސް ބުނި ލީޑަރަކު ވިއްޔާ ޖަލަށްލައި، މިނިވަން މީޑިއާތައް ބަންދުކުރުމަށް މަސައްކަތް ކުރަމުން ގެންދަވާއިރު އެ ހުރިހާ ފަރާތްތަކުންވެސް ބުނަމުން ގެންދަނީ އަނިޔާވެރިކަމަށް ބޯނުލަނބާނެ ކަމަށާއި، އެހެން ކަމުން ރައީސް ޔާމީން އެ ހުންނެވީ "ހިބަރު ވަދެއްގައި ޖެހިފައި" ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
"ބޮޑު ކަންނެލި އުކާލާހެން މަޖިލިސް މެމްބަރުން ނަގާ އުކާލީ. މަޖިލިސް މެމްބަރުން ތިބީ ގޮތްދޫކުރާ ގޮތަކަށްނޫން. ރައްޔިތުންގެ މަޖިލިސް މެމްބަރުން ތިބީ ފަހަތަށް ޖެހޭކަށްވެސް ނޫން. މަޖިލިސް މެމްބަރުން ތިބީ މި އަނިޔާވެރިކަމުން ގައުމު މިންޖުކުރަން ވެގެން، ޔާމިނަށް އަޅުގަނޑު ދަންނަވާނީ މަނިކުފާނު ތިޔަ ހުންނެވީ ހިބަރު ވަދެއްގައި ޖެހިފައިއޭ،" ޝާހިދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށް ޖަލަށްލާފައިވާއިރު ވެސް އެމަނިކުފާނު އަދިވެސް ވިދާޅު ވަނީ އަނިޔާވެރިކަމަށް ބޯނުލަނބާނެ ވާހަކަފުޅު ކަމަށް ވެސް ޝާހިދު ފާހަގަ ކުރެއްވި އެވެ.
 "ހިބަރު އޮތީ ބޭނިފައި، އެ ސޮރު އޮތީ ލޮޑުވެފައި. ހިބަރު ނަގާ ތައްޓުމައްޗަށް ނަގާ އެއްލާނަން. އިންސާފުގެ މަގަށް ރާއްޖެ ގެންދާނަން،" ޝާހިދު ވިދާޅުވި އެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ