ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ މިއަދު ގެޒެޓްކޮށްފި އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގައި ބުނެފައިވާ ގޮތުން ކޮންމެ އިންތިހާބެއްގައި ވެސް ވޯޓް ލާ މީހުންގެ ރަޖިސްޓްރީ، އެ އިންތިހާބެއްގެ 45 ދުވަސް ކުރިން ގެޒެޓްކުރަން ޖެހެ އެވެ.
ރިޔާސީ އިންތިހާބުގެ ގަވާއިދުގެ ބުނެފައިވާ ގޮތުން ވޯޓް ރަޖިސްޓްރީގައި ހިމެނިފައިވާ ނުވަތަ ހިމެނިފައިނުވާ މައުލޫމާތަކާ ގުޅޭ ގޮތުން ނުވަތަ އެ ރަޖިސްޓްރީ ސައްހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާ ނުވަތަ އުނިއިތުރާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އިލެކްޝަންސް ފޯކަލް ޕޮއިންޓުތަކަށް ނުވަތަ އިލެކްޝަންސް ކޮމިޝަނަނަށް 10 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ އެވެ. ޝަކުވާ ހުށަހަޅަންޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމުގަ އެވެ.
ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއާ ބެހޭ ގޮތުން އިލެކްޝަންސް ފޯކަލް ޕޮއިންޓުންނަށް ހުށަހަޅާ މައްސަލަތައް ދުވަހުން ދުވަހަށް ކޮމިޝަނަށް ފޮނުވަންޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.
ވޯޓް ރަޖިސްޓްރީ އަށް މީހަކު އިތުރުކުރެވޭނީ ލިސްޓުގައި ނަން ނެތިގެން ހުށަހަޅާފައިވާ ޝަކުވާއާއެކު އެ މީހަކީ ވޯޓު ލާ ދުވަހަށް 18 އަހަރު ފުރިފައިވާ މީހެއްކަން ސާބިތުކޮށްދޭނެ ލިޔުމެއްގެ އަސްލު ނުވަތަ ކޮޕީ ހުށަހެޅުމުންނެވެ. އަދި ލިސްޓުން މީހަކު އުނިކުރެވޭނީ ލިސްޓުގައި ހިމެނިފައިވާ ފަރާތެއް އުނިކުރުމަށް ހުށަހަޅާފައިވާ ޝަކުވާއާ އެކު އެ މީހަކީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން އުނިކުރަން ޖެހޭ މީހެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ އަސްލު ނުވަތަ ކޮމިޓީ ހުށަހެޅުމުންނެވެ.
ނިޔާވެފައިވާ މީހެއްގެ ނަން ވޯޓް ރަޖިސްޓްރީން އުނިކުރުމުގައި ސައްހަ ލިޔުމެއްގެ ގޮތުގައި ބަލާނީ މަރުފޯމު، ރަށްވެހިންގެ ރަޖިސްޓްރީ އުނިކުރަން އެދިފައިވާ މީހަކީ މަރުވެފައިވާ މީހެއްކަމަށް ސަރުކާރުގެ މުއައްސަސާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުން ފަދަ ލިޔުންކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި 240،000 މީހުންނަށް ވޯޓްލާނެ އެވެ. އެންމެ ފަހުން 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބުނު މީހުންގެ އަދަދަކީ 209،294 އެވެ.
ރިޔާސީ އިންތިހާބުގެ ވޯޓް ރަޖިސްޓްރީ ގެޒެޓްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ