އިސްތިއުފާދޭން ޖެހޭ ނަމަ އެކަން ނިންމާނީ 2018 ގައި ރައްޔިތުން – ރައީސް ޔާމީން

އިސްތިއުފާދޭން ޖެހޭ ނަމަ އެކަން ނިންމާނީ 2018 ގައި ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު މުލިޔާގޭގައި ކައުންސިލް މެންބަރުންތަކެއް ޕީޕީއެމްއަށް ގުޅުމަށް ބޭއްވި ރަސްމިޔާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އިސްތިއުފާދޭންޖެހޭ ސަބަބެއް ނެތް ކަމަށާއި އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑަކަށް އެއްވެސް ފަރާތަކުން ޕްރެޝަރެއް ނުކުރޭ. އަޅުގަނޑު އިސްތިއުފާ ދޭން ޖެހެންޏާ އެކަން ނިންމާނީ 2018 ގެ އިންތިހާބުގައި ރައްޔިތުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މޭޑޭގައި ރައީސް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ގޮވަމުން ދިޔަނަމަވެސް އިސްތިއުފާ ދޭން ނުޖެހޭ ކަމަށެވެ.
މި ސަރުކާރުން ގާނޫނާ ހިލާފުވެއްޖެ ކަމަށް ބުނަމުންދާއިރު އިދިކޮޅު ފަރާތްތަކަށް ގާނޫނާ ހިލާފަށް ކުރެވިފައިވާ ކަމެއް ދެއްކިފައެއް ނެތް ކަމަށާއި މި ސަރުކާރުން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ނުދެއްކޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮރަޕްޝަން ވިހައިގެން މިއުޅެނީ މިއަދަކު ނޫން ކަމަށާއި ކޮރްޕްޝަން އޮތުމަކީ އަނިޔާވެރިވުމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ގާނޫނީ ބޭރުން ގޮވާ ގޮވުމަކަށް އިޖާބައެއް ނުދޭނަން. ގާނޫނީ ބާރު ހިންގާ ހުކުމް ތަންފީޒުވާނެ. އަނިޔާވެރިވުމަކީ މުޅި ގައުމުގެ މަސްލަހަތަށް ކުރާ ކަންތައްތަކާ ދެކޮޅަށް އެކުރެވޭ ކަންތައްތަކަކީ ހަގީގަތުގައި ރައްޔިތުންނަށާއި މުޅި ދިވެހި ދައުލަތަށް ކުރެވޭ އަނިޔާ. އަނިޔާވެރިކަމުގެ ޑެފިނީޝަން މިވަނީ އޮޅިފައި." ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ