އަޅުވެތިކަމުގައި ތިބެގެން ރައްޔިތުން ބޭނުންވާ ގޮތަށް ޤައުމު ތަރައްޤީއެއް ނުކުރެވޭނެ- ރައީސް ޔާމީން

އަޅުވެތިކަމުގައި ތިބެގެން ރައްޔިތުން ބޭނުންވާ ގޮތަށް ޤައުމު ތަރައްޤީއެއް ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ފޭދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، މިނިވަންކަމުގެ ވާހަކަ ދައްކަން އެންމެ އެކަށީގެންވާ އެއް ތަނަކީ އައްޑޫ ސިޓީ ކަމަށެވެ. އެގޮތުން 1965 ވަނަ އަހަރު ދިވެހިންނާއި ބައްދަލު ކުރިއިރު، އައްޑޫ ސިޓގައި އިސްތިއުމާރީ ބާރެއް ވަޒަންވެރިވެގެން ތިބިކަން ދިވެހިން ހަނދާނުން ފިލުވާލައިގެން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ފައިސާވެސް ހިމެނޭ ގޮތަށް އިސްތިއުމާރީ ބާރެއްގެ ދަށުގައި ތިބޭނަމަ، ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީއެއް ނުގެނެވޭނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަބަދު ދައްކަމުން އަންނަނީ ހުޅަނގުގެ ދޮން މީހުން ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅަން އުޅޭ ވާހަކަ ކަމަށެވެ.  ރައީސް ޔާމީން ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅާފާނެތީ ޤައުމު ވިއްކާނުލައްވާނެ ކަމަށެވެ. އަދި އެކަމަށް އެމަނިކުފާނު ތާއީދު ނުކުރައްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. "މިހާރު މިދައްކަނީ އެތަކެއް އަހަރު ކުރިން ހޯދި މިނިވަންކަމާއި ތޮޅޭ ވާހަކަ. ދާހިލީ ކަންކަމަށް ބޭރުގެ މީހުންގެ އަތްބޭނުން ބޮޑުވާހަކަ. ކޮންމެ ކަމެއްގައި ބޭރުގެ ނުފޫޒުގައި އަޅުގަނޑުމެން ތިބެންޖެހޭ ވާހަަކަ. އަޅުގަނޑުމެން އަބަދުވެސް ތިބެންވީ އިސްތިއުމާރީ ބާރަކަށް ސަޖިދަ ޖަހައިގެންތޯ؟" ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ދިވެހިންގެ ދީނާއި، މިނިވަންކަމާއި، ރައްޔިތުންގެ މަސްލަހަތާއި، ސަލާމަތަކީ ތަރައްޤީއަށް ވުރެ މުހިންމު ކަންތައް ކަމަށެވެ.  އަދި އެކަންކަން ދަމަހައްޓަންޖެހޭ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ޤައުމަށް ހެޔޮ އެދޭ ދަރިން ތިބެގެން ނޫނީ ޤައުމުގެ ހާލަތު ބަދަލު ނުކުރެވޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރަހައްދީ މުބާރާތްތަކުގައި ބައިވެރިވެގެން ދިވެހިން ފައިނަލުން ޖާގަ ހޯދަމުން އަންނައިރު، ތަރައްޤީގެ މަގުގައިވެސް ދިވެހިން ތިބީ ފައިނަލްގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ