ޕީޖީގެ ސަބަބުން ޝަރީއަތްތަކަށް ބުރޫއަރާތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކަންބޮޑުވުން ފާޅުކޮށްފި

ކޯޓުގައި ތާވަލު ކުރެވޭ ޝަރީއަތްތަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ފޮނުއްވާ ވަކީލުން، ޝަރީއަތްތަކަށް ފޮނުވުމުގައި ހުރި މައްސަލަތަކާ ގުޅިގެން މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާ ކަމަށް ބުނެ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކޯޓުން މިކަމާ ކަންބޮޑުވުން ފާޅުކުރީ ޕީޖީ އޮފީހަށް މިއަދު ފޮނުވި ސިޓީއެއްގަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ހިތަދޫ ކޯޓުގައި ތާވަލްކޮށްފައި އޮންނަ ޝަރީއަތެއް، އެހެން ކޯޓެއްގައި ޕީޖީގެ ވަކީލަކާ އެކު ޝަރީއަތް ތާވަލްކުރުމަކީ ހިތަދޫ ކޯޓުގެ ޝަރީއަތްތައް ކެންސަލް ކުރަން ޖެހޭނެ ސަބަބެއް ކަމަށް ނުދެކޭ ކަމަށެވެ.
"...ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި މައްސަލަތައް ތާވަލް ކުރެވިފައި އޮތުމަކީ މި ކޯޓުގައި [ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި] ތާވަލްކުރެވޭ މައްސަލަތަކަށް ޕްރިސެކިއުޓަ ޖެނެރަލްގެ ފަރާތުން ވަކީލަކު ހާޒިރުނުވުމަށް އޮތް ގާނޫނީ އުޒުރެއް ކަމުގައި ނުވާތީ މި ކޯޓްގައި ޝެޑިއުލް ކުރެވޭ މައްސަލަތަކަށް ވަކީލުން ހާޒިރުވާން ޖެހޭނެ ކަމުގައި ދަންނަވަމެވެ،" ޕީޖީގެ ސީނިއާ ޑިސްޓްރިކްޓް ޕަބްލިކް ޕްރޮސެކިއުޓާ މުހައްމަދު ރަފީއު އަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ފޮނުވި ސިޓީގައިވެ އެވެ.
އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ ތާވަލް ކުރެވޭ ޝަރީއަތްތަކަށް ވަކީލުން ފޮނުވެން ނެތް ކަމަށް ތަކުރާރުކޮށް ޕީޖީން އަންގަމުންދާތީ ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
"މީގެ ސަބަބުން މައްސަލަތައް ކެންސަލްވެ ހަސްމުންގެ ހައްގުތަކަށް އުނިކަން ލިބި، އެކަމުގެ ޝަކުވާ މި ކޯޓްގައި ކުރަމުންދާތީ ޝެޑިއުލްކުރެވޭ މައްސަލަތަކަށް ވަކީލަކު ފޮނުވައި ދެވެން ނެތް ކަމަށް ގާނޫނީ ސަބަބެއް ނެތި ވިދާޅުވުން ބަލައި ނުގަންނާނެ" ކަމަށް ހިތަދޫ ކޯޓްގެ ސިޓީގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ