ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ ޝަރަފުވެރި އެއްވަނަ ޒުލައިޚާ ލީމް އަޝްފާޤަށް

ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތް 1445 ވަނަ އަހަރުގެ މުޅި މުބާރާތުން ޝަރަފުވެރި އެއްވަނަ ޒުލައިޚާ ލީމް އަޝްފާޤް ޙާޞިލުކޮށްފިއެވެ.
މިއަހަރުގެ ރަމަޟާން މަހު ގެނެސްދިން، ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާފާޅުކޮށް އިނާމް ދިނީ މިކަމަށްޓަކައި ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައި ބޭއްވި ހާއްސަ ޙަފްލާއެއްގައެވެ. މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ.
މިޙަފްލާގައި ވަނީ އެކި ޢުމުރުފުރާއިން ވަނަވަނައަށް ހޮވުނު ކުދިންނަށާއި، މުޅި މުބާރާތުން ވަނަވަނައަށް ދިޔަ ކުދިންނަށް އިނާމާއި، ޓްރޮފީ އަދި ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ. އެހެން އަހަރުތަކާއި ޚިލާފަށް މި އަހަރުގެ ޤުރުއާން މުބާރާތް ކުރިއަތް ގެންގޮސްފައިވަނީ ބަލައިގެން ކިޔުމުގެ ބައިން އެކަންޏެއެވެ.
އެގޮތުން މުޅި މުބާރާތުން ޝަރަފުވެރި 1 ވަނަ ޙާޞިލްކޮށްފައިވަނީ އއ. ތޮއްޑޫ، ޗާންދަނީމާގެ، ޒުލައިޚާ ލީމް އަޝްފާޤެވެ. 2 ވަނައަށް ގޮސްފައިވަނީ ށ. ކަނޑިތީމު ފިޔެސް، މަރްޔަމް އީޝަލް އަޝްރަފެވެ. އަދި މުޅި މުބާރާތުން 3 ވަނަ ޙާޞިލްކޮށްފައިވަނީ ހ. އީސްޓް ވައިޓް، ޔޫސުފް އަޝްހަދު އަޝްރަފެވެ.
މި ފަރާތްތަކަށް ފައިސާގެ އިނާމާއި، ޓްރޮފީ އަދި ހަދާނީ ލިޔުން ޙަވާލުކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ. މި މިބާރާތުގެ އެއްވަނައަށް 15000 ރުފިޔާ ދެވަނައަށް 10000 ރުފިޔާ އަދި 3 ވަނައަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތް މި ފަހަރު ކުރިއަށްގެންގޮސްފައިވަނީ ބަލައިގެން ކިއުމުގެ ބައި އެކަނި ހިމެނޭހެން 3 ޢުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެގޮތުން ޢުމުރުން 5 އަހަރާއި 7 އަހަރާއި ދެމެދުގެ ޢުމުރުފުރާއާއި، 7 އަހަރާއި 10 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ އިތުރުން 10 އަހަރާއި 12 އަހަރާއި ދެމެދުގެ ޢުމުރުފުރާގައި ކުދިންވަނީ ބައިވެރިވެ ކިޔަވާފައެވެ.
ވަކިވަކި އުމުރު ފުރާތަކަށް ބަލާއިރު 5 އަހަރާއި 7 އަހަރުގެ އުމުރު ފުރާއިން އެއްވަނަ ޙާޞިލްކޮށްފައިވަނި ފުވައްމުލައް ސިޓީ، ދިލްއާރާމުގެ، އަލްވީނާ އަހުމަދު ސިޔާދެވެ. 7 އަހަރާއި 10 އަހަރުގެ އުމުރު ފުރާއިން އެއްވަނަ ޙާޞިލްކޮށްފައިވަނީ ށ. ކަނޑިތީމު ފިޔެސް، މަރްޔަމް އީޝަލް އަޝްރަފެވެ. އަދި 10 އަހަރާއި 12 އަހަރުގެ އުމުރު ފުރާއިން އެއްވަނަ ހާސިލްކޮށްފައިވަނީ އއ. ތޮއްޑޫ، ޗާންދަނީމާގެ، ޒުލައިޚާ ލީމް އަޝްފާޤެވެ.
ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ގެނެސްދޭ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި މިއަހަރު 781 އަށްވުރެ ގިނަ ކުދިންވަނީ ކިޔަވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 5 އަހަރާއި 7 އަހަރާއި ދެމެދުގެ ޢުމުރުފުރާއިން ކިޔެވި 233 ކުދިންނާއި، 7 އަހަރާއި 10 އަހަރާއި ދެމެދު ކިޔެވި 355 ކުދިންގެ އިތުރުން، 10 އަހަރާއި 12 އަހަރާއި ދެމެދު ކިޔެވި 193 ކުދިން ހިމެނެއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ޕީއެސްއެމްއިން ގެނެސްދޭ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މުބާރާތެކެވެ. މިއީ ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް އޮންނަ ލޯތްބާއި ޝަޢުގު އިތުރުކޮށް، ތަޖުވީދުގެ ހަމަތަކާއެއްގޮތަށް ކިޔެވުމަށް ބާރު އެޅުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ