ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި، ދިނީ ދެ އަހަރު
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާއި ސުޕްރީމް ކޯޓު ފިޔަވައި ހުރިހާ ކޯޓުތަކެއްގެ ހިންގުން އެއް ތަނަކަށް ބަދަލުކުރުމަށް މާލޭ ކޯޓު ކޮމްޕްލެކްސް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. ހައުސިން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ 720 ދުވަސް، ނުވަތަ ދެ އަހަރު ދުވަހުގެތެރޭ ނިންމާ ގޮތަށެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޔޫސުފް ޢަބްދުލްޣަފޫރެވެ. އަދި އެމްޓީސީސީ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީއެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާ މި ކޯޓު ކޮމްޕްލެކްސް ބިނާކުރަނީ ސެންޓްރަލް ޕާކާ އިންވެގެންވާ ސަރަހައްދުގައެވެ. ހައުސިން މިނިސްޓްރީން ބުނީ، ޖުމުލަ 14 ބުރީގެ މި ކޯޓު ކޮމްޕްލެކްސްގައި ޑީޖޭއޭގެ އިތުރުން ހައިކޯޓާއި ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ޑުރަގު ކޯޓާއި ޖުވެނައިލް ކޯޓު ހިންގާނެ ކަމަށެވެ. އަދި މި ކޯޓު ކޮމްޕްލެކްސް ތަރައްގީކުރާނީ ޒަމާނީ ވަސީލަތްތަކާއެކު، ފަނޑިޔާރުންނާއި އާންމުންނަށް ވެސް ފަސޭހަ އިންތިޒާމުތައް ހިމެނޭ ގޮތަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ކޯޓުތަކުގައި ގިނަ މައްސަލަތައް ނުނިމި ފުނިޖެހިފައިވާ މައްސަލައަކީ އަދިވެސް ހައްލުނުވެ އޮތް މައްސަލައެކެވެ. މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމަކީ އާންމުންގެ މެދުގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ. https://sun.mv/205763 މީގެ ކުރިން "ރައްޔިތުންގެ އަޑު" ނަމުގައި ގެނެސްދިން ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މައްސަލަތައް އަވަހަށް ކުރިއަށް ގެންދިއުމުގައި ކޯޓުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށް ފާހަގަކުރައްވައިފައެވެ. ރައީސް ވިދާޅުވީ ކޯޓުތަކުގެ ގާބިލުކަން އިތުރުކޮށް، ޖާގައާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ