ގައުމު އޮތް ހާލަތުން އަރައިގަނެވެން އޮތީ ހުރިހާ ރައްޔިތުންވެސް ގާނޫނީ އިމުގެ ތެރެއިން ބިރު ފަހަނައަޅާ ނިކުމެގެންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މިހާރު އެޕާޓީން ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ހާލަތު އޮތްގޮތް މިއަދު ކޮންމެ ރައްޔިތަކަށްވެސް އެނގޭކަމަށާ މިހާލަތުން އަރައިގަންނަން ރައީސް މައުމޫނާއި، ރައީސް ނަޝީދު ވިދާޅުވެފައިވާ ފަދައިން ރައްޔިތުން ބިރު ފަހަނައަޅާ ނިކުމެގެންކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް މިރޭވެސް ވިދާޅުވީ ގައުމު ހަމަޖެހޭނީ މަޖިލީހުގެ މެންބަރުން އިންތިހާބުކުރި ހައިސިއްޔަތަށް ރުޖޫއަވެގެންކަމަށެވެ. ގާސިމް ވަނީ މިރޭވެސް އެޕާޓީ ދޫކޮށްދިޔަ މެންބަރުންނާއި، އެމްޑީޕީ ދޫކޮށްދިޔަ މެންބަރުންވެސް އަލުން އެ ޕާޓީތަކަށް އެނބުރި އައުމަށް ގޮވާލައްވާފައެވެ.
އެމަނިކްފާނު ވިދާޅުވީ ވަކި ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުން މެންބަރުން އިންތިހާބުކުރަނީ އެ ޕާޓީއަކަށް ތާއީދުކުރާތީކަމަށާ ގައުމު ހަމަޖެހި، ޒިންމާދާރު މުޖްތަމައުއެއް އުފެދިގެންދާނީ އޭރުންކަމަށެވެ. އަދި ޕާޓީ ދޫކޮށްދިޔަ މެންބަރުން އަނބުރާ އައުމަކީ އެ މެންބަރުނަށްވެސް ލިބޭނެ ދިރުމެއްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޕާޓީ ދޫކޮށްދިޔަ މެންބަރުނަށް މިހާރު ތިބި ޕާޓީތަކުން ދެން ޓިކެޓް ދޭނެތޯ ސުވާލްކޮށްލަން ބޭނުންވާކަމަށެވެ. ނަމަވެސް އެ މެންބަރުން އެނބުރި ޖޭޕީއަށް ވަޑައިގެންފިނަމަ ޕާޓީގެ ޓިކެޓް ކުރިއަށް އޮތް އިންތިހާބުގައިވެސް ދެއްވާނެކަމަށެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ނިންމެވި ސަބަބާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލެއްވީ ސީދާ ރައީސް ޔާމީން އެކަމަށް އެދިވަޑައިގަތުމުންކަމަށެވެ. އެކަމަށް ރައީސް އެދިވަޑައިގެންނެވީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް މެދުވެރިކުރައްވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް އެމަނިކްފާނު ކުރިމަތިލެއްވުމުން ކޯލިޝަން ރޫޅާލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާ މަޝްވަރާކޮށް ވާހަކަދެކެވުނު ނަމަ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިނުލައްވާނެކަމަށެވެ.
ތަފްސީލް އަންނަނީ---
ބިރު ފަހަނައަޅާ ރައްޔިތުން ނިކުންނަންވެއްޖެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ