ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ފުރިހަމައަށް އިޙްތިރާމްކުރަން - އިންޑިޔާ

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ފުރިހަމައަށް އިޙްތިރާމްކުރާކަމަށް އިންޑިއާ އިން ބުނެފިއެވެ.
އިންޑިއާގެ މަޝްހޫރު ދުވަހު ނޫހެއްކަމަށްވާ "އިންޑިއަން އެކްސްޕްރެސް"އަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ ރާއްޖޭގެ ތަރައްޤީއަށް ޗައިނާފަދަ ބޮޑެތި ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށެވެ.
ރާއްޖޭގެ ކަންކަމާއި އިންޑިއާއިން ނުބެހޭނޭކަން ޗައިނާއަށް އަންގާފައިވާނޭ ކަމަށް ވިދާޅުވަމުން އިންޑިއާގް އިސް އޮފިޝަލް ވިދާޅުވީ ޗައިނާއާއި އިންޑިއާއި ދެމެދު ކިތަންމެ ނުތަނަވަސްކަމެއް އޮތްނަމަވެސް، ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައި އޮތް އިތުބާރާއި، އެކުލަވާލާފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ޗައިނާއިންވެސް އިޙްތިރާމްކުރާނެކަމަށް އުއްމީދުކުރާކަމަށެވެ.
އޭޝިއާ އާއި ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ނުފޫޒު ގަދަ ޤައުމުގެ ގޮތުގައި އިންޑިއާ އޮތީ މާ ކުރިން ކަމަށާއި އެކަން މިހާރު ވަނީ މާޒީ އާއި އެކުވެގެން ގޮސްފައިވާކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން އޭޝިއާ ސަރަޙައްދުގެ ވިޔަފާރިއާއި އިޤްތިޞާދީ ކަންކަމުގެ މައްޗަށް ހަމައެކަނި އިންޑިޔާއަށް ބާރު ފޯރުވިދާނެކަމަށް ޤަބޫލުކޮށްގެން ނުވާނެކަމަށްވެސް އިންޑިއާ ސަރުކާރުގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.
ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއާއި ނޭޕާލްފަދަ ޤައުމުތަކުގައި ޗައިނާއިން ހިންގާ ބިޔަ މަޝްރޫޢުތައް އިންޑިއާއަށް ނުހުއްޓުވޭނަކަމަށާ، ބަދަލުގައި އިންޑިއާއިން ގެންގުޅޭ ސިޔާސަތުތަކާއި އެޤައުމުން ޤަބޫލުކުރާ ޤަބޫލުކުރުންތައް ޗައިނާއަށް ޙިއްޞާކުރެވިދާނެކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
ޗައިނާއަކީ ދުނިޔޭގެ ފެންވަރުގައިވެސް އިޤްތިޞާދީ ބިޔަ ބާރެއް ކަމަށާއި ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަޙައްދުގައި ޗައިނާއިން ހޯދަމުންދާ ކުރިއެރުންތައް އިންޑިއާއިން ބަލައިގަންނަ ފަދައިން، ޗައިނާއިންވެސް އިންޑިއާގެ ނާޒުކުކަމާއި، އޭޝިއާ ސަރަޙައްދުގެ ސުލްހަ މަސަލަސްކަމަށް އިޙްތިރާމްކުރަން ޖެހޭނެކަމަށް އިންޑިއަން އެކްސްޕްރެސްއާއި ވާހަކަދައްކަމުން އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައިވެއެވެ.
އިންޑިއާއިން ރާއްޖޭގެ ކަންކަމާއި ނުބެހޭނެކަން ހާމަކޮށްފައިވާއިރު، ދާދިފަހުން ރާއްޖޭގައި އިޢުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ، ނުފޫޒުފޯރުވުމަށް ހިތްވަރު ލިބޭނޭހެން އިދިކޮޅު ބައެއް ފަރާތްތަކާއި، ހަމައެހެންމެ އިންޑިއާއަށް ނިސްބަތްވާ ބައެއް ފަރާތުންތަކުން އެކި މީޑިއާތަކުގައި ވާހަކަތައް ފަތުރާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
ހަމައެހެންމެ ރާއްޖޭގައި ޗައިނާގެ އިންވެސްޓްމަންޓްތައް ގިނަވުމަކީ ޗައިނާގެ ނުފޫޒު މި ސަރަޙައްދަށް އިތުރުވެ، އިންޑިއާއި ރާއްޖޭގެ ގުޅުމަށް ހީނަރުކަން ގެނުވާނެކަމެއް ކަމަށްވެސް އިންޑިއާގެ ނުފޫޒުގަދަ ބައެއް ފަރާތްތަކާ ޙަވާދީ އެޤައުމުގެ މީޑިއާގައި ބުނެފައިވެއެވެ.
ނަމަވެސް ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ޒަމާންވީ ގުޅުން މިގޮތުގައި ކުރިއަށްދާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން އަބަދުވެސް އަންނަނީ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ