ސިފައިންނަށް ސްކޮލަރޝިޕް ހަމަޖައްސައިދެއްވުމަށް ރައީސް އަންނަނީ މަސައްކަތް ކުރައްވަމުން: ޣައްސާން

ތަފާތު އެކި ދާއިރާތަކުން ކުރިއަށް ދާން ބޭނުންވާ ސިފައިންނަށް ސްކޮލަރޝިޕް މެދުވެރިކޮށް ކިޔެވުމުގެ ފުރުސޞަތު ފަހި ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަމުން އަންނަކަމަށް، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯހުގެ ބައިވެރިން ހުވާ ކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިފާއީ ވަޒީރު ވިދާޅުވީ، ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިންނަވާ ބޭފުޅުންގެ ކުރި މަގަށް ވިސްނުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ. އެގޮތުން، ދިވެހި އަސްކަރިއްޔާ އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރުން، ދިވެހި ސިފައިންނަށް ފަރުދީ ގޮތުން ބޭނުންވާ ކަންކަން ޙާޞިލްކޮށްދެއްވުމަށްވެސް އެމަނިކުފާނު ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެމަނިކުފާނުގެ ވިސްނުންފުޅުގަ އޮތީ ދިވެހި ސިފައިންގެ ޚިދުމަތަކީ ޒުވާނުންނަށް ކެރިއާ ޕާތެއްގެ ގޮތުގަ ހަމަޖައްސަވައިދެއްވުން. އޭގެ މާނައަކީ ތި ޒުވާނުންނެކޭ އެއްފަދައިން ސްކޫލް ދައުރު ނިންމަވާ އެހެން ޒުވާނުންވެސް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިން އަސްކަރީ ނޫން ޤައުމަށް ފައިދާވާ އެހެން ދާއިރާތަކުން ވެސް، މިސާލަކަށް އިންޖިނިއަރަކަށް ވާން ބޭނުންވާ ކުއްޖެއް އިންޖިނިއަރިންގ ޑިގްރީއަށް، ޑޮކްޓަރަކަށް ވާން ބޭނުން ކުދިން މެޑިސިން ހަދަން ސްކޮލަރޝިޕްގެ ފުރުސަތުތައް ދިވެހި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ވަނީ ފައްޓާވާފަ." ދިފާއީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް ގެދޮރުވެރިކަން މިލްކުވާނެ ގޮތް ރައީސް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި، މިކަންކަން ކަށަވަރު ކުރައްވާ، ސިފައިންނަށް ކުރިއެރުން ހޯއްދަވައިދެއްވުމަށް ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮށްދެއްވާ ބުރަ މަސައްކަތްޕުޅު ފާހަގަކޮށް، ދިވެހި ސިފައިންގެ ނަމުގައި އެމަނިކުފާނަށް ވަނީ ޝުކުރު ދަންނަވާފައެވެ.
ސިފައިންގެ އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ