"ކޮރަޕްޝަންގެ ޢަމަލެއް ނުހިންގަން، އިނގިލި ދިއްކުރުމުގެ ޖާގައެއް ނޯންނާނެ" - އުމަރު

"މިނިވަން 50" ފާހަގަކުރުމުގެ ހަރަކާތްތަކުގައި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގާފައިނުވާނެކަމަށާއި، އިނގިލި ދިއްކުރުމުގެ ޖާގަ ނޯންނާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
"މިނިވަން 50" ގެ ހަރަކާތްތަކާއި ގުޅިގެން އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓާއި ގުޅިގެން އުމަރަށް ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުޙުމަތުތަކެއް ކުރެވެން ފަށާފައެވެ.
މިކަމާއި ގުޅިގެން އުމަރު ވިދާޅުވީ އޭނާއަކީ "ހުދުވަލުގެ ވެރިޔާ" ކަމަށާއި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ. މީގެއިތުރުން، ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވޭވަރުގެ ކަމެއްވެސް ކުރައްވާފައިނުވާނެ ކަމަށާއި ކޮރަޕްޝަނުގެ ތުހުމަތުގެ އިނގިލި ދިއްކުމުގެ ޖާގައެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިނިވަން 50" ގެ ހަރަކާތްތަކުގެ ކޮރަޕްޝަންގެ އިނގިލި ދިއްކުރެވޭނީ ރައީސް ޔާމީނާއި ކެބިނެޓުގެ އެހެން ބައެއް މިނިސްޓަރުންނަށްކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު މިފަދައިން ވިދާޅުވިއިރު، "މިނިވަން 50" ހަރަކާތްތަކާއި ގުޅިގެން ރައީސް ޔާމީން އުފެއްދެވި ކޮމެޓީގެ ޗެއަރކަން ކުރެއްވީ އުމަރެވެ. އަދި ހުރިހާ ކަމެއް ހިންގަމުން ދިޔައީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަޞީރުގެ ބެއްލެވުމުގެ ދަށުންނެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި، އިއުލާންކޮށްގެން ޚަރަދުތައް ކުރަން ފިނޭންސް މިނިސްޓްރީން ހާއްސަ ހުއްދައެއް ދީފައި އޮއްވައި، އެ ޚަރަދުތައް ކޮށްފައިވަނީ އެއާ މުޅިން ހިލާފަށެވެ. އެގޮތުން، އިއުލާން ނުކޮށް 63 މިލިއަން ރުފިޔާ މިނިވަން 50ގެ އެކިއެކި ކަންކަމަށް ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ